އިއްޔެ ހިނގި ހާދިސާއެއްގައި ނިޔާވި ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ނިސާޙް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 18:54 ހާއިރު އެވެ. އޭނާ ވަނީ މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.
ނިޝާހްގެ ވަކިވުމާއިގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ވަކިވެގެންދިޔަ ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. އަދި އޭނާ އަކީ ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިއްޔެ އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ނިޝާހް ޢަބްދުލްޣަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް. ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް. އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.
— Ibrahim Mohamed Solih (@ibusolih) January 31, 2023
ނިޝާހު އަކީ 6 ވަނަ ރ. އަތޮޅު ސްކައުޓް ގްރޫޕް (އިނގުރައިދޫ ސްކޫލް)ގެ ސްކައުޓެއްކެވެ. އަދި އޭނާ ވަނީ 18 ނޮވެމްނަރު 2018 ގައި އިނގުރައިދޫ މޫދަށް އެރުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހާދިސާގައި، އެ ކުއްޖާ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާ ހިތްވަރެއް ދައްކާފައެވެ. އެހެންވެ އޭނާގެ ހިތްވަރަށްޓަކައި ސްކައުޓް އެ ސޯސިއޭޝަނުންދޭ ގެލެެންޓަރީ ރަން މެޑަލް ވެސް ވަނީ ދީފައެވެ.
18 ނޮވެމްނަރު 2018 ގައި އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ސްކޫލް ދަރިވަރަކަށް ކުރިމަތިވި ހާދިސާގައި އެ ދަރިވަރު ސަލާމަތް ކުރީ ނިޝާހުގެ އިތުރުން އިނގުރައިދޫ ސްކޫލްގެ އިތުރު ސްކައުޓެއްކަމަށްވާ އަލީ ފައުޒާނެވެ.
ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތް ކުރުމުގައި ގަދަ ހިތްވަރާއި ނަމޫނާދެއްކި
ނިޝާހު އާއި ފައުޒާންގެ މި ހިތްވަރުގަދަ މަސައްކަތުގެ އަގު ވަޒަންކޮށް ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ވަނީ މި ދެކުންދިންނަށް ދެއްވާފައެވެ. މި އިނާމުގެ ގޮތުގައި ހަނދާނީ ފިލާ މި ދެކުދިންނަށް ދެއްވާފައި ވަނީ 2019 ވަނަ އަހަރުއެވެ.
އިއްޔެގެ ހިތާމަވެރި ހާދިސާ ހިނގިއިރު ނިޝާހް މަސައްކަތް ކުރަމުން ދިޔައީ މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައެވެ. އޭނާ އަކީ މޯލްޑިވްސް ޑައިވް ސެންޓަރުންނާއި ޑައިވް ކުރުމުގައި ބައިނަލް އަޤުވާމީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް އޯގަނައިޒޭޝަން "ޕަޑި" އިން ޑައިވް ކޯސްތައް ފުރިހަމަކޮށްފައިވާ ޒުވާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!