ލޯކަލް ކައުންސިލްތަކަށް ބާރުތައް ދީފައި ވަނީ ރައްޔިތުން ކައުންސިލްތަކާ ދިމާއަށް އެއްޗެހި ގޮވާގޮތައް ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ.

ނަދީމް މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ''ހޯޕް ކޮންފަރެންސް''ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ނޮޅިވަރަންފަރު ކައުންސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ނަދީމް ''ހޯޕް ކޮންފަރެންސް''ގައި ދެއްކެވިވާހަކާގައި ވިދާޅުވީ، މިހާރު ކައުންސިލްތަކަށް ދިމާވާ ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށެވެ.

ކައުންސިލްތައް ބައްޓަން ކުރެވެމުންއައިއިރު އިހްތިސޯސްއޭ ކިޔާފަ އެއްޗެއް ދިން، ރަށުގެ ވަށައިގެން 700 މީޓަރު ހީވާގޮތުން ދިން، އަޅުގަނޑު މި ދަންނަވަނީ ހާއްސަކޮށް ނޮޅިވަރަންފަރުގެ ވާހަކަ، ނޮޅިވަރަންފަރަކީ ރަނގަޅު ލޮކޭޝަނެއްގައި އޮތް ރަށެއްވީމަ އަޅުގަނޑުމެން އެ މަސައްކަތް ފެށިން، ނަމަވެސް 94 އިންސައްތަ އެބައޮތް ބަޔަކަށްދީފައި،'' ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެތަނުގެ އެގްރީމެންޓް ލިބޭތޯ މަސައްކަތް ކުރެއްވުމުން މިހާތަނަށް ލިބިފައިވަނީ އެ އެގްރިމެންޓްގެ އެއްބައި ކަމަށެވެ. އަނެއް ބައި އަދިވެސް ނުލިބޭ ކަމަށާއި، އޭގައި ސޮއިކޮށްފައި އޮތީ ޓޫރިޒަމް މިނިސްޓްރީންކަމުން އެތަން ވެފައި ވަނީ ނޮޅިވަރަންފަރު ކައުންސިލްގެ ބާރުހިނގާތަނަކަށް ނޫންކަމަށާއި އެހެންވެ އެތަން ހޯދަން ކޯޓަށް ދާން ފުރުސަތެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ.

''ހަމައެކަނި އިހްތިސާސް ދިންއިރު ގެއްލިފައި އޮތް ދެތަން ވެސް ދީފައި އެބައޮތް، އެކަމަކު މިތަނާބެހޭގޮތުން އެއްވެސް ކަމެއް ކުރެވޭކަށްނެތް،'' ނަދީމް ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ، ރަނގަޅު ޕްލޭނަކާއެކީ މިފަދަ މަސައްކަތެއް ކުރާއިރު އެފަދަ އެގްރީމެންޓްތަކާއި ރަށްރަށުން ގެއްލިފައިހުރި ބައިތައް ހޯދުމުގެ މަސައްކަތްތަކުގެ ވާހަކަވެސް ޕީޕީއެމް-ޕީއެންސީން ދައްކަންޖެހޭ ކަމަށެވެ.

''މިވާހަކަ ދައްކާއިރު މިއަދު އަޅުގަނޑުމެންނަށް ލާމަރުކަޒީ ނިޒާމްގެ ބާރުތައް ދީފި، ހަގީގަތުގައި ދިނީ ކައުންސިލްތަކަށް ރައްޔިތުން އެއްޗެހި ގޮވާގޮތައް، ރައްޔިތުން މިއަދު ވެސް އަޅުގަނޑުމެންނާ ދިމާއަށް ބުނޭ ކައުންސިލްތަކަށް ބާރުދީފައޭ ކީއްވެހޭ ކަމެއް ނުވަނީ، އަޅުގަނޑުމެނަކަށް ނުވާނެ، 7 މިލިއަން ރުފިޔާ ދެނީ، މުސާރަ ދީފައި އިތުރު އެއްޗެއް ނޯވޭ،'' ނަދީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަގީގަތުގައި ލާމަރުކަޒީ ބާރުދިންގޮތަކީ އެއީ ކަމަށާއި، އެހެނެކަމުން އެފަދަ އެގްރީމެންޓްތަކަށް މަސައްކަތްކޮށްދޭނީ ކޮންގޮތަކަށްތޯ ރަނގަޅު ޕްލޭނެއް ޕީޕީއެމް-ޕީއެންސީން އެކުލަވާލަންޖެހޭކަމަށެވެ.

ނަދީމުގެ ވާހަކާގައި އެރަށުގެ ރައްޔިތުންނަށް މަންފާއެއް ނުލިބި، މަސައްކަތެއް ނުހިނގާ، ކައުންސިލްގެ ބާރެއް ނުހިނގާ އޮންނަ ބިމެއް ގޮތުގައި ފާހަގަކުރައްވާފައި ވަނީ އެރަށުގައި ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ބިމުގެ ވާހަކައެވެ. ނޮޅިވަރަންފަރުގައި ޓްރެއިނިންގ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުން ނަގާ 81.44 ހެކްޓަރުގެ ބިމާއެކު ރަށުގެ ކަނޑޫފާ ހިމެނޭ ސަރަހައްދު ރިސޯޓް ތަރައްގީކުރަން ދޫކުރަން ނިންމާ އިޢުލާން ކުރީ 28 ޖުލައި 2008 ވަނަ އަހަރުއެވެ.

ނޮޅިވަރަންފަރުގައި ޓްރޭނިން ރިސޯޓެއް ތަރައްގީ ކުރުމަށް އެއިރުގެ ސަރުކާރުން ނިންމީ އެ ރަށަކީ ސަރަހައްދީ ތަރައްގީ މަޝްރޫއުގެ ދަށުން ތިން ރަށެއްގެ މީހުން އާބާދުކޮށް ނިންމައިފައިވާ ބިމުގެ ގޮތުން ތަރައްގީގެ ފުރުސަތު އޮތް ރަށަކަށް ވާތީ އެވެ. ކުރިން ހދ.ގެ އަތޮޅުވެރިންކަން ކުރީ ނޮޅިވަރަންފަރުގައެވެ. ނޮޅިވަރަމްފަރު ޓްރޭނިން ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށުން ދޫކޮށްފައި ވަނީ ރަށުގެ ދެކުނުކޮޅުން 14 ހެކްޓަރުގެ ސަރަހައްދަކާއި އެ ބިމާ ގުޅޭ ގޮތަށް ދެކުނުކޮޅު ފަޅުން 81.44 ހެކްޓަރުގެ ސަރަހައްދަކާ އެކު ޖުމްލަ 95.44 ހެކްޓަރުގެ ބިމެވެ. ނޮޅިވަރަމްފަރުގައި އޮންނަ ކަނޑޫފާ ހިމެނެނީ ރަށުގެ އެއްގަމުން ރިސޯޓް ހެދުމަށް ދޫކުރަން ނިންމައިފައިވާ ބިމުގެ ތެރޭގަ އެވެ. އެއީ އެ ރަށުގައި އޮތް ތިމާވެށީގެ ގޮތުން އެންމެ ފާހަގަކުރެވޭ ސަރަހައްދެވެ.

ނޮޅިވަރަންފަރުގައި ޓްރޭނިން އިންސްޓިޓިއުޓެއް ގާއިމްކޮށް، އެ ރަށު ފަޅުހިއްކައިގެން 200 އެނދުގެ ޓްރޭނިން ސްކޫލަކާއި ރިސޯޓެއް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ނަލަވެލި މޯލްޑިވްސް އަށެވެ.