ދައުލަތުގެ ހިންގުމުގެ ސިޔާސަތަކީ ޤައުމީ ވިސްނުންތެރިކަމެއް ނެތް ސިޔާސަތެއްކަން ރިޔާސީ ބަޔާނުން ހާމަވިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެމްއެންޕީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެ ގަވާއިދުގައިވާ މުއްދަތުގައި މިއަހަރުގެ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވާފައި ނުވަތީ، މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީއެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވައި މަޖިލީހަށް ހުށަހެޅުއްވި ޖަވާބުގައެވެ.

Ad
rt

މި ޖަވާބުގައި ބުނެފައި ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުން ފެނިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ރިޔާސީ ބަޔާން އިއްވުމުގެ ބާރާއި، ޒިންމާ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަޢުދުތަކެއް ވެވަޑައިގެންނެވުމަށް ބޭނުން ކުރެއްވި ތަން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ސިޔާސަތަކީ ޤައުމީ ވިސްނުމެއްނެތި ފެންފައިބާ ތަންތަނުގައި ޕެޗު އެޅުމުގެ ސިޔާސަތުކަން އެނގިގެން ދިޔަކަމަށް އެ ޖަވާބުގައި ބުނެފަވެއެވެ.

''އިތުރަށް ފެނިގެން ދިޔައީ ޤައުމުގައި އަވަހަށް ހައްލުކުރަންޖެހޭ ސީރިއަސް މައްސަލަތައް ހުރިއިރު، އެކަންކަމުގެ ޙައްލުތަކުގެ ވާހަކަނެތި، ވޯޓަށް ޓަކައި މީހުން ރުއްސުމަށް ދެވޭ ހަދިޔާތަކެއްގެ ވާހަކަ މުޅި ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ތަނެވެ.'' އެމްއެންޕީގެ ޖަވާބުގައި ބުނެފަވެއެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި މުޅި ދައުލަތް ހިންގާނެގޮތުގެ ތަސައްވުރެއް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގައި ނެތްކަން ވެސް އެ ބަޔާނުން ދޭހަވެގެން ގޮސްފަވެއެވެ.

އެމްއެންޕީގެ ޖަވާބުގައި ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަޢުލީމީ، ޒުވާނުން، މުސާރައާއި އުޖޫރަ، ހާއްސަ ރައްކާތެރިކަމާއި، އިޖުތިމާއި ރައްކާތެރިކަން، މަސްތުވާތަކެތީގެ މައްސަލަ، ކުށުގެވެށި، ފުލުހުންގެ ޚިދުމަތް، ވައިގެ ބަނދަރުތައް، ހައުސިން، ފަތުރުވެރިކަން، އަދުލުއިންސާފު، ކޮރަޕްޝަން، ދައުލަތުގެ ކުންފުނިތައް، ޚާރިޖީ އަދި ދިފާޢީ ސިޔާސަތު، ސިއްހީ ދާއިރާ، ދައުލަތުގެ ހިންގުމުގެ ނިޒާ އަދި ކުންފުނިތައްފަދަ ކަންކަމުގެ މައްޗަށް ވަކިވަކިން ޖަވާބު ދެއްވާފަވެއެވެ.

މި ޖަވާބާއެކު އެ ޕާޓީން ފޮނުވި ސިޓީގައި، މި ޖަވާބު މަޖިލީހަށް ރަސްމީ ސިފައެއްގައި ބަލައިގަނެ، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި ހުށަހެޅޭނެ ގޮތައް އެޖެންޑާކޮށް ދިނުމަށް އެދިފައިވެއެވެ.

(ނިމުނީ)