ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު މި ސަރުކާރުން ވަނީ ފަހި ކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏ ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ރިޔާސީބަޔާން އިއްވަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހި ކޮށްދީފައި ކަމަށް ވިދާޅުވިއެވެ.

Ad
rt

ތައުލީމީ ދާއިރާގެ ތަރައްގީއަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން ރައީސް ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ވަޞީލަތްތައް އިތުރުކުރުމަށް 1,578 ކްލާސްރޫމް ޢިމާރާތާއި، 85 މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އަދި ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމްރާނީ މަޝްރޫޢު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް، މުދައްރިސުންގެ ގިނަ ބޭނުންތަކެއް މިހާތަނަށް ފުރިހަމަ ކޮށްދެއްވާފައިވާ ކަމަށާއި، މިއަދާއި ހަމައަށް 16,315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ 6,500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ޑިގްރީ ހިފައިގެން ވަޒީފާގެ މާހަޢުލަށް ނުކުމެފައިވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ވަޒީފާގެ ބާޒާރާއި، މަސައްކަތުގެ މާޙައުލަށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވަމުން މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ވަޒީފާގެ މާޙައުލަށް މީހުން ތަމްރީނުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖޫނިއަރ ކޮލެޖާއި، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރަމުން ދާކަން ފާހަގަ ކުރައްވާފައެވެ.