ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫ ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ސްކޫލް ބަންދާއި ދިމާކޮށް ބާއްވަމުން އަންނަ ފިއްލަދޫ ހޮލިޑޭ ކަޕްގެ 12 ވަނަ މުބާރާތްފެށިގެން ކުރިއަށްދާއިރު މިއަދު ހެނދުނު ކުޅުނު މެޗްގައި ޑީޖޭ އަމިކޯ އަދި ފޮލޯމީ ބައްދަލުކޮށް 5-3 ން ކާމިޔާބުކުރީ ޑީޖޭ އަމިކޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީޖޭ އަމިކޯގެ އަލީ ކާމިލްއެވެ.

މިއަދުގެ ދެވަނަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ އެފްސީ ލެޖެންޑް އަދި އެފްސީ ގޫޕްސްއެވެ. މިމެޗް 1-0 ގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ އެފްސީ ގޫޕްސްއެވެ. ހަވީރު ކުޅުނު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ގޫޕްސްގެ ގޯލް ކީޕަރ އަހުމަދު ނިހާލްއެވެ.

މި މުބާރާތުގައި މާދަމާވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ހެނދުނު ކުޅުމަށް ހަމޖެހިފައިވާ މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ފޮލޯމީ އަދި ޑެޒްލިންގް ރޯވާސްއެވެ. ޑީޖޭ އަމިކޯ އަދި އެފްސީ ގޫޕްސް ބައްދަލުކުރާ މާދަމާގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 3 ވާ އަންގާރަ ދުވަހުއެވެ.

މިއަހަރުގެ ފިއްލަދޫ ހޮލިޑޭ ކަޕްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!