ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަންފެށުމުގެ ތައްޔާރީތައް ނިމި، އަންނަ އާދީއްތަ ދުވަހުންފެށިގެން ރާއްޖޭގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަން ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރި ސޮފްޓްވެއާގެ ބައިތަކުގެތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް އަންނަ އާދީއްތަ ތައާރަފްކުރަން ވަނީ ނިންމާފައެވެ.

Ad
rt

މިގޮތުން 5 ފެބްރުވަރީ 2023 އިން ފެށިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުންކުރަމުންދާ (Police Mv) އެޕްލިކޭޝަން އިން ފެންނަ މި މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސްއަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގޮތުގައި ބައްލައިގަނެ އެޕްލިކޭޝަންއިން ފެންނަ ލައިސަންސްއަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް މިނިސްޓްރީން އަންގަފާއި ވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތައް ހަމަޖެއްސިއިރު، 29 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން 04 ފެބުރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. މިހިދުމަތް ހުއްޓާލީ އެ މިނިސްޓްރީގެ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރގައި ހިމެނޭ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސާއި ބެހޭ ޚިދުމަތް ރޯލްއަޓް ކުރުމަށާއި ޑޭޓާ މައިގްރޭޝަންގެ މަސައްކަތްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.

އަންނަ އާދީއްތަ ދުވަހު ތަޢާރަފްކުރެވޭ މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރިއަށް ގެންދާގޮތައް ފަރުމާކޮށްފައިވާއިރު، ލައިސަންސް ދޫކުރާނީ ވެސް ޑިޖިޓަލް ކޮށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފަވެއެވެ.

މި ބަދަލާއި ގުޅިގެން މިހާރު ޕްރިންޓިންގ އަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެންދާއިރު، ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށް ދެވޭނެކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފަވެއެވެ.