ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ސިޔާސީ ހަރަކާތްތައް ދެން ނިންމާނީ އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ވެރިރަށްމާލޭގެ އާޓިފިޝަލް ބީޗުގައި ''ދުއްޕާން'' ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
ގިނަ އަދަދެއްގެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުން ބައިވެރިވި މިޖަލްސާގައި ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، އިއްޔެ އެ ކޯލިޝަނުން ވެރިރަށް މާލޭގައި ބޭއްވި ''ބުންވަރު'' ހިނގާލުން ސަރުކާރަށް ހަޖަމެއްނުވި ކަމަށެވެ.
''އިއްޔެ އަޅުގަނޑުމެން ބޭއްވި ބުންވަރު ހިނގާލުން ސަރުކާރަށް ހަޖަމެއްނުވި، ހަޖަމު ނުވިޔަސް މިކަން ދާނީ ކުރިއަށް، މިކަމެއް ދެނެއް ނުހުއްޓޭނެ، މިފެށި މަސައްކަތް ދެން ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފަ އިރާދަ ކުރެއްވިއްޔާ، ހަޖަމު ނުވާ މީހުން މިތަނުން ރައްކާވެގެން ދާންވީ، ފިލައިގެން ދާންވީ'' އަދުރޭ ވިދާޅުވިއެވެ.
އެއަށްފަހު އަދުރޭ ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އަދުރޭ އިިމްރާނަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ އިދިކޮޅުގެ ސިޔާސީ ހަރަކާތާއި ގުޅުވައި އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
''އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތްކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ، ޕީޕީއެމްގެ ލީޑާޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލްކުރައްވަން އުޅުއްވާ ބޭފުޅުންކަން ހާމަވާ މިންވަރު ބޮޑުވަމުން އެބަދޭ'' އިމްރާންގެ އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާތީ، އަދުރޭ ވިދާޅުވީ، އެއީ އެ ކޯލިޝަންގެ ބުންވަރު ހިނގާލުން ހަޖަމު ނުވެގެން އިމްރާން ވިދާޅުވިއެއްޗެއްކަމަށެވެ. އެހެންނަމަވެސް މުޅި ޕީޕީއެމް-ޕީއެންސީން ނުކުމެ ކުރާ މަސައްކަތަކީ އަސްލު ދައްކާލުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަސްލު ދައްކާ ނިމޭއިރު އިމްރާން އޮންނަވާނީ ގޮޅިގައި ކަމަށްވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ. އިއްޔެ ފެނުނީ އަސްލުން ތަންކޮޅެއް ކަމަށާއި، ރަނގަޅަށް އަސްލު ފެންނައިރު އިމްރާންފަދަ ބޭފުޅުން ދިވެހި ފަސްގަނޑުގައި ފައި ހަރެއް ނުލާނެކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
''ބޮޑުތަކުރުފާނުގެ ލޭ ހިންގާ، ދޮންބަންޑާރައިގެން ވިންދުޖަހާ، ހުސައިން އާދަމްގެ ހިތްވަރު ހުރި ދިވެހި ދަރީންނޭމީ، ދޮންބަންޑާރައިންގެ ލަގަބެއް ނޫން ޝަރީފާ ހަމައެކަނި ރައީސް ޔާމީނަށް ޙައްޤުވަނީކީ، އުތީމު މަހާރަދުންގެ ލަގަބު ދޭންވީ،'' އަދުރޭގެ ކުރިން ވާހަކަ ދެއްކި އަންހެން ބޭފުޅަކަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.
''ނަމަނަމަ ރައީސް ޔާމީނާ ކުޅެން ނަހަދާތި، ރައީސް ޔާމީނާ ކުޅުމަކީ މި ޤައުމުގެ މިނިވަންކަމާކުޅުން، ރައީސް ޔާމީނާ ކުޅުމަކީ، ދިވެހި ރައްޔިތުންގެ ލެޔާ ކުޅުން، ރައީސް ޔާމީނާ ކުޅުމަކީ، މި ގައުމުގެ މާދަމާގެ މުސްތަގްބަލާ ކުޅުން، ރައީސް ޔާމީނާ ކުޅުމަކީ، މި ގައުމުގެ މާތްވެގެންވާ އިސްލާމްވަންތަކަމާކުޅުން، މިކަންކަންކުރާއިރު މަޑުމަޑުން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން'' އަދުރޭ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!