ތިލަފުށިން ސިނާއީ ބޭނުމަށް ވިއްކާ ބިންތަކުގެ ތެރެއިން 90 އިންސައްތަ ބިން ހާއްސަ ކޮށްފައިވަނީ ދިވެހިންނަށް ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ދެނެގަނެ، ހައްލުތައް ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގެ ބިން އިތުރުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަކަމަށާއި އެގޮތުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން 50 ބިމެއް ބީލަމުގެ އުސޫލުން މިހާރުވރސް ވިއްކުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.

ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 އިންސައްތަ ހާއްސަ ކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި ބިން ދޫކުރާނީ ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯންއެއް ނޫން ކަން ފާހަގަކޮށް އެޗްޑީސީން ބުނީ، ތިލަފުށީގެ މަދު ބިންތަކަކަށް އެދޭ ބޭރުގެ ވިޔަފާރިތަކުން ވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ވިޔަފާރިތަކުގެ ސަބަބުން ދިވެހިން ކުރާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ ސަބަބުން ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަން ވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން އިތުރަށް ބުނީ ތިލަފުށިން ބިން ވިއްކުމުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

ތިލަފުށިން ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލާފައިވާއިރު ދިވެހި ކުންފުނިތަކަށާއި ދިވެހިންނަށް ބިން ވިއްކަނީ މިލްކު ކުރެވޭ ގޮތަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް ބިން ދޫކުރާނީ 99 އަހަރަށެވެ.

ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދޫކުރަން ނިންމާފައިވާތީ އެކަމާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެގޮތުން ، މި އުސޫލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.