ހއ. މުރައިދޫ ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަފިއެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ''ތިލަދުން'' އަށް ވިދާޅުވީ، އިއްޔެ މުރައިދޫ ކައުންސިލުން ރައީސް ޞާލިޙާއި ބައްދަލުކުރައްވައި، މުރައިދޫގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

Ad
rt

މުލިއާގޭގައި ބޭއްވި މި ނުރަސްމީ ބައްދަލުކޮށްލެއްވުމުގައި މުރައިދޫގެ ތަރައްގީއަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހަލުވި ކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށް ސިނާން ވިދާޅުވިއެވެ.

''ރައީސްގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ލިބުނީ އުއްމީދީ ޖަވާބުތަކެއް، އަޅުގަނޑުމެން ވާނީ ރަށުގެ ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ރައީސަށް ދަންނަވާފައި، އޭގެ ތެރޭގައި ރަށުގައި 300 މީހުންގެ ޖާގައިގެ އައު މިސްކިތެއް ބިނާ ކޮށްދިނުމަށާއި، ރަށު ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްް އައު އިމާރާތެއްގެ ވާހަކަ ދެންނެވިން،'' ސިނާން ވިދާޅުވިއެވެ.

މިކަންކަމާއި ގުޅިގެން ބަޖެޓުން ކުރިއަށް އޮތްތަނުގައި މިކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ޒައާމަތުގައި މުރައިދޫގެ ތަރައްގީއަށް މުހިއްމު މަސައްކަތްތަކެއް މިހާރު ވެސް ހިނގަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އައު އިންޖީނުގެއެއް އިމާރާތް ކުރުމާއި، ފެނަކަ އައު އޮފީހެއް އެޅުމާއި، ރަށުގެ ކަރަންޓް ވިއުގަ ޒަމާނީކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރުމާއި އަދި ޒަމާނީފެންވަރުގެ ބޯޅަދަނޑެއް ތަރައްގީ ކުރެވެމުންދާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުކޮށްލެއްވުމުގައި މުރައިދޫ ކައުންސިލްގެ ހަތަރު މެންބަރުންނާއި، މުރައިދޫ ހިމެނޭ، ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބުދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.