އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ފޯރުވަމުންދާ ކަމަށާއި، އެކަން ހުއްޓުވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ނާޒިމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
''އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ވައްދާތީ އެކަން ބަންދުކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިން'' ނާޒިމް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ފެނިގެންގޮސްފައިވަނީ އެއްވެސް ވަރެއްގެ މިނިވަންކަމެއް ނެތް، ހަމައެއް އިންސާފެއް ނެތް އިންތިޚާބެއްގެ ގޮތުގައި ކަމަށެވެ.
އެއިންތިޚާބުގައި ސަރުކާރުން ނުވާ ވަޢުދެއް ނެތް ކަމަށާއި ކޮމަންޑޫއާ މަތިކޮމަންޑޫ ގުޅާލުމާއި ކޮމަންޑޫ ދާއިރާގައި އައިސްޕްލާންޓެއް ބެހެއްޓުން ފަދަ ވައުދުތައްވެ އެވައުދުތައް ފުއްދުނު ތަނެއް ނުފެނުނު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ރޭގެ ވާހަކާގައި ވަނީ ނިމިގެންދިޔަ މިފަދަ އިންތިޚާބުތަކުގައި ހިންގާދިޔަ ކަންކަމުން ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނެކަމާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ.
ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!