ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ.
ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.
އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ގުޅޭ ކަންތައްތައް މުސްތަގިއްލުކޮށް އެކަންތައްތައް ރެގިއުލޭޓް ކުރުމަށްޓަކައި މުސްތަގިއްލު ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނުގެ ގާނޫނީ މައްސޫލިއްޔަތުތަކުގެ ދަށުން ހުރިހާ އިދާރާތަކެއްގެ މުވައްޒަފުންނާއި ގުޅޭ ކަންތައްތައް އެކަށައަޅައި ބެލެހެއްޓުން ކަމަށެވެ.
ސަރުކާރުގެ ތަފާތު މިނިސްޓްރީތަކާއި އިދާރާތަކުން ތަފާތު ޚިދުމަތްތައް ފޯރުކޮށްދީ ތަފާތު މަސައްކަތްތައް ކުރަމުންދާއިރު ދިވެހި ސިވިލްސާވިސްއަކީ ދައުލަތުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާންވާނެކަމަށް ސިވިލްސާވިސް ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، ދައުލަތުގެ ފަރާތުން ދޭ ޚިދުމަތްތައް ދިނުމަށް އެކި އިދާރާތަކަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައި ދިނުމާއި އެ މުވައްޒަފުންގެ ކަންތައްތައް ރެގިއުލޭޓް ކުރުމަކީ އެ ގާނޫނުގެ އަށްވަނަ މާއްދާގެ ދަށުން ސިވިލްސާވިސް ކޮމިޝަނުގެ މައްސޫލިއްޔަތެއް ކަމަށެވެ.
އިތުރަށް އެ ސިޓީގައި ވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލުގެ އިދާރާއަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިޢުލާނު ކުރުމާއި ރެކްރޫޓްމަންޓް ޕްރޮސެސް އެ ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ވަނީ އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށް ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ބޭނުންވާ މަގާމުތައް އެ ކޮމިޝަނަށް އަންގަވައި ދެއްވުމަށް ވެސް އެދިލައްވާފައެވެ.
ކައުންސިލްތަކަށް ބޭނުންވާ ސިވިލްސާވިސް މުވައްޒަފުން ނެގުމަށް އިޢުލާން ކުރުމާއި އެ މުވައްޒަފުންނާއި އިންޓަވިއުކޮށް މަގާމްތަކަށް އެ މުވައްޒަފުން ނެގުމުގެ ޕްރޮސެސްއަކީ ސިވިލްސާވިސް ކޮމިޝަންގެ ބެލުމުގެ ދަށުން ކައުންސިލުތަކަށް ދޫކޮށްލެވިފައި އޮންނަ ބާރެކެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާކުރައްވަމުން އިހަވަންދޫ ކައުންސިލުގެ ރައީސް އަހްމަދު ޞަބާހް ވިދާޅުވެފައި ވަނީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ ސިވިލްސާވިސް މުވައްޒަފުން ނެގުމުގެ އެންމެހާ ބާރުތައް ސިވިލްސާވިސް ކޮމިޝަނުން ނެންގެވި ސީދާ ސަބަބެއް އެނގިނުލައްވާ ކަމަށެވެ.
ޞަބާހް އިތުރަށް ވިދާޅުވެފައި ވަނީ މީގެ ހައެއްކަ މަސް ކުރިން ކައުންސިލް އެސިސްޓެންޓްގެ މަގާމަށް ދެ މުވައްޒަފަކު ހޯދަން އެ ކައުންސިލުން އިޢުލާންކޮށް، އިންޓަވިއު ވެސް ކައުންސިލުން ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ސިވިލްސާވިސް ކޮމިޝަނުން އެ އިންޓަވިއު ވެސް ބާތިލު ކޮށްފައިވާ ކަމަށެވެ. އިންޓަވިއު ބާތިލްކުރި ސަބަބެއް ހޯދުމަށް ކައުންސިލުން ސިވިލްސާވިސް ކޮމިޝަނަށް ސިޓީ ވެސް ފޮނުވިކަމަށާއި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާކަމަށެވެ.
އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ސަރުކާރުން ބޭނުންވާ ވަކިބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް ޞަބާހް ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ލާމަރުކަޒީ އުސޫލާއި ބީރައްޓެހި ގޮތަކަށް ސިވިލްސާވިސް ކޮމިޝަނުން އަމަލުތައް ބަހައްޓަވާތީ ޞަބާހް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސިވިލްސާވިސް ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް ބޭނުންވާ ސިވިލްސާވިސް މުވައްޒަފުން ނެގުމުގެ ރެކްރޫޓްމަންޓް ޕްރޮސެސް އެ ކޮމިޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ނިންމި ސަބަބުތަކާއި ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް އިހަވަންދޫއިން މި ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ފުރަތަމަ މައްސަލަ ދިމާވިކަމަށް ބެލެވެނީ އެ ރަށުގެ މިސްކިތައް ދެ މަސައްކަތު މީހުން ނަގަން ކުރިއަށް ގެންދެވުނު ޕްރޮސެސްއަށް ފަހު ކަމަށެވެ.
އެ ދެ މަގާމަށް މީހުން ހޯދަން އިޢުލާން ކުރުމާއި އިންޓަވިއު ކުރިއަށް ގެންދިޔުމަށް ޕެނަލް އެކުލަވާލައި އިންޓަވިއު ކުރިއަށް ގެންގޮސްފައި ވަނީ ކައުންސިލުން ކަމަށާއި އިންޓަވިއު ނިންމައި މުވައްޒަފުން ނެގުމާއި ހަމައަށް ދިޔައިރު، ޕެނަލްގައި ހިމެނި ވަޑައިގަންނަވާ އެއް ބޭފުޅަކަށް މުވައްޒަފުން ނެގުމުގައި މާކްސް ޝީޓަށް ބަދަލު ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެ މައްސަލަ ބަލައިދެއްވުމަށް އެދި ސިވިލްސާވިސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ.
ސިވިލްސާވިސް ކޮމިޝަނުން އެކަން ހިނގާދިޔަގޮތް ބެއްލެވުމަށް އެ އަތޮޅު ކައުންސިލަށް އެންގެވިކަމަށާއި އަތޮޅު ކައުންސިލުން އިހަވަންދޫ ކައުންސިލުގައި އެކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ފޮނުއްވައި ދެއްވަން އެދުމުން އިހަވަންދޫ ކައުންސިލުން އެކަމުގައި އެންމެ ފުރިހަމަ އެއްބާރުލުން ދީފައި ނުވާކަމަށެވެ.
މި މައްސަލައިގެ އިތުރުން އިހަވަންދޫ ކައުންސިލްގެ އެސްޖީ މަގާމަށް މުވައްޒަފުން ނެގުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެސްޖީގެ މަގާމަށް ކުރިމަތިލީ ފަރާތުގެ އިންޓަވިއު ކޮމިޝަނުން ކުރިއަށް ގެންގޮސް އެކަމަށް ޝަރުތުހަމަވާ ފަރާތް ސިވިލްސާވިސް ކޮމިޝަނުން އައްޔަނު ކުރެއްވުމަށް ނިންމި ކަމަށެވެ.
ސިވިލްސާވިސް ކޮމިޝަނުން އިންޓަވިއުއާއި އެގްޒާމް ނިންމައި އިހަވަންދޫ ކައުންސިލުގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ނިންމަވައި އެކަމަށް ކައުންސިލުގެ ލަފާ ހޯއްދެވުމަށް ކޮމިޝަނުން އެދިލެއްވުމުން ކައުންސިލުން ވަނީ އެސްޖީގެ ގޮތުގައި ކޮމިޝަނުން ނިންމެވިފަރާތް އައްޔަނު ކުރެއްވުމަށް ކައުންސިލަށް ނުފެންނަކަމަށް ކޮމިޝަނަށް އަންގާފައި ކަމަށެވެ.
ކައުންސިލުގެ މި ޖަވާބާއި ގުޅިގެން ކޮމިޝަނުން އެސްޖީގެ ގޮތުގައި ނެންގެވިފަރާތް އިހަވަންދޫ ކައުންސިލުގެ އެސްޖީކަމަށް އައްޔަނުކުރުމަށް އިހަވަންދޫ ކައުންސިލަށް ނުފެންނަ ސަބަބެއް ފާހަގަ ކުރައްވާފައި ނުވާތީ އެފަރާތް އެސްޖީގެ ގޮތުގައި އައްޔަނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް އެންގި ކަމަށެވެ.
އޭގެފަހުން އިހަވަންދޫ ކައުންސިލުން ސަބަބުތަކެއް ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. އެ ސިޓީއަށް ފަހު ކޮމިޝަނުން ވިދާޅުވެފައި ވަނީ އެސްޖީގެ މަގާމަށް މުވައްޒަފަކު އައްޔަނު ކުރަނީ މެރިޓް ބޭސް އުސޫލުން ކަމަށާއި އެ މަގާމަށް ނުނެގުމަށް އެކަށީގެންވާ ސަބަބުތަކެއް ނެތުމާއިއެކު އެސްޖީގެ ގޮތުގައި އެ ފަރާތެއް އައްޔަނުކުރުމުގެ މަސައްކަތް ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ހިސާބުން ކޮމިޝަނުން ވަނީ ވަޒީފާ ހަމަޖެއްސި ކަމުގެ ޗިޓް ހަވާލުކުރުމަށް ފަހު އެސްޖީ ވަޒީފާއަށް ނެރުމަށް އަންގާފައި ކަމަށާއި ނަމަވެސް އިހަވަންދޫ ކައުންސިލުން އެކަމަށް ވެސް ވަނީ ދެކޮޅު ހަދާފައި ކަން އިހަވަންދޫއިން ވާހަކަ ދެއްކި މީހާ ވަނީ ފާހަގަ ކޮށްފައެވެ.
ސިވިލްސާވިސް މުވައްޒަފުންގެ އެންމެ އިސް ފަރާތަކީ ސިވިލްސާވިސް ކޮމިޝަނެވެ. ކައުންސިލުތަކަށް ސިވިލްސާވިސް މުވައްޒަފުން ނެގުމުގެ ބާރުތައް ދޫކޮށްލާފައި އޮތްނަމަ ވެސް ކައުންސިލުތަކުން ހެދިފައިވާ އުސޫލުން ބޭރުން އަމަލުކުރާނަމަ، ނުވަތަ ކޮމިޝަނުން ބޭނުންވެއްޖެނަމަ އެ ބާރު ކޮމިޝަނަށް ނެގުމަކީ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިދޭ ބާރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!