މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023"ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ ލީޑު ދެވަނަ ފަހަރަށް ވެސް ކަނޑިތީމުން ނަގާފައިވާއިރު އެ ލަނޑުވެސް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ނަދާދު އެވެ. މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަވި ގޯލު ފޯކައިދޫއަށް ޖަހައިދީފައި ވަނީ އެ ޓީމުގެ އިބްރާހީމް މުޝީރު އެވެ.
މި މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތިޖާއިން އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކަނޑިތީމުން ޖެހި ތިން ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އަނެއް ދެ ޕެނަލްޓީ ވަނީ ވަނީ ފޯކައިދޫ ކީޕަރު މަތަކޮށްފައެވެ. ޕެނަލްޓީގައި ފޯކައިދޫން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ށ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ފައިނަލް މެޗުގައި ވެސް ދެ ގޯލު ޖަހައިދިން ކަނޑިތީމުގެ ކެޕްޓަން، އިބްރާހިމް ނަދާދު އެވެ.
ރޭގެ ފައިނަލްގައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ ހޯދިއިރު، ބޮޑުތިލަދުންމަތީގެ އަނެއް ދެ އަތޮޅުގެ ތެރެއިން ހއ. އަތޮޅުން ޗެމްޕިއަންކަން ހޯދީ އުތީމެވެ. ހދ. ގެ ޗެމްޕިއަނަކީ ނައިވާދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!