އިސްލާމް ދީން އަޅުގަނޑުމެންނަށް އެދި ގޮވަނީ މަސްތުވާތަކެތިން ދުރުހެލިވެ، އެކަމުން ސަލާމަތްވުމަށްކަން ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.
"މަސްތުޥާތަކެތީގެ ނުރައްކާ" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ މީހާގެ ހަމަބުއްދިއާއި ހެޔޮވިސްނުމުން އެއްކިބާކޮށްލާ އެއްޗެއްކަން ކަށަވަރު ކަމަށެވެ. އަދި އެތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިޒަމާނުގެ ދިރާސާތަކުން ސާބިތުވާ ކަމަށެވެ.
މިފަދަ ދިރާސާތަކުން ދައްކާގޮތުގައި ހެރޮއިން އާއި ކޮކޭން ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަބަދަލުތަކެއްގެ ސަބަބުން ސިކުނޑިން ރަނގަޅުނޫން މެސެޖުތަކެއް ދޭންފަށާ ކަމަށާއި އެހެންކަމުން މަސްތިވާތަކެތި ބޭނުންކުރާ މީހުންގެ ކިބައިން ގިނަފަހަރަށް އާދަޔާޚިލާފު އަމަލުތަކެއް ފެންނަކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑުވަބާއަކީ މަސްތިވާތަކެތިކަން ފާހަގަކޮށް ހުތުބާގައި ބުނީ މީހަކަށް ބައްޔެއް ޖެހުމުން އެބަލި ފަސޭހަވޭތޯ މަސައްކަތްކުރިނަމަވެސް މަސްތުވާތަކެތީގެ އަވައިގާ ޖެހިފައިވާ މީހާ އަށް އެއާ ދުރަށް ދެވެން ނޯންނަކަމަށެވެ.
ހުތުބާގައި ބުނީ މިކަމުން ތިމާއަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް އިހްސާސް ކުރެވޭއިރުވެސް އެތަކެތި ބޭނުންކުރުމަށް އޭނާއަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އެކަމުން ދުރަށް ދިއުމުގެ ބަދަލުގައި މަސައްކަތް ކުރަމުންދަނީ ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފްސާއި ހަށިގަނޑު ހަލާކުކޮށް، ނައްތާލުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހަކު އެކަމުން ސަލާމަތްވާން މަސައްކަތްކުރަން އުޅުނުކަމުގައިވިޔަސް މިކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެކަން އެނގޭއިރަށް، ކަންބޮޑުވެ އޭނާ އެކަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާ ކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. އަދި އެހެންގޮތެއް ނެތްނަމަ، އެމީހަކު މަރަންވެސް ފަސްނުޖެހޭ ކަމަށާއި އެހެންކަމުން މި ނުރައްކާތެރި ވަބާގައި ޖެހިއްޖެ މީހަކަށް މިއިން ސަލާމަތްވުން ވެފައި އޮންނަނީ ވަރަށް ދަތި އަދި އުނދަގޫ ކަމަކަށްވެފައި ކަމަށް ވެސް ހުތުބާގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!