އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއާއި ލިވަޕޫލް ބައްދަލުކުރި މެޗު ތަފާތި ބޮޑު ނަތީޖާއިން ވުލްވްސް ކާމިޔާބު ކުރިއިރު، ރޭ ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ބާރަ މިނެޓްފެ ތެރޭގައި ވުލްވްސް އިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 5 ވަނަ މިނެޓުގައި މަޓިޕް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ވުލްވްސްގެ ދެވަނަ ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކްރައިގް ޑޯސަންއެވެ.

މެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި އެޑަމާ ޓްރައޯރޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރުބެން ނެވޭސް އެވެ.

މި މެޗުން ބަލިވުމާއިއެކު ލިވަޕޫލުން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. އެއް މެޗު އެއްވަރުވީ އިރު ހަތަރު މެޗުން ވަނީ ބަލިވެފައެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލެސް ބަލިކޮށްފައެވެ.

ޔުނައިޓެޑުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ލުކާ ޝޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ.

މި މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރ ކަސެމީރޯއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ކަސެމީރޯ އަށް ރަތް ކާޑު ދެއްކީ ކުޅުންތެރިއަކަށް ހަމަލާ ދިނުމުންނެވެ. ވުމާއެކު މެޗުގެ ފަހުބައި ޔުނައިޓެޑުން ކުޅެން ޖެހުނީ ޕްރެޝާގައެވެ. މި މެޗުގައި ޕެލަސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޝްލަފްއެވެ.

މި މެޗުން މޮޅުވުމާއި އެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 21 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް އަތުން ބަލިވި ޕެލަސް މިވަގުތު އޮތީ ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.

ރޭ ވުލްވްސް އަތުން ބަލިވި ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ވުލްވްސް ވަނީ ލިވަޕޫލް ބަލިކޮށް ތާވަލުގެ 15 ވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

މިވަގުތު ހަތަރު ވަނާގައި އޮތް ނިއުކާސަލާއި ވެސްޓް ހޭމް ރޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނިއުކާސަލް ހަތަރު ވަނާގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 40 ޕޮއިންޓާއި އެކުގައެވެ.