ކުރީގެ ޢަދަދާއިގުޅޭ،

މާނިހްގެ ވާހަކަތަކުން ޒައިންގެ ހިތް ނުތަނަވަސްވީ ކީއްވެގެން ކަމެއް ޒައިންއަކަށް ނޭނގެއެވެ. އޭނާއަށް އުނދަގޫ ވާން ފެށިއެވެ.

Ad
rt

" އަހަރެން ވާހަކަ ދެއްކީމަވެސް ވަރަށް ސްވީޓްކޮށް ވާހަކަ ދައްކާލާފަ ހީލީވެސް.. ދެން ރައްޓެހި ނުވިޔަސް ފްރެންޑް ވެވިދާނެއެއްނު! "

މާނިހް އާދޭސްކުރަން ފެށުމުން ޒައިންގާތަށް ރުޅި އާދެވުނެވެ. އަދި ހިތާއި ދެކޮޅަށް ބުންޏެވެ.

" ކަލޭ އަމިއްލައަށް ތިވާހަކަ ދައްކާ! މަށަކީ ކަނދުފަތި ކަނބާ މީހެއް ނޫން! "

ޒައިން އަވަސް އަވަހަށް ކޮފީތައްޓެއް ނަގާ މާނިހްއަށް ދިއްކޮށްލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" މާނިޙް ބުނީމެއްނު ކަލެޔަށް ރީތީ ދޮން ކުދިންނޭ! އުޝާ އެއީ އެހާ ދޮން ކުއްޖެއް ނޫނެއްނު! "

" އާނ މަށަށް ރީތީ ދޮންވި ވަރެއް! އެކަމަކު އުޝާގެ އެބަހުރި ވަރަށް ކިޔުޓް ގޮތެއް.. ހިތް ކިޔާ ކަހަލަ ގޮތެއް އެބަހުރި! ދެން ބުނެބަލަ އެއީ ކާކުތަ؟ "

މާނިޙް ހުރީ އުޝާއާއި ބެހޭ ވާހަކަތައް އަޑުއަހަން ވަރަށް ޝައުޤުވެރިވެފައެވެ. އެކަން އޭނާގެ އަޑުން ޒައިންއަށް ފާހަގަ ކުރެވުނެވެ. ބިސްކޯދު އުރައެއް ކަނޑާލަމުން ޒައިން އެއްމިޔަކަނުން ހީލިއެވެ.

" އެއީ މަގޭ ކޮއްކޮ!.. "

" ނުވާނެ އެހެންނެއް! " ހައިރާންވީވަރުން މާނިޙްގެ އަޑު ބާރުވެގެން ދިޔައެވެ.

" ސީރިއަސްކޮށް! އުޝާއަކީ މިހާރު މިފެމެލީ ކުއްޖެއް." ޒައިން އެހެން ބުނުމަށްފަހު އުޝާ އެގެއަށް އައިގޮތުގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ކިޔައިދިނެވެ.

" އޯހް... މި އާއިލާއަށް ހެޔޮ ދަރުމަ ދެއްވާށި! އާމީން.."

" އާމީން"

ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލާ މިފަހަރު ވާހަކަ ދެއްކީ މާނިޙްއެވެ.

" ފެމެލީ ކުއްޖެއްގެ ގޮތުގައި ދެކިގެންދޯ އެހެންވީމަ ތިއުޅެނީ؟"

" އާނ! އެހެންނު ވާނީ! އުޝާއާމެދު ކޮއްކޮއެއްގެ ގޮތުގައި ދެކޭށޭ ބައްޕަވެސް ބުނީ! ދެން އެހެން ނޫނަސް އަހަރެން އެހާ އިންޓްރެސްޓެއް ނެތް އެކަން ކުރާކަށް. ކަލެއަށް އެނގެއެއްނު މަ ކުރަން ބޭނުންކަމެއްނަމަ ކުރާނެކަން."

ޒައިން ކޮފީތަށި ދަމާލީ އެއްފަހަރާއެވެ. އޭރު ކޮންމެވެސް ވަރަކަށް އޭނާގެ މޫޑު ގޯސްވެއްޖެއެވެ.

" ރަނގަޅަށް ތިބުނީ! އެހާ ސަޅިއެއް ނުވާނެ ޒައިން އުޝާއާހެދި އުޅެގެންނެއް.. ބައްޕަމެންވެސް ބޭނުންވަނީ ތިއީ ދެބެންގެ ގޮތުގައި ދެކިގެން އުޅެންތާދޯ!"

މާނިޙްގެ ވާހަކައިން ޒައިންގާތަށް އައީ ލާނެތް ހިންޏެކެވެ. މާނިޙް ބޭނުންވާގޮތް ޒައިންއަށް ދެނެގަނެވުނެވެ. އެހެނަސް އޭނާ އަލުން އެވާހަކަ އާކުރާކަށް ބޭނުމެއްނޫނެވެ. ގޭމްކުޅެން އިރުކޮޅަކު އިނުމަށްފަހު، އަދި އަންނާނެކަމަށް ބުނެ މާނިޙް ގޮއްސިއެވެ. މާނިޙް ދިޔުމާއެކު ފަހުމީއާ އަމީރާ އައިސް ޒައިންގެ ކޮޓަރިއަށް ވަނެވެ.

" ކިޔެވުމުގެ ކަންތައްތައް ރަނގަޅުތަ؟ " ފަހުމީ އެހެން އަހާލަމުން ޒައިންގެ އެނދުގައި އިށީނދެލިއެވެ. އޭރު އަމީރާ އުޅެނީ މޭޒުމައްޗަށް އުކާލާފައިވާ އޭނާގެ ފޮތްތައް ތަރުތީބު ކުރުމުގައެވެ.

" ކިހިނެއް ރަނގަޅުވާނީ! މިހުރީ އައިގޮތަށް ފޮތްތައް އުކާލާފަ.. ތިހެން އުޅެގެން ޒައިންގެ ނަތީޖާ ރަނގަޅެއް ނުވާނެ އިނގޭ.. އެންމެ ފަހު ޓެސްޓް ބޯމަތިވަނީ. އަދި ނޭނގެ ފޮތެއް ކިޔާލިކަމެއް." އަމީރާގެ އަޑު ހައްތަހާވަނީ ބާރެވެ.

" ފޮތްކިޔާތީ އެއްނު ދަބަހުން ފޮތްތައް ނަގާފަ ތިހުރީ.."

ފަހުމީއަށް ބަލާލަމުން ޒައިން ބުނެލިއެވެ. އަތުގެ އިޝާރާތުން އަމީރާގާތު ފަހުމީ އެދުނީ އިތުރަށް އެއްޗެއް ނުބުނުމަށެވެ.

" މަންމަ އެހުރީ މިހާރު ތަންކޮޅެއްމަތީގަ! ހަމަ ބިމަށް ފައިބަން އަދި ވަގުތު ކޮޅެއް ނަގާނެ! "

އަމީރާ ހެއްވާލުމަށްޓަކައި ފަހުމީ އެހެން ބުނުމުން އަމީރާގާތަށް އިތުރަށް ރުޅިއައެވެ.

" ފަހުމީވެސް މަށަށް މަލާމާތްކުރަނީ! ދެބަފައިން ތީހަމަ އެކައްޗެއް! "

އަމީރާ އެހެން ބުނުމާއެކު ކޮޓަރިން ނިކުތް އުޝާއަށް އެމަންޒަރު ފެނުނެވެ. ޒައިންގެ ކޮޓަރި ހުޅުވާފައި ހުރުމުން އަމީރާ އުޅޭކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އުޝާވެސް އައިސް ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ.

" ޒައިންގެ ކޮޓަރި މުޑުދާރުކަމުން އެއްޗެހި ކިޔަނީމި! އެއްޗެހި ތަންތަނަށް އުކާފަ މިހުންނަނީ! ރީތި އާދަތައް ދަސްކޮށްދިނަސް ޢަމަލު ކުރިއްޔާތާ! "

މަޑުމަޑުން ހިނގާފައި އައިސް އުޝާ ހިފީ ރުޅި އައިސްފައިހުރި އަމީރާގެ އަތުގެ މުލައްދަނޑީގައެވެ.

" މަންމަ ދޭ އަރާމްކޮށްލަން. އަހަރެން މިކޮޓަރި ސާފުކޮށްލާނަން. މިއަދު ޒައިންގެ ފްރެންޑެއްވެސް އައެއްނު! އެދެމީހުން ކައިފަހުރި އެއްޗެހި މީ! ހަމައެކަނި ޒައިންގެ ކަމެއް ނޫން މީ!"

އުޝާ މަސައްކަތްކުރީ ޒަައިން ދިފާޢު ކުރާށެވެ. އޭރުވެސް ޒައިން އޮތީ އެއްމިޔަކަނުން ހީލަހީލައެވެ.

"ފްރެންޑެއް ނަޔަސް މިގޮތަށް ކަންތައްތައް ހުންނަނީ! މަންމަ މިދަނީ ސައި ތައްޔާރުކުރަން.. އުޝާވެސް އާދޭ ސައިބޯން.."

ފައިބުޑުގައި ހުރި ޒައިންގެ އަންނައުނުތައް ނަގައިގެން އަމީރާ ނިކުމެގެން ދިޔައެވެ.

" ދެން ހުންނާނީ އަބަދު އަބަދު ޗުކުޗުކު ތަޅުވަ ތަޅުވަ! ބައްޕަ ދާއިރަށް ބައްޕަ ކަންނޭނގެ ކުއްވެރިވާނީ." ހެމުން ހެމުން ފަހުމީ ބުންޏެވެ. އެނދުމަތިން ތެދުވެގެން ފަހުމީވެސް ހިނގައިގަތީ ނިކުންނާށެވެ.

" ތޭންކްސް.." ފަހުމީ ނިކުތުމާއެކު ޒައިން ބުނެލިއެވެ. ފިހިގަނޑު ހިފައިގެން ހުރި އުޝާ އާދައިގެ ގޮތަކަށް ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަބަދަކު މިހެން ސަލާމަތެއް ނުކޮށްދެވޭނެ އިނގޭ! "

" ދެން މިފަހަރު ކީއްވެޔޯ އަހަންނާ އެއްކޮޅަށް ތިއެރީ؟ " އެނދުން ތެދުވަމުން ޒައިން ބުންޏެވެ. އޭރު އަވަސް ޚަރަކާތްތަކާއެކު އުޝާ، ކުނިކަހާ ނިންމާލައިފިއެވެ.

" އަހަންނަށް މިތަނަށް އާދެވުނީމަ ހިތަށް އެރީ މަންމަ ކޫލްކޮށްލަން.. އެހެންވެގެން އަސްލު! " އެއްކޮށްފައިވާ ކުނިކޮޅު ޑަސްބިނަށް އަޅާލުމަށްފަހު އުޝާ ދޮރާއިދިމާއަށް ހިނގައިގަތެވެ. އޭރުވެސް ޒައިން ހުރީ އެނދުކައިރީ ކޮޅަށެވެ. ޒައިންއަށް ސަމާލުކަން ދިނުމެއްނެތި އުޝާ ނިކުމެގެން ދިޔައެވެ.

" ކޮބާ ޒައިން؟ ނާދޭތަ؟ " ކާގެއަށް ގޮސް ވަނުމާއެކު ފަހުމީ ސުވާލުކުރީ އުޝާއާއެވެ.

" އަހަރެން އެއްޗެހިކީމަ އަންނަހިތް ނުވީކަމަށްވާނީ! ދަރިފުޅު އަދި ދޭބަލަ މައްޗަށް! ގޮސް ބުނޭ މަންމަ ބުންޏޭ އަންނާށޭދެން"

ސޭންޑްވިޗް ތަކެއް ފިހަން ހުރެ، އަމީރާ ބުނެލިއެވެ. އިތުރަށް އެއްޗެއް ނުބުނެ، އުޝާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ޚިޔާލެއް ފިކުރެއްނެތި ލަސް ހިނގުމެއްގައި ގޮސް އޭނާ ޒައިންގެ ކޮޓަރިއަށްވަނީ ޓަކިވެސް ޖަހާނުލައެވެ. އެތެރެއަށް ވަދެވުމާއެކު ދެލޯބޮޑުކޮށްފައި އޭނާ އަވަސް އަވަހަށް ފުރަގަސްދިނެވެ. ތުވާލި އަނދެގެން ހުރި ޒައިންގެ ދޮން ހަށިގަނޑު ފެނުމުން އުޝާ ލަދުގަތީއެވެ. އިތުރަށް ބަލާލަންވެސް އޭނާއަށް ނުކެރުނީއެވެ.

" ސޮރީ! "

ޒައިންއަށް އިވޭވަރަށް އުޝާ ބުނެލިއެވެ. އެއާއިއެކު ދެއަތުން ބޮލުގެ އިސްތަށިގަނޑު ހާވާލަމުން ޒައިން އުޝާއާ ދިމާލަށް ހިނގައިގަތެވެ.

"ތިހާ ވަރަށް ލަދުގަންނަން އަހަރެން މިހުރީ އެއްޗެއް ނުލައެއް ނޫނޭ! ކީއްކުރަންތަ ތިއައީ ؟ " ޒައިން ބޭނުންވީ އުޝާ ލަދުގަންނަވާލާށެވެ.

" މަންމަ ބުނީ ސައިބޯން އަންނާށޯ! "

އެހެން ބުނެ އުޝާ ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އުޝާގެ ދެފައިގައި ކަސްތޮޅު އެޅުނީ ޒައިން އޭނާގެ އަތުގައި ހިފުމުންނެވެ. ޒައިންއަށް ހިފިފައި ހުރީ އުޝާގެ އިނގިލިތަކުގައެވެ.

" ބަލާލީމަ ދޫކޮށްލާނީ..."

" ދެން ޒައިން.. ނޫޅެން.! "

އަތްފޮޅުވާލުމަށްފަހު އުޝާ ބޭރަށް ދުއްވައިގަތެވެ. ސިޑިންވެސް އޭނާއަށް ފޭބުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. އަދި ކާގެއަށް އައިސް ވަދެވުނީ ނުހަނު ބާރަށެވެ.

" އައްދެ އައްދެ ދަރިފުޅާ! ހާދަ ބާރަކަށް؟ "

ފަހުމީގެ އަޑަށް އުޝާ މަޑުޖެހުނެވެ. އަދި އޭނާއަށް ދޭނެ ޖަވާބެއް ނޭނގި ކުޑައިރުކޮޅަކު ހުރެވުނީއެވެ. އެހެންކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.

" މީ... ޒައިން.. ނައި! ފެންވަރާށޯ މިއުޅެނީ ބުނީ..."

އާގަންނަމުން އުޝާ ވާހަކަ ދެއްކިއެވެ. އެއާއެކު މޭޒުކައިރީ އިށީންނަމުން އަމީރާ ދެފަރާތަށް ބޯހޫރާލިއެވެ.

" ހޫމް.. ދެން ޒައިން އައިސް ސައިބޯނެއެއްނު! އަހަރެމެން ފަށަމާ! "

އުޝާއަށް ގޮނޑި ދައްކަމުން ފަހުމީ ބުނެލިއެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ނިދަން އުޅެއުޅެ އުޝާއަށް ނިދޭގޮތެއް ނުވިއެވެ. ލޯމަރާލާއިރަށް ފެންނަނީ ޒައިންގެ ރީތި ހަށިގަނޑެވެ. އޭނާގެ އަތުގައި ހިފާލިގޮތެވެ. އެވަގުތު ޒައިން ވާހަކަ ދެއްކި ރާގެވެ. އެކަމާހެދި އުޝާއަށް އުނދަގޫވާންފެށިއެވެ. މީގެ ކުރިން ޒައިންއާ މެދު ނުދެކެވޭ ނަޒަރަކުން ދެކެވެން ފެށުނެވެ.

" އުޝާ! މިހާރު ތި ވިސްނަނީ މާ މައްޗަށް! އުޝާއަށް ދުނިޔޭގެ ޙިމާޔަތާ ލޯބި ހޯދައިދިން މީހުންމަތިން ހަނދާން ނެތުނީތަ؟ އަމީރާއާ ފަހުމީ ދުވަހަކުވެސް އުޝާ، ޒައިންއާ ގުޅެން ވިސްނިތަ؟ އަބަދުވެސް ދައްކަނީ ޅީދަރިއެއްގެ ވާހަކައެއްނު! ޅީދަރިއަކަށް އުޝާ ވާކަށް އެމީހުން ބޭނުމެއް ނޫނޭ! އެމީހުން ދެކެނީ ޒައިންއާ އުޝާއަކީ އެއްބަނޑު އެއްބަފާ ދެކުދިންގެ ގޮތުގައި! މާއަވަހަށް ހުވަފެން ތި ދެކެނީ! އަވަހަށް ތި ޙިޔާލު ދޫކޮށްލާ! "

އެނދުން ތެދުވެ ދެކަންފަތުގައި އުޝާއަށް އަތް އެޅުނެވެ. އޭނާގެ ޟަމީރު އޭނާއަށް މަލާމާތްކުރާއަޑު އަހާކަށް ބޭނުމެއްނޫނެވެ. އެހެނަސް އެ ހުރިހާ ވާހަކަތަކަކީ ޚުދު އުޝާވެސް ޤަބޫލުކުރާ ޙަޤީޤަތެވެ. މަންމައާ ބައްޕަ ހިތުގައި ޖައްސާކަށް އޭނާއަކަށް ނުކެރޭނެއެވެ. ޔަޤީނެވެ. ޒައިންވެސް އޭނާއާ މެދު އެފަދަ ގޮތަކަށް ނުދެކޭނެއެވެ. ވީއިރު އުޝާއަށް އެކަހަލަ އިޙްސާސްތައް ކުރެވެންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ހާސްކަން ފިލުވާލުމަށްޓަކައި އުޝާ ތެދުވީ ކޮފީއެއް ބޯލަން ދާށެވެ. އޭނާ ލައިގެން ހުރި ކުރު ޓީޝާޓް މަތިން ޖެކެޓެއް މަހާލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރުމަތީ ޒައިން ހުއްޓެވެ. ޒައިންގެ އަތުގައި އޮތް ހުސްފުޅި ފެނުމުން އޭނާ އެދަނީ ފެން ބަލައިކަން އުޝާއަށް އެނގުނެވެ.

" ހާދަ ދަންކޮށްލާފަ ކީއްކުރަނީ ނުނިދާ؟ "

ހައިރާންވެފައި ޒައިން އެހިއެވެ. އެއާއެކު އުޝާ އާދައިގެ ގޮތަކަށް ހިނިތުންވެލިއެވެ. އަދި ޒައިންއަށް ވުރެ ކުރިން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" ކޮފީއެއް ބޯހިތުން..."

ފަހަތުން ޒައިން ފައިބާކަން އެނގުމުން އުޝާގެ ހިތަށް ބުނެދޭން ނޭނގޭކަހަލަ އިޙްސާސެއް ކުރެވެން ފެށިއެވެ.

" މިގަޑީގަ؟ އަހަންނަށްވެސް ކޮފީއެއް ހަދައިދޭންވީނު.."

އުޝާގެ ފަހަތުން ގޮސް ޒައިން އިށީނީ ކާމޭޒު ކައިރީގައެވެ. ކުރިން ޒައިން ފެނުނަސް ލަދުވެތިކަމުގެ އިޙްސާސް ނުކުރެވޭ އުޝާއަށް މިރޭ ޒައިންގެ ކުރިމަތީ ރަނގަޅަށް ހިނގާލަންވެސް ނުކެރުނެވެ. ޒައިންގެ އަޑު ޖެހުނަސް އޭނާގެ ކަންފަތަށްވެސް އުނދަގޫވާހެން ހީވެއެވެ. ނަމަވެސް ދެތަށި ކޮފީ އޭނާ ތައްޔާރުކޮށްލީ ނުހަނު އަވަހަށެވެ. ޒައިންގެ ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ އުޅުނީ ކޮޓަރިއަށް ދާށެވެ.

" ދަނީތަ؟ އަހަރެން ދެން އެކަނިތަ ކޮފީ ބޯންވީ؟ އުޝާއަށް ކޮމްޕެނީއެއް ދޭންވެގެން އަދި ކޮފީއެއް ބޯން އުޅުނީވެސް.. ދެން އޯކޭ.. އަހަރެންވެސް ދާނީ ދެން ރޫމަށް.."

ކޮފީތަށި ނުބޮއި ބަހައްޓާފައި ޒައިން ނިކުންނަން ހިނގައިގަތީ އުޝާ ބަދިގެ ތެރޭގައި ހުއްޓައެވެ. ޒައިން އެދަނީ ހިތްހަމަ ނުޖެހިގެންކަން އެނގުމުން އުޝާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.

" ޒައިން! "

އުޝާގެ އަޑަށް ޒައިން ހުއްޓުނެވެ. އަދި ފަހަތް ބަލާލުމެއްނެތި ކިހިނެއްވީތޯ އެހިއެވެ.

" އަހަރެން މަޑުކޮށްފާނަމޭ!.. ސޮރީއޭ!"

އުޝާ އެހެން ބުނުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ފަހަތް ބަލައިވެސްނުލާ އޭނާ ދުވަމުން ސިޑިން އަރައިގެން ދިޔައެވެ. އުޝާ އެނބުރި ބަދިގެއަށްވަނީ މޭޒުމަތީގައި ހުރި ކޮފީތަށި ނެގުމަށެވެ. އެއީ އެކަމާ ގުޅިގެން އަމީރާ ސުވާލެއް ކޮށްފާނެތީ ބިރުންނެވެ.

ޖެހިގެން އައިދުވަހު ސްކޫލުން އައުމަށްފަހުގައިވެސް ޒައިން ކޮޓަރިންނެއް ނުނިކުމެއެވެ. އެހެންކަމުން އެކޮޓަރިއަށް ވަންނާކަށް އުޝާއަކަށް ނުކެރުނެވެ. އަމީރާއާ އެކު ބަދިގޭގައި އުޅެމުންވެސް އިރުއިރުކޮޅުން އޭނާއަށް ސިޑިއަށް ބެލެނީ އެހެންވެއެވެ.

" ދަރިފުޅު ދާންވީނު ޒައިންއަށް ފަނިތައްޓެއް ހިފައިގެން. ސްކޫލުން އައިގޮތަށް ބޮލެއްގަ ރިއްސާވާހަކަ ދެއްކީ! އެންމެ ފަހު އެގްޒާމްވީމަ ނުނިދާ ފޮތް ދަސްކުރަނީހެން ހީވަނީ.. މަންމަ ބުނެފިން ހިތްވަރުކޮށްލާށޭ.. ފަހު އަހަރުވީމަ ދެން މިހާރު ކުރި ހިތްވަރެއްއޮތީ!"

އަމީރާ އެހެން ބުނުމުން އުޝާ ގޮސް އައިސްއަލަމާރިން ފަނިފުޅިއެއް ނަގާ ބިއްލޫރި ތައްޓަކަށް އޮއްސާލިއެވެ. އޭރު އަމީރާ އިނީ ތަރުކާރީކޮށާށެވެ. އެއްވެސް އެއްޗެއް ނުބުނެ ޒައިންގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ދެފަހަރަކު ޓަކި ޖެހުމަށްފަހު ޚަބަރެއް ނުވުމުން އުޝާ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އެއާއެކު މުޅި ގައިގައި ބެޑްޝީޓް އަޅައިގެން އޮތް ޒައިން ފެނުނެވެ. ލަސް ހިނގުމެއްގައި ގޮސް އެނދު ކައިިރި ހުއްޓި އުޝާ ގޮވާލިއެވެ. ޖެހިލުންވެ ހުރެއެވެ. ދެފަހަރަކު ގޮވާލުމުން ޒައިން ބޯހިއްލާ ބަލައިލިއެވެ.

" މަންމަ ބުނެގެން ގެނައި ފަނިތައްޓެއްމީ! ހުސްކޮށްލާށޯ ބުނީ.."

ބީރައްޓެއްސަކު ފަދައިން އުޝާ ވާހަކަ ދެއްކިއެވެ. އެއާއެކު ގަދަކަމުން ކަހަލަ ގޮތަކަށް ޒައިން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ.

" މީގެ ކުރިން މަންމަ ނުބުންޏަސް އުޝާ އަހަންނަށް ހުރިހާ ކަމެއްވެސް ކޮށްދޭ! އެކަމަކު ރޭގަ އުޝާ ހީވީ ވަރަށް ދުރު މީހެއްހެން.. އަހަންނާ ވާހަކަވެސް ނުދައްކާ އަޅާވެސް ނުލާ ދާން އުޅުނީ ދޯ؟ ދެން ކީއްކުރަން ތިއައީ މިތަނަށް؟ "

ޒައިން އެހެން ބުނުމުން އުޝާ އިސްޖަހާލިއެވެ.
" އުޝާއަށް އެނގޭތަ؟ އުޝާ މިގެއަށް އައުމަށްފަހު، މިގޭތެރެ ރޯޝަންވެގެންދިޔަ! މީގެކުރިން އަހަރެން ހާދަ އެކަނިވެރިކޮށޭ އުޅުނީ.. ބައްޕަ އުޅޭނީ އޮފީހުގައި! ދެން ހުންނާނީ މަންމަ! މަންމަވެސް ފޫހިވާތީ ރައްޓެހިންނާ އެކީ ތަންތަނަށް ދާނެ! އަހަރެން އަބަދުވެސް ރޫމްގަ މިހެން އޮންނަނީ! ދެން ކުއްލިއަކަށް އުޝާއައީމަ އަހަންނަށް ނުވޭ ގޭމް ކުޅެލާނެ ވަގުތުވެސް.. އުޝާއާ ވާހަކަ ދައްކާ، މަޖާކުރާހިތްވަނީ.. އެންމެން އެކުގައި ކައިބޮއި ހަދާ ގަޑީގައިވެސް ކިހާ މަޖާ! މީގެ ކުރިން ބައްޕަވެސް ގެއަކަށް ކާކަށް ނާންނާނެ! އުޝާ އައިފަހުން ގެއަށް އެ އަންނަނީވެސް.. "

އެއްފައްޗަކަސް ވާހަކަތައް ދައްކަމުންގޮސް ޒައިން ހުއްޓާލިއެވެ. އޭރުވެސް ގުޑިލާން ނުކެރި އުޝާއަށް ހުރެވުނީއެވެ.

" އިއްޔެ އަހަރެން ޓީޝާޓް ނުލާ ހުއްޓާ ފެނުނުފަހުން އުޝާ އުޅެނީ އަހަންނަށް ފިލައިގެންކަން އަހަންނަށް އެނގެޔޭ! އެއީ އެވަރުގެ ކަމެއްތަ؟ އެހެން ނޫނަސް މަންމަމެންވެސް ބުންޏެއްނު އަހަރެމެންމީ ދެބެންނޭ! އުޝާވެސް ދެކެންވީނު އަހަންނަކީ އުޝާގެ ބޭބެ ކަމުގަ! "

ޒައިން އެހެން ބުނުމާއެކު ސިހިފައި އުޝާއަށް ޒައިންގެ މޫނަށް ބަލާލެވުނެވެ. އެގޮތް ބޭނުން ނުވާކަން އުޝާގެ މޫނުމަތިން ސާފުކޮށް ހެކިދެއެވެ. ނަމަވެސް ފާޅުގައި ނޫނެކޭ ބުނަން ނުކެރިގެން އުޝާ ކުޑަކޮށް ހީލިއެވެ.

" ޒައިންވެސް އަހަންނަކީ ކޮއްކޮ ކަމުގައި ދެކިގެން އުޅުނީމަ ދެން އެއްވެސް މައްސަލައެއް ދިމައެއްނުވާނެ! "

ގަދަކަމުން ހިނިތުންވެލަމުން އުޝާ ބުންޏެވެ.

" އަަހަރެން ވަރަށް މަސައްކަތްކުރިން ތިހެން ދެކެން.. ކޮއްކޮއެއްގެ ގޮތުގައި ދެކެން ބޭނުންވަނީވެސް.. އެކަމަކު... އަހަރެމެން ދެމީހުންގެ ލޭގެ އެއްވެސް ގުޅުމެއް ނެތީމަ ކަންނޭނގެ އަހަންނަށް ފީލްވަނީ ތިއީ އަހަރެންގެ ފްރެންޑެއްގެ ގޮތުގަ! "

އެވަރުންވެސް އުޝާއަކަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފައްދަން އޭނާ ބޭނުންވެފައި ހުރި ކަހަލައެވެ.

" އެހެންވީމަ.. ދެން ފްރެންޑްސް... ދޯ ؟ "

އުޝާ ހީލަމުން ފަނިތަށި ދިއްކޮށްލިއެވެ. ހީވާގޮތުން އޭނާ އެމައުޟޫ ނިމުމަކަށް ގެންނަން ބޭނުންވީއެވެ.

" މިހާރު ބޮލުގައި ރިހުން ވަރަށް ކުޑަ! ނިދާލީމަ އޯކޭވެއްޖެ! އެކަމަކު ފަނިތަށި ބޯލެވިދާނެ! "

ތަށީގައި ހިފަމުން ޒައިން ބުންޏެވެ.

އެއްދުވަހަށް ވުރެ އަނެއްދުވަސް ފާއިތުވާލެއް އަވަސްހެން ހީވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޒައިންއަށްޓަކައި އުޝާގެ ހިތް ގުޑުވާލިވަގުތު ވީތަދު އަދިވެސް އިޙްސާސްކުރެވެއެވެ. އެތަދަކަށް ބަދަލެއް ނާދެއެވެ. ސިއްރުކުރުމުގެ ސަބަބުން ހިތް ޒަޚަމްވާވަރު ބޮޑުކަން އޭނާއަށް ހިނގެއެވެ. ހެނދުނު ހޭލައިގެން ބަދިގެއަށް އައި އިރު އަމީރާ އަވަދިނެތި މަސައްކަތުގައި އުޅެއެވެ. ކޮފީތައްޓެއް ހިފައިގެން ޒައިންވެސް މޭޒުކައިރީ އިނެވެ.

" ދަރިފުޅާ އަވަހަށް ސައިބޮއިގެން މަންމައަށް އެހީވާން އުޅޭ! "

ކުކުޅު ކޮށަން ސިންކު ކައިރި ހުރެ އަމީރާ ބުނެލިއެވެ. އުޝާއަށް ބަލާލެވުނީ މޭޒުމައްޗަށެވެ. ކައްކަން ގަނެފައިހުރި ސާމާނުތައް ކޮތަޅުތަކާއެކު މޭޒުމަތީގައި ހުއްޓެވެ. ކަޅިޖަހާނުލާ އުޝާއަށް ބަލަހައްޓައިގެން އިން ޒައިން، ފޯން ސްކްރީނަށް ބަލާލީ އުޝާ އޭނާއަށް ބަލާލުމުންނެވެ.

" މިއަދު މާ ޚާއްސަ ދުވަހަކީތަ؟ މަންމަ މާ އަވަހަށް ކައްކަން ފަށައިގެން ތިއުޅެނީ ؟ "

" އާނ ދަރިފުޅާ! މިއަދު ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ކާން އަންނަނީ! އެމީހުން ދިރިއުޅޭނީ ލަންކާގައި.. ޗުއްޓީއަކަށް މާލެ އައިސްގެން އެއުޅެނީ! "

އަމީރާ އެހެން ބުނުމުން އުޝާ ބޯޖަހާލަމުން ސުވާލުކޮށްލިއެވެ.

" އެހެންތަ؟ ވަރަށް ގިނަ މީހުން އާދޭތަ؟"

" ނޫން.. ނަޒީރުގެ ދެމަފިރިންނާ އެމީހުންގެ އަންހެން ދަރިފުޅު އަންނަ ވާހަކަ ބުނީ.. އުޝާއަށް އެނގޭތަ؟ އެމީހުންނަށް އެމަންޖެ ލިބުނީ މަންމަ، ޒައިން ވިހައިގެން ހޮސްޕިޓަލުން ދޫވެސްކޮށްނުލާ އޮއްވަ! އެމީހުންނަށް އަންހެން ކުއްޖެއް ލިބުނީމަ ބައްޕައާ ނަޒީރު ވަރަށް އުފަލުން ތިބީ. އަދިވެސް އެދުވަސް ހަނދާންވޭ! އޭރުވެސް ކިޔާނެ މި ދެކުދިން ވާނެޔޭ ކައިވެނިކުރުވަން.."

ހެމުން ހެމުން އަމީރާ ޒައިންއަށް ބަލާލިއެވެ. އުޝާއަށްވެސް ބަލާލެވުނީ ޒައިންއަށެވެ. ޒައިންގާތަށް އައީ ހިންޏެވެ.

" ހޭނެ ކަމެއްނެތޭ! އެ ނަދާ ކުޑައިރުވެސް ނުލާހިކު ލޯބިކޮށް ހުންނާނީ! ޒައިންއާއެކު ބައިވަރު ފޮޓޯވެސް ހުންނާނެ ބައްޕަގެ އަލްބަމްގައި! މިހާރު އަހަރެންވެސް ހިތަށް އަރާ ޒައިންއަށް ނަދާ ކަމުދާނެ ނަމައޭ! "

އަމީރާގެ ޖުމްލައިން އުޝާއަށް އިސްޖަހާލެވުނެވެ. ހިނިއައިސްފައި ހުރެ އަމީރާ ކުކުޅު ކޮށަމުން ދިޔައެވެ.

" އާނ ދެން ތިބުނާ ނަދާއެއް ފެނުނީމަ އެއްނު އެނގޭނީ.. މަންމައަށްވެސް އެނގޭނެ އަހަންނަށް ކަމުދާނީ ފެޝަނަށް ލޯބިކުރާ ކުދިންކަން.. އެހާ އާދައިގެ ވީމަ ކަމަކު ނުދޭ! "

އުޝާއަށް ވައްކަޅިން ބަލަން އިނދެ ޒައިން ބުނެލިއެވެ. އެއީ އުޝާއަށް އޭނާ އެއްލި ބަހެކެވެ. އުޝާއަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ، އާދައިގެ ގޮތަކަށް ހެދުންއަޅާ ކުއްޖެކެވެ. މޭކަޕަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ރީތި ގަހަނާ އަޅާ، ކުރު އެއްޗެހި ލުމަކީ އޭނާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. އަމީރާ ދީފައި ހުރި ގަހަނާތައް އޭނާ ރައްކާކޮށްފައި ބެހެއްޓީއެވެ. ދެރަވެލާފައި އުޝާ ޒައިންއަށް ބަލާލުމާއެކު ޒައިން ދެބުމަ އަރުވާލިއެވެ.

" އާނ މިޒަމާނުގެ ކުދިންނަށް ކަމުދާނީ އެކަހަލަ ކުދިން.. އުޝާވެސް ކޮންމެވެސް ވަރަކަށް މިކަމަށް ވިސްނަންވެއްޖެ! ހެދުން ގަންނަން ދިޔައީމަވެސް ގަތީ މުޅިންވެސް ހަރުވާޅު ހެދުން.. މަންމަ ދެން އެއްޗެއް ނުބުނީ! އުޝާ ބޭނުންވާ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލީ! "

އަމީރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މިފަހަރު މަޑުން ހުންނާކަށް އުޝާ ބޭނުމެއް ނުވިއެވެ.

" މަންމާ! އަހަރެން ބޭނުމެއްވެސް ނޫން ފެޝަނަށް ލޯބިކުރާ ފިރިއެއް! އަހަރެން ބޭނުންވަނީ އަހަރެންގެ ގޮތުގަ، އަހަރެން ދެކެ ލޯބިވާ މީހެއް! އަހަރެން ހެދުން އަޅާ ގޮތް ކަޓުކަމުން ނޫނީ މޭކަޕް ނުކުރާތީ އެމީހަކަށް އަހަރެން ހުތުރުވެގެން އަހަންނާ ގުޅެން ބޭނުން ނުވިޔަސް ދެރައެއް ނުވާނެ! ލޯތްބަކީ ހިތުން ވާ އެއްޗެއް! އެއީ ލޮލުން ވާ އެއްޗެއް ނޫން! "

ބޭއިޚްތިޔާރުގައި އުޝާއަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ. އަދި ވައްކަޅިން ޒައިންއަށް ބަލާލިއެވެ. އޭރު ޒައިން ހުރީ ސީދާ އޭނާއަށް ބަލާށެވެ. މިފަހަރު ، ޒައިންއާ ދިމާލަށް އުޝާ ދެބުމަ އަރުވާލިއެވެ. ހިތުން ހިތަށް ބަހުގެ ޙަމަލާތަކެއް ދޭންޖެހުނު ސަބަބެއް އެކަކަށްވެސް ނުވިސްނުނެވެ. ދެމީހުންނަށްވެސް އިޙްސާސްކުރެވެނީ އެކައްޗެކެވެ. ދެމީހުންނަށްވެސް ކޮންމެވެސް ބަދަލުތަކެއް އައިކަމެވެ.

" އާނ! ރަނގަޅު! ތިބުނީ ހަމަ ރަނގަޅު ވާހަކައެއް! "

ކޮށާފައި ހުރި ކުކުޅުކޮޅު ތެލުލަން އުނދަމުން އަމީރާ ބުންޏެވެ.

ބަދިގޭގައި އަވަދިނެތި އުޅެމުން ގަޑި ބަލަމުން އަމީރާ ދިޔައީ އަތްމަތިވެސް އަވަސްކުރަމުންނެވެ.

" އުޝާ މައްޗަށް ގޮސް ޒައިންގެ އެއްޗެއް އިސްތިރިކޮށްލާފަ އިނގޭ ފެންވަރަން ދާނީ! އެހެން ނޫނީ އޭނަ އޮވެދާނެ މިތަނަށް ނުނިކުމެވެސް.. މަންމަވެސް މިދަނީ ފެންވަރަން."

މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެހީގައި މަތި ޖަހަމުން އަމީރާ ވާހަކަ ދެއްކިއެވެ. އާނއެކޭ ބުނެ އުޝާ ހިނގައިގަތެވެ. އޭނާ ގޮސް ޒައިންގެ ކޮޓަރިއަށް ބޯދިއްކޮށްލީ ޓަކި ޖަހާލަމުންނެވެ. އޭރުވެސް ޒައިން އޮތީ އެނދުމަތީގައި ފޯނާ ކުޅޭށެވެ.

" ކޯއްޗެއްތަ އިސްތިރި ކުރަންވީ ؟ "

އަލަމާރިއާއި ދިމާލަށް ހިނގައިގަންނަމުން އުޝާ ބުންޏެވެ. އެއާއިއެކު ޒައިން ތެދުވެގެން އައިސް އުޝާ އާ ދާދި ގާތުގައި ހުއްޓުނެވެ. އަދި ކޮނޑުތަކުގައި އަޅުވާފައިހުރި އެއްޗެހިތައް ދުރުކުރަމުން އޭނާގއ ޓީޝާޓްތަކަށް ބަލަން ފެށިއެވެ.

" ކޮން ޓީޝާޓެއް ލީމަތަ އަހަރެންގެ ލުކްސް އެންމެ ރީތީ؟ ވައިޓްތަ؟ ނޫނީ ޔެލޯތަ؟"

ޓީޝާޓްތައް ބަލަމުން ޒައިން ވާހަކަ ދެއްކީ އުޝާއާއެވެ.

" ހަމަ އެކުއްޖާއަށް ދެއްކެން ވެގެންދޯ؟" މަލާމާތުގެ ރާގަކަށް އުޝާ އެހެން ބުނުމާއެކު ޒައިން އުޝާއަށް ބަލާލިއެވެ. ޒައިންގެ މޫނަށް ބަލާލުމެއްނެތި އުޝާ ދުރަށް ހިނގައިގަތެވެ. އެއާއެކު ޒައިން އެއްލި އަތުން އުޝާގެ އަތުގައި ހިފުނެވެ.

" އަހަރެން އުޝާގާތު އަހާނީ އުޝާއަށް އެންމެ ރީތި އެއްޗެއް ލާހިތުން ނެއްނު! އެއީ އެކުއްޖާއަށް ދެއްކެން ވެގެންނެއްނޫން.. އެއީ އުޝާއަށް ދެއްކެން ވެގެން.."

ޒައިން އެހެން ބުނެ އުޝާގެ އަތުގައި ހިފާ ދަމައިގަތެވެ. އެހިނދު ބާރުބާރަށް ގޮސް އުޝާ ތަތްވީ ޒައިންގެ މޭގައެވެ.

( ނުނިމޭ )

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (4)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (4)

(ނިމުނީ)