އިޓާލިއަން ލީގުގައި ނަޕޯލީއާއި ސްޕެޒިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 16 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. މިއަދު ހަވީރު ސްޕެޒިއާގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ހުސް ފުރުޞަތެއް ލިބިފައި ނުވެއެވެ.
ނަޕޯލީން މެޗުގައި ލީޑު ނަގާފައި ވަނީ ދެވަނަ ހާފު ފެށިތާ އެއް މިނެޓްތެރޭ ލިބުނު ޕެނަލްޓީ އަކުންނެވެ. ނަޕޯލީއަށް މި ޕެނަލްޓީ ލިބިފައި ވަނީ ސްޕެޒިއާގެ އޭރިއާ ތެރެއިން އެ ޓީމްގެ ރިކާ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެންނެވެ. ޕެނަލްޓީން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ކްވަރަސްޚޭލިއާއެވެ.
ނަޕޯލީން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮޝީމެންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނަޕޯލީގެ ކްވަރަސްޚޭލިއާ ސްޕެޒިއާގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ސްޕެޒިއާގެ ޑިފެންސުން ބްލޮކް ކުރި ބޯޅަ މައްޗަށް އެރި ވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ތިންވަނަ ލަނޑު ވެސް ޖަހައި ދީފައި ވަނީ އޮޝީމެންއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ 73 ވަނަ މިނެޓުގައި ސްޕެޒިއާގެ އޭރިއާ ތެރެއިން ކްވަރަސްޚޭލިއާ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ރޯމާއާއި އެމްޕޯލީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ރޯމާއެވެ. އެ ޓީމަށް 21 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ.
މި ސީޒަންގައި އާދަޔާ ޚިލާފް ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 21 މެޗުން ލިބުނު 56 ޕޮއިންޓާއި އެކުގައެވެ. އެ ޓީމާއި ދެވަނާގައި އޮތް ރޯމާއާއި ދެމެދު 16 ޕޮއިންޓްގެ ފަރަގެއް މިވަގުތު އެބައޮތެވެ.
މިރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން އިންޓަ މިލާނަށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!