މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުވާނެ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ.

ރައިޝަމް އަކީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސަށް ތާއީދު ކުރެއްވި ބޭފުޅެކެވެ.

Ad
rt

އެ ޕްރައިމަރީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާފައިވާއިރު، ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަމުން ރައިޝަމް ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

’’އިރާދަކުރެއްވިއްޔާ 2023 ކާމިޔާބު ވާނެ’’ ރައިޝަމް ވިދާޅުވިއެވެ.

އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް ވޯޓް ދެއްވި އެންމެހާ މެންބަރުން ވަކިން ހާއްސަކޮށް ފޭދޫއިން ރައީސް ނަޝީދަށް ވޯޓް ދެއްވި އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.

ޕްރައިމަރީ ކާމިޔާބު ކުރަށްވައި ދެވަނަ ފަހަރަށް ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާއިރު، ރައީސް ނަޞީދު ދެން ކަންތައް ކުރަށްވާނެ ގޮތަކާމެދު އަދި އާންމުކޮށް ވާހަކަފުޅެއް ނުދައްކަވައެވެ. ނަމަވެސް ރައީސް ނަޝީދުގެ ބައެއް ސްޕޯޓަރުން ދަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް އެ މީހުން ތާއީދު ނުކުރާނެ ކަމަށް ބުނަމުންނެވެ.