އދ. މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއި އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ހިނގި ހާދިސާގައި އިއްޔެ ނިޔާވި ނިޝާހް ޢަބްދުލް ޣަފޫރަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ.
ފުލުހުންގެ ޚިދުމަތުން، ރޭ 21:06 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ރޭ 18:54 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މަހިބަދޫ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ އެމީހާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާއާއި ނިޔާވެފައި ވަނީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޣަފޫރެވެ. ނިޝާހުގެ ވަކިވުމަކީ އިނގުރައިދޫއަށާއި، މުޅި ސްކައުޓް ފެމިލީއަށް ވެސް ލިބުނު ފުން ހިތާމައެކެވެ. އެއީ ޤައުމަށް ވެސް ގެއްލިގެން ދިޔަ ހިތްވަރުގަދަ ދަރިއެއްކަމާމެދު ޝައްކެތްނެތެވެ.
ނިޝާހުގެ ވަކިވުމާއިގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ނިޝާހު އަކީ 6 ވަނަ ރ. އަތޮޅު ސްކައުޓް ގްރޫޕް (އިނގުރައިދޫ ސްކޫލް)ގެ ސްކައުޓެއްކަން ބަޔާންކޮށް ވިދާޅުވެފައި ވަނީ، އޭނާ އަކީ 18 ނޮވެމްނަރު 2018 ގައި އިނގުރައިދޫ މޫދަށް އެރުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހާދިސާގައި، އެ ކުއްޖާ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާ ހިތްވަރުދެއްކި ސްކައުޓެއް ކަމަށެވެ.
''އޭނާގެ އެ މަތިވެރި ނުގުޑާފަދަ ވަރުގަދަ ޢަމަލުގެ ސަބަބުން މި އެ ސޯސިއޭޝަނުން ދޭ ގެލެެންޓަރީ ރަން މެޑަލް އޭނާ އަށް ވަނީ ލިބިފައި'' ސްކައުޓް އެ ސޯސިއޭޝަނުން ވިދާޅުވެފަވެއެވެ.
18 ނޮވެމްނަރު 2018 ގައި އިނގުރައިދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ސްކޫލް ދަރިވަރަކަށް ކުރިމަތިވި ހާދިސާގައި އެ ދަރިވަރު ސަލާމަތް ކުރީ ނިޝާހުގެ އިތުރުން އިނގުރައިދޫ ސްކޫލްގެ އިތުރު ސްކައުޓެއްކަމަށްވާ އަލީ ފައުޒާނެވެ.
''މި ހާދިސާގައި ސްކައުޓް ދެ ދަރިވަރުން ތިޔަ ދައްކައިދިނީ ކޮންމެ ހާލަތެއްގައި ވެސް ތައްޔާރަށް ތިބެންޖެހޭކަން، މި ދަރިވަރުންގެ ނަމޫނާ އުފަލާއެކު ސްކޫލުން ފާހަގަ ކުރަން'' އެ ހާދިސާ ހިނގި ދުވަހު އިނގުރައިދޫ ސްކޫލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފަވެއެވެ.

ނިޝާހު އާއި ފައުޒާންގެ މި ހިތްވަރުގަދަ މަސައްކަތުގެ އަގު ވަޒަންކޮށް ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް ވަނީ މި ދެކުންދިންނަށް ދެއްވާފައެވެ. މި އިނާމުގެ ގޮތުގައި ހަނދާނީ ފިލާ މި ދެކުދިންނަށް ދެއްވާފައި ވަނީ 2019 ވަނަ އަހަރުއެވެ.
ނިސާހްގެ ހިތްވަރު ފާހަގަކުރަށްވައި ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލާ ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
މި އިނާމް ދެއްވުމާއިގުޅިގެން ރައީސް އޮފީހުން ލިޔުއްވާފައިވެއެވެ. ''18 ނޮވެމްނަރު 2018 ގައި އިނގުރައިދޫގައި އެރަށު ހުދުފިނިފެންމާގޭ އަޙްމަދު އަޙްނަފް (އުމުރު 14 އަހަރު) އިނގުރައިދޫ ފުއްޓަރު ފަރާތަށް މަސްހިފަން ފީނަން ގޮސް އުޅެނިކޮށް، އަޙްނަފް ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން، ގަލެއްގައި ދަގަނޑު ތާށިވެ، އަދި އެ ވަގުތު ދަގަނޑުގައި އައްސާފައި އޮތް ވާގަނޑު އަޙްނަފްގެ އަތުގައިވެސް އައްސާފައި އޮތުމުން، އަޙްނަފް މައްޗަށް އަރަން މަސައްކަތްކޮށް ނޭވާ ހާސްވިއިރު ވެސް ދަގަނޑު ނެއްޓޭ ގޮތެއް ނުވިއެވެ. އެ ވަގުތު ޢަލީ ފައުޒާނާއި، ނިޝާހް ޢަބްދުލްޣަފޫރު ތިބީ އަޙްނަފާ ތަންކޮޅެއް ދުރުގައި ކަމަށްވުމުން، އެ ދެކުދިންނަށް އެހިސާބަށް ދެވުނުއިރު އަޙްނަފް އޮތީ ނޭވާ ހާސްވެގެން މޫދު އަޑީގައެވެ. އެހެންވެ، އަޙްނަފް ވަގުތުން ފެނުން މައްޗަށް ނެގޭތޯ އުޅެ ނެގޭގޮތް ނުވުމުން އަޙްނަފާއެކު ގަލުގައި ތާށިވެފައި ހުރި ދަގަނޑު، އެ ދެ ކުދިންގެ މަސައްކަތުން ހަލާކުކޮށްލައިގެން އަހްނަފް ފެނުން މައްޗަށް ނަގައި އެގޮތުން ކުރި މަސައްކަތުން އަޙްނަފަށް ނޭވާލެވޭގޮތްވެ، ލޯ ހުޅުވުމުން، ދެ ކުދިންވެގެން އަޙްނަފް އެއްގަމަށް އަރުވައި، އެވަގުތު އެހިސާބުގައި އެއްވެސް މީހަކު ނެތުމުން، މީހެއްގެ އެހީތެރިކަން ހޯދުމަށް އެތަނުން އެއް ކުއްޖަކު ރަށުތެރެއަށް ގޮސް، އިތުރު ދެ މީހެއްގެ އެހީތެރިކަމާއެކު ރަށުގެ ޞިއްޙީ މަރުކަޒަށް އަޙްނަފް ގެންދިޔައެވެ.''
''މި ހާދިސާ ހިނގި ގޮތަށް ބަލާއިރު، ގެނބިފައިވާ ކުއްޖެއްގެ ފުރާނަ، މި ދެ ސްކައުޓުންގެ މަސައްކަތުން ސަލާމަތް ކުރެވިފައިވާ ކަމަށް ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒުން ދީފައިވާ ލިޔުމުން އެނގެން އޮތުމާއި، މި ދެކުދިންގެ މި މަސައްކަތަކީ އާދަޔާޚިލާފު ހިތްވަރުގަދަ މަސައްކަތަކަށްވާތީ، އަދި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުންވެސް މި ހާދިސާ ހިނގައިދިޔަގޮތް އިތުރަށް ބައްލަވައި، އެ އެސޯސިއޭޝަނުން އެ ދެ ސްކައުޓުންނަށް ޚާއްޞަ އެވޯޑެއް ދެއްވާފައިވުމާއި، ބައިނަލްއަޤްވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް އެކަން ފާހަގަކުރައްވާފައިވުމާއެކު، ޤައުމީ ފެންވަރެއްގައި އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މި ދެ ސްކައުޓުންނަށް ސަރުކާރުން ހަނދާނީ ފިލައެއް ދެއްވުމަށް ނިންމެވީއެވެ.'' ރައީސް އޮފީހުން ލިޔުއްވާފަވެއެވެ.
އިއްޔެގެ ހިތާމަވެރި ހާދިސާ ހިނގިއިރު ނިޝާހް މަސައްކަތް ކުރަމުން ދިޔައީ މާފުށިވަރު ރިސޯޓުގެ ޑައިވިން ސެންޓަރުގައެވެ. އޭނާ އަކީ މޯލްޑިވްސް ޑައިވް ސެންޓަރުންނާއި ޑައިވް ކުރުމުގައި ބައިނަލް އަޤުވާމީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް އޯގަނައިޒޭޝަން "ޕަޑި" އިން ޑައިވް ކޯސްތައް ފުރިހަމަކޮށްފައިވާ ޒުވާނެކެވެ.
ނިޝާހްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ ރޭ 1:30 ގައި މާލޭ އާ ސަހަރާ މިސްކިތުގައެވެ. އެއަށްފަހު އޭނާ ވަޅުލާފައި ވަނީ އާސަހަރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!