އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ''ބުންވަރު''ގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ހިނގާލުން ފަށައިފިއެވެ.

މިއަދު ހަވީރު 16:00 ގައި ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ އިދިކޮޅުގެ ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ.

Ad
rt

ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މާލޭގައި ހުންނަ މައި އޮފީސް ދޮރުމަތިން ފެށި މިހިނގާލުމުގެ ބައިވެރިން ހިފަހައްޓައިގެންތިބި ބެނާތަކަށް ބަލާއިރު ''އިންސާފު ގާއިމުކުރޭ'' ލިޔެފައިވާ ބޮޑު ބެނާއެއް ހިނގާލުމުގެ ކުރިން ފެނެއެވެ.

މި ހިނގާލުމުގެ ބައިވެރިން ދަނީ އިދިކޮޅު ލީޑަރު ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ.

އެ ޙުކުމަށްފަހު އިދިކޮޅުން އަންނަނީ ސިލްސިލާ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ދެމި އޮތްހާ ހިނދު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައިވާއިރު، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.