ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހއ.ދިއްދޫ ކައުންސިލް މަސްރޭސް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ އިތުރުން އެ ރަށުގެ އާބާދީގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމެވެ.
މި މުބާރާތުގައި ކުލަބް ޖަމިއްޔާއާއި ކުންފުނިތަކާއި އޮފީސްތަކުގެ ނަމުގައި ޓީމް ބައިވެރި ކުރެވޭނެއެވެ. މީގެއިތުރުން އަމިއްލަ ގްރޫޕްތަކަށް ވެސް ޓީމްތައް ބައިވެރި ކުރެވޭނެއެވެ. ކޮންމެ ޓީމެއްގައި ވެސް ގިނަވެގެން ހިމެނޭނީ 10 މެމްބަރުންނެވެ.
މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ބާނާ މަސް ކިރައިގެން ބަރުދަނަށް ބަލައިގެންނެވެ. މިގޮތުން މަސްތައް ކިރުމަށް ފަހު ބަރުދަން އެންމެ އިތުރު ޓީމަކަށް އެއްވަނަ ލިބޭނެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން ރަނަރަޕް ޓީމާއި އެންމެ ބަރު މަސް ބޭނި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ކަނޑުތަކުން ބޭނުން ނުވަތަ ހިފުމަށް ސަރުކާރުން މަނާކޮށްފައިވާ އެއްވެސް މަހެއް ބޭނިއްޖެ ނަމަ އެ މަހެއް ދޫކޮށްލަން ޖެހޭއިރު، އެ މަހެއް ބޭނި ކަމުގައި ވީނަމަވެސް މުބާރާތުގައި އެ މަހެއް ނުގުނާނެއެވެ.
މުބާރާތުގެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދާ ސަރަހައްދުގެ ތެރެއިން ހިފުން، ބޭނުން ނެގުން، މެރުން އަދި ގަނެވިއްކުން މަނާތަކެތީގެ ލިސްޓެއް ވެސް ހިމަނާފައެވެ. އެ ލިސްޓުގައި ހިމެނޭތަކެއްޗަކީ ކޯމަސް، ބޮޑުމަހުގެ ހުރިހާ ބާވަތެއް، މިން ހަމަނުވާ އިހި، ސަންގު، ގާހަކަ، އެންދެރި، ފެހުރިހި، މާހުޅުނބު ލަނޑާ، މިޔަރުގެ އިތުރުން ވެލާ ކަހަނބުގެ އެންމެހާ ބާވަތްތަކެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 (ތިންހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 1500 (ފަނަރަ ސަތޭކަ) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު އެންމެ ބަރުމަސް ބާނާ ފަރާތަށް 500 (ފަސްސަތޭކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭ އެންމެ ފަހުގެ ތާރީޙަކީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ކައުންސިލުންނާއި، އެ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.
ގަވައިދު: https://docdro.id/AbbUohq
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!