" ދަރިފުޅަށްވެސް އެނގޭނެ މަންމަ އަންހެން ދަރިއެއްވެސް ހުންނަ ނަމައޭ އަބަދުވެސް ކިޔައެއްނުދޯ! އެންމެ ފަހުން މިރަށުން އަންހެން ދަރިއެއް ހޯދައިފިއެއްނު!"
ބައްޕަގެ އެ ޖުމްލަ އަޑުއަހަން ޒައިންއަށް އެހާ ފަސޭހައެއްނުވިއެވެ.
" ވަޓް؟ މިރަށުންނޭ؟"
މަންމައާދިމާލަށް އޭނާއަށް ބަލާލެވުނީ ޤަބޫލުކުރަންދަތިވެފައި ހުރި ގޮތަކަށެވެ.
" އާނ! ކިހިނެއްވީ ދެލޯ ބޮޑުވީ؟ ދަރިފުޅު ގާތު ކުރިންވެސް ބުނީމެއްނު! "
ފަހުމީ އެހެން ބުނުމުން ޒައިން އާދައިގެ ގޮތަކަށް ހީލިއެވެ.
" ނޭނގޭނެ އެއްނު އެހެން ބުންޏަސް އެހާ އަވަހަށް ތިކަން ކުރާނެ ކަމެއް! އަނެއްކާ މިރަށުންނޭ ވިއްޔަ ތިބުނީ! މިއޮތީ މިރަށް އޮތް ގޮތް. ވަރަށް ފޫހި ރަށެއް. ދެން މިރަށުން ގެންދާ ކުއްޖާގެ ޙާލު ހުންނާނީ ކިހިނެއްބާ؟ "
" ދެން މާ ބާރަށް ތިވާހަކަ ނުދައްކާ! އޭނައަށް އަޑު އިވިދާނެ! ދެން ތިވާހަކަތައް ހުއްޓާލަންވީއޭ! މިހާރު ޒައިންއަށް އެނގިއްޖެ އެއްނުދޯ މަންމަމެން ކުއްޖަކު ގެނައިކަން! "
އުޝާއަށް އަޑު އިވިދާނެތީ ދޮރާއި ދިމާއަށް ބަލަން އިނދެ އަމީރާ ވާހަކަ ދައްކަމުންދިޔައެވެ. އެއާއެކު އަނެއްކާވެސް ޒައިންއަށް ލިބުނީ ހައިރާންކަމެވެ.
" މިހާރު މިގެއަށްވެސް ގެނައީ؟ " ހައިރާންވީވަރުން ޒައިންއަށް މިފަހަރުވެސް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
" ޝްޝްޝް..! ޕިސްޕިސް ޒައިން! އާނއެކޭ.. ދެން ތި މޫނުމަތި ރަނގަޅުކޮށްބަލަ! އަނެއްކާ އެކުއްޖާ ހިނގައިދާނެ ތިގޮތަށް ވާހަކަ ދައްކާ އަޑުއިވެންޏާ! ހެޔޮނުވާނެ ޒައިން .. މަންމައަށްޓަކައިވެސް މިކަމަށް ދެކޮޅު ނަހަދާ! "
އަމީރާ ޒައިންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އެއާއެކު ޒައިން ދެފަރާތަށް ބޯހޫރާލީ ބައްޕަގެ މޫނަށް ބަލާލަމުންނެވެ.
" އަޅެ ބައްޕާ އަހަރެން ކީކޭތަ ކީ؟ އަހަރެން ދެކޮޅު ހަދާތަ އެބަ؟ އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ ތިކަމުގަ!"
ޒައިން އެހެން ބުނުމުން އަމީރާ ޒައިންގެ ބޮލާއި މޫނުގައި ފިރުމާލީ އުފަލުންނެވެ.
ދޮރުގައި ޓަކި ޖަހާލިއަޑަށް އުޝާގޮސް ދޮރު ހުޅުވާލީ ބީރައްޓެހި ގޮތަކަށް ބަލަމުންނެވެ. އެވަގުތު ހެވިދިލިފައި ހުރި އަމީރާ ފެނި އުޝާއަށް ހިނިތުން ބެލެވުނެވެ.
" އާދޭ ދެން ކާން! " ހިތްހެޔޮކަމާއެކު އަމީރާ ބުންޏެވެ.
" ނޫން! ނެތް ކާހިތެއް! " ތަޅުގައި ހިފަހައްޓާލައިގެން ހުރެ ދޮރުފަތުގައި ބޯ ޖައްސާލަމުން އުޝާ ބުނެލިއެވެ. އެއާއެކު އަމީރާ ދެލޯ ބޮޑުކޮށްލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
" ނޫނޭ! އެއްގޮތަކަށްވެސް ތިހެން ކަމަކު ނުދާނެ! އުޝާ ޖެހޭނީ ކައިގެން ހުންނަން! އަހަރެމެން އެއްޗެހި އޯޑަރ ކުރީ އުޝާއަށާ އެއްކޮށޭ! ހިނގާބަލަ! "
އާދޭހުގެ ރާގަކަށް އަމީރާ އެހެން ބުނުމުން ދެކޮޅު ހަދާކަށް އުޝާއަކަށް ނުކެރުނެވެ. އެންމެ ރަނގަޅުކަމަށް ބުނެ އުޝާ ކޮޓަރިތެރެއިން ނިކުތެވެ.
އުޝާގޮސް އިށީނީ ޓެބަށް ގެއްލި ހުސްވެފައި އިން ޒައިންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭރު ފަހުމީވެސް ވީ ކޮޓަރީގައެވެ.
" ޒައިން! " ކާއެއްޗެހިތައް ކޮތަޅުން ނަގަމުން އަމީރާ ޒައިންއަށް ގޮވާލިއެވެ. މަންމަ ގޮވާލީ އާދައިގެ ރާގަކަށް ނޫންކަން ޒައިންއަށް ފާހަގަ ކުރެވުމާއެކު އޭނާ އިސްއުފުލާ ބަލައިލިއެވެ. އެހިނދު އޭނާއަށް ފެނުނީ ކުރިމަތީގައި އިން އުޝާއެވެ. އުޝާއަށްވެސް ބޭއިޙްތިޔާރުގައި ޒައިންއަށް ބަލާލެވުނެވެ. އެހެނަސް އުޝާއަށް ފެންނަނީ އޭނާއާއި ދިމާއަށް އަމާޒުކޮށްފައިވާ ޒައިންގެ ދެލޯއެކަންޏެވެ. މޫނުމަތީގައި ހުރަސްކޮށްފައިވާ ޓެބްލެޓުން ޒައިންގެ މޫނު ފެންނަ ވަރެއް ނުވިއެވެ.
" އުޝާ! އެއީ މަންމަގެ ޒައިން.."
އުޝާގެ ކުރިމަތީގައި ނޫޑްލްސް ތައްޓެއް ބަހައްޓަމުން ހެވިލާފައި އަމީރާ ބުންޏެވެ. އެއާއެކު ފަހުމީވެސް އައިސް ކާގެއަށް ވަނެވެ.
" ހާދަ ހިންގާލައިގެން މިއުޅެނީ! އަމީ ކޮބާ އަހަރެންގެ ކޮއްތުރޮށި! " ލޯތްބާއިއެކު ފަހުމީ ބުންޏެވެ. ފަހުމީގެ ވާހަކަދެއްކުން ހުރި ގޮތުން އުޝާ ވަރަށް ޝައުޤުވެރިވިއެވެ.
" ހޫމްމް.. ތަންތަނުން ގެންނަ އެއްޗެހީގައި ނުދުވާ އެހާ މީރު މީރު ވަހެއް! މަންމަ ކައްކާ އެއްޗެހި ވަރެއް ނުވާނެ ދޯ ދަރިފުޅާ! "
ފަހުމީ ޒައިންއަށް ދޯ އެއްލިއެވެ. އެއާއެކު ޒައިން އަވަސް އަވަހަށް އާނއެކޭ ބުނެ، ޓެބް މޭޒުމަތީގައި ބޭއްވިއެވެ.
" ޒައިންވާނެ އުޝާއާ ރަޙްމަތެރިކަން ބާއްވަން އިނގޭ! ބައްޕައަށްވެސް އެނގޭ ހަމަ ކުއްލިއަކަށް ކޮއްކޮއެއްގެ ކުލުނެއް އަދި ނޯންނާނެކަން! އުޝާވެސް ޒައިންއަކީ ހަމަ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި ދެކެންވީ! ތިޔަ ދެދަރިންނަކީ މިހާރު އަހަރެމެންގެ ހުރިހާވެސް ބަޔަކީ!"
ލަސްލަހުން ކަމުން އިނދެ ފަހުމީ ވާހަކަ ދައްކަމުން ދިޔައެވެ.
" އުޝާއަށް އެއްވެސް ކަމަކަށް ދަތިވިޔަކަ ނުދޭނަން.. އަމިއްލަ މައިންބަފައިންގެ ގޮތުގައި ދެކިގެން ހަމަ އުޅެންވީ! މަންމަމެން އުޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން ދުވަހަކުވެސް.."
އުޝާގެ އަތްމަތީގައި އަތް ބާއްވާލަމުން އަމީރާ ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ވިދަމުންދާތަން އުޝާއަށް ފެނުނެވެ.
" އަހަރެން ވަރަށް އުފާވެއްޖެ ! މާތްﷲ އަހަންނަށްވެސް ރަނގަޅު ގޮތެއް ދެއްކެވީތީ! މިހާރުވެސް އަހަރެންގެ ހިތް އުފަލުން ބަނޑުންވާހެން ހީވޭ! މިހާރުވެސް އަހަރެންގެ ހިތާމަތަކަށް ލުޔެއް ލިބިއްޖެހެންވެސް ހީވޭ!"
އުޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އުޝާ ވާހަކަ ދައްކަން ފެށުމުން ޒައިންއަށްވެސް އިނދެވުނީ އޭނާއާ ދިމާލަށް ބަލާށެވެ.
" އެންމެ ފުރަތަމަ ފެނިލުމުންވެސް މަންމައަށް އެނގިއްޖެ އުޝާއަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަން! "
" ދެން މިހާރު މި އާއިލާގައި ފިރެހެން ދަރިއެއް ހުރިކަން ހަނދާން އެބަހުރިބާ އެއްވެސް މީހަކު؟"
މަޖާ ރާގަކަށް ޒައިން އެހެން ބުނެލީ މަންމަ ހެއްވާލުމަށްޓަކައެވެ. ކަންތައްވީވެސް އޭނާ ބޭނުންވި ގޮތަށެވެ.
" މަންމައާއި ބައްޕަގެ ދެލޯފަދަ ދެދަރިން ތިބޭނެ މިހާރު! " އަމީރާ އުޝާއަށް ބަލާލަމުން ބުންޏެވެ.
ޖެހިގެން އައި ދުވަހު އެއާއިލާ މާލެ އަތުވެއްޖެއެވެ. ގެއަށް ވަދެވުމާއެކު އުޝާއަށް ވަށައިގެން ބެލެނީއެވެ. ބަދިގެއާއި ސިޓިންގރޫމްގެ އިތުރުން ތިރީބައިގައި ހުރީ މަންމައާއި ބައްޕަގެ ކޮޓަރިއެވެ. ސިޓިންގރޫމްގެ އެއްފަރާތެއްގައި ހުރި ސިޑިއަކުންް އެރިއިރު މަތީބައިގައިވެސް ކުޑަ ސިޓިންގރޫމަކާއެކު ދެކޮޓަރި ހުއްޓެވެ. އެއީ އޭނާގެ ކޮޓަރިއާއި ޒައިންގެ ކޮޓަރިކަން އެނގުނެވެ.
" އަސްލު މިއީ ގެސްޓްރޫމް! އެކަމަކު މި ރޫމް އުޝާއަށް ދެން ތައްޔާރުކުރާނަން! "
ކޮޓަރީގެ ދޮރު ހުޅުވާލަމުން ފަހުމީ ބުންޏެވެ. ކޮޓަރިތެރެއަށްވަދެ އުޝާ ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މިހާރުވެސް މިކޮޓަރި ކިހާ ރީތި! ދެން އިތުރަށް މިތަނަށް ގެންނަންޖެހޭ ބަދަލެއް އޮތްހެންނެއް ހިއެއްނުވޭ! އެންމެ ޒަމާނީ ފަރުނީޗަރާއި ޓީވީވެސް މިހުރީ! މީގެ ކުރިން މިހާ ރީތި ކޮޓަރިއެއް ދުވަހަކުވެސް ނުދެކެން! ބައްޕަމެން ދެން އިތުރު ޚަރަދެއް ކުރަނީ ކީއްކުރަން؟ ބޭކާރު ޚަރަދު ކުރުމަކީ އަހަރެންގެ ސިފައެއް ނޫން!"
އުޝާގެ ވާހަކައިން ފަހުމީ ވަރަށް އުފާވިއެވެ. ޒައިންއަކީވެސް އެފަދަ ރަނގަޅު ކުއްޖަކަށް ވީ ނަމަ ކޮންފަދަހޭ ފަހުމީގެ ހިތަށް އެރިއެވެ. އުފަލުންގޮސް ފަހުމީއަށް ނުރޮވި ހުރީ ކިރިޔާއެވެ.
" މިއަދު އެނގިއްޖެ އަންހެން ދަރިއެއްގެ ގޮތުގައި އަހަރެމެންނަށް މި ލިބުނު ހަދިޔާއަކީ ހަމަ ރަޙްމަތެއް! ތިއީ ވަރަށް ހެޔޮވިސްނޭ ކުއްޖެއް! "
އުޝާގެ ބޮލުގައި ފިރުމާލަމުން ފަހުމީ ބުންޏެވެ.
" މައިންބަފައިންނަކީ އަހަންނަށް ވަރަށް މުޙިއްމު ބައެއް! ދަރިއެއްގެ ގޮތުގައި ދެކިގެން އަހަރެން މިއާއިލާއަށް ގެނައީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. މިދުނިޔޭގައި އަހަންނަށް މިއަށްވުރެ ބޮޑު ހަދިޔާއެއް ނުލިބޭ! ދުވަހަކުވެސް އަހަރެން ތި މަންމައާއި ބައްޕައަށް ދެރަގޮތެއް ނަހަދާނަން!"
އަސަރާއެކު އުޝާ ބުންޏެވެ. އޭރު އޭނާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ޒައިން ހުރީ އޭނާގެ ކޮޓަރީގެ ދޮރުމަތީގައެވެ. އުޝާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާއާއިމެދު ކޮންމެވެސް ކަހަލަ ހަމްދަރުދީއަކާއި ޝައުޤުވެރިކަމެއް ޒައިންގެ ހިތުގައި އުފެދުނެވެ.
ހެނދުނުގެ ވަގުތެވެ. ހޭލައިގެން އުޝާ ބަދިގެއަށް އައި އިރު އަމީރާ ސައިކެއްކުމުގައި އަވަދިނެތި އުޅެއެވެ.
" މަންމާ! އަހަރެންގެ އަތަށް ދޭންވީނު ރިހަ ކައްކަން.." ކާމޭޒުކައިރީގައި ކޮޅަށް ހުރި އުޝާ އެހެން ބުނުމުން އަމީރާ ހައިރާންވިއެވެ.
" ދަރިފުޅަކަށް އަދި ނޭނގޭނެ އެކަހަލަ ބޮޑެތި ކަންތައް ކުރާކަށް! ސިންކްގައި ހުރި ތަށިކޮޅު ދޮވެލަދީ ތިހާ މަސައްކަތް ކުރާހިތްވަންޏާ! "
އަމީރާ އެހެން ބުނުމުންވެސް އުޝާއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާ ގޮސް އަމީރާގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
" ޕްލީޒް މަންމާ! އަހަންނަށް އެއް ފުރުސަތުދީ! " އުޝާގެ އެ ލޯބިވެތި ޢަމަލުން އަމީރާގެ ހިތް އުފަލުން ފުރުނެވެ. އަންހެން ދަރިއެއްގެ މުޙިއްމުކަންވެސް އޭނާގެ ހިތަށް އެރިއެވެ. އަދި ހިތާހިތުން މާތްﷲއަށް ޙަމްދުކުރެވުނެވެ. އެދުވަހު އަމީރާ އިނީ މޭޒުކައިރީ އިށީނދެލައިގެންނެވެ. އަވަސް ޚަރަކާތްތަކާއެކު އުޝާ ރިހަ ކައްކާ ނިންމާލިއެވެ. 16 އަހަރުގެ ކުޑަ ކުއްޖަކު އެހާ މޮޅަށް ކައްކަފާނެކަމަކަށް އަމީރާ ހީވެސް ނުކުރެއެވެ.
" ވަރަށް މީރު! ދެން އުޅޭ ބައްޕަމެން ބުނާއެއްޗެއް ބަލަމާ! "
ބޯތައްޓަށް ރިހަ އަޅަން ހުރެ އަމީރާ ބުނެލިއެވެ. އޭރު އުޝާ އުޅެނީ ތަން ސާފު ކުރުމުގައެވެ.
" އައްދެ ހާދަ މީރުވަސް ދުވައޭ މަންމާ! " ލޯ އުނގުޅަމުން އައިސް ޒައިން މޭޒުކައިރީ އިށީނެވެ.
" މުޅި ބަދިގެ ސާފުކޮށް ނިންމާލީތަ؟ ހާދަ އަތްމަތިވެސް އަވަހޭ! "
ހައިރާންވެފައި އަމީރާ އުޝާއާ ދިމާލަށް ބުންޏެވެ. އެއާއެކު ޒައިންގެ ނަޒަރުވެސް ހުއްޓުނީ އޭނާއާއި ދިމާލަށެވެ.
" ދަރިފުޅުވެސް ވާނެ މިކަހަލަ ރަންގަނޑެއްފަދަ ކުއްޖަކު މަންމައަށް ހޯދައިދޭން.. ގެވެހި ކުދިން މިޒަމާނުގައި ވަރަށް މަދުވާނެ! "
އަމީރާ އެހެން ބުނުމާއެކު އުޝާއަށް ހިނިތުންވެލެވުނެވެ. އުޝާ ހީލާ ކޮންމެ ފަހަރަކު ޒައިންގެ ހިތަށް އުނދަގޫވާކަން ޒައިންއަށް އެނގެއެވެ. އުޝާގެ ހިނިތުންވުން އޭނާއަށް ރީތީއެވެ. މާ ކަމުދަނީއެވެ. އެހެނަސް އެއީ އޭނާ ބޭނުންވާގޮތެއް ނޫނެވެ.
" އުޝާ އެހުރީނު މަންމަގާތު! ދެން އިތުރު މީހަކު ބޭނުންވާނެބާ މަންމަ! "
އުޝާއާ ބެހޭގޮތުން ޒައިން އެއްޗެއް އެބުނީ އަދި އަލަށެވެ.
" އުޝާ ހުންނާނެޔޭ އިންޝާﷲ މަންމަގާތު އަބަދުވެސް.. އެކަމަކު މަންމަ މިބުނީ ދަރިފުޅު މީހަކާ އިނީމަވެސް މިގެއަށް ކޮންމެވެސް އަންހެންކުއްޖެއް އަންނާނެ އެއްނޫންހޭ.."
" ހޫމް.. އަދި ތި ހިސާބަށް ވިސްނާކަށް ނުވެޔޭ މަންމާ! މަންމަ ދައްކަފާނެ ކޮންމެ ކަހަލަ ވާހަކައެއްވެސް.."
ކޮށާފައިވާ ރޮށި ތައްޓަށް ރިހަ އަޅަމުން ޒައިން މޫނު ކުނިކޮށްލިއެވެ. ޒައިންގެ މޫޑު ގޯސްވީކަން އެނގުމުން އަމީރާ މޫނުމަތީގެ ޚަރަކާތުން އުޝާއަށް އަޅާނުލާށޭ ބުނެލިއެވެ.
" ބައްޕަކޮބާތަ؟ ކާއެއްޗެހިން ހޫނުކަން ފިލަން ވާއިރަށް އަންނާށޭ ބުނީމޭ! އަނެއްކާ ނިދާފަ ތޯއްޗެ! އެބަ އަންނަން ބައްޕަ ގޮވައިގެން.. އުޝާ ވެސް ދެން ސައިބޯން އިށީނދޭ އިނގޭ! "
އަވަސް އަވަހަށް ދެއަތް ދޮވެލަމުން އަމީރާ ބަދިގެބައިން ނިކުންނަން ހިނގައިގަތެވެ. ތަރުމޯޒުން ސައިތައްޓެއް އަޅައިގެން އައިސް އުޝާ އިށީނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. ޒައިންގެ ކުރިމަތީގައި ހުންނަން އޭނާ ލަދުގަންނަނީ ޒައިން އޭނާއާ ވާހަކަ ނުދައްކާތީއެވެ. އަދި ޒައިންގެ ކޮންމެ ބަލާލުމަކުން އޭނާއަށްވެސް ކޮންމެވެސް ކަހަލަ އުނދަގުލެއްވާތީއެވެ.
" ކިޔެވުން ނިމުނީތަ ދެން؟ "
އަމީރާ ދިޔުމާއެކު ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫ އަޅުވާލީ ޒައިންއެވެ.
" ހޫމް.. ރަށުގައިވެސް އުޅެން ޖެހުނު ގޮތުން ރަނގަޅަކަށް ނުކިޔެވުނު. އެހެންވެ މިހާރު ކިޔެވުންމަތިން ފޫހިވެއްޖެ! "
އުޝާ ބުންޏެވެ. އޭރުވެސް ޒައިންއަށް އިނދެވުނީ އުޝާއާއި ދިމާލަށް ބަލާށެވެ.
" އެހެންތަ؟ އުޝާ ބޭނުމިއްޔާ މަންމަމެންނާ ވާހަކަ ދައްކައިގެން އަހަންނާއެކު ކިޔަވަން ދެވިދާނެއެއްނު! "
ޒައިން ދިން ޚިޔާލަށް އުޝާ އެއްބަހެއް ނުވިއެވެ.
" ނޫނޭ! އަހަރެން ދެން މިހެން ހުންނާނީ! މަންމައަށް އެހީތެރިވާން ގޭގައި ހުންނާނީ! "
ހީލަމުން އުޝާ ބުންޏެވެ. އެއާއެކު ޒައިން ހިނިގަނޑެއް ޖަހާލިއެވެ.
" އައްދެ ވަރަށް ވައިވާނެ! އަހަރެންވެސް މި ޓެބް ނެތްނަމަ ވަރަށް ފޫހިވީސް. އެހެންވެ މަންމަ ގަނެދިން އެއްޗެއް އެއީ!"
" ދެން ދުވަސްކޮޅަކުން ޒައިން ފަހަރިއެއް ގެނައީމަ ފޫހި ފިލާނެއެއްނު! "
މަޖަލަކަށް ހަދާފައި އުޝާ ބުނެލިއެވެ. އުޝާ އެހެން ބުނުމުން ޒައިންއަކަށް ރުޅިއެއް ނާދެވުނެވެ. ލާނެތް ފާޑަކަށް އޭނާއަށް ހީގަނެވުނެވެ.
" ތީ އަދި ކޮން ދުވަހެއް؟"
" ދެކުދިން ހާދަ އޮލަ ވާހަކައެއްގައި ތިބިހެން ހީވެޔޭ! " އުޝާއާ ޒައިން ވާހަކައިގައި ތިބިތަން ފެނި ފަހުމީ އުފަލާއެކު ބުންޏެވެ. ފަހުމީ އައިސް ވަނުމުން އުޝާ އަވަސްވެގަތީ ބައްޕައަށް ސައިތައްޓެއް އަޅައިދޭށެވެ.
ހަފްތާއެއްހާ ދުވަސް ފަހެވެ. ޒައިންއާ އުޝާގެ ދެމެދު ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް އުފެދިއްޖެއެވެ. ވާހަކަ ދެކެވި ހީ ސަމާސާ ކުރަންވެސް ފެށުނެވެ. އެއްދުވަހެއްގެ ހަވީރެވެ. ޒައިން އޭނާގެ އެކުވެރި މާނިހް ގޮވައިގެން ގެއަށް އައެވެ.
" އުޝާ! ދެތަށި ކޮފީ ގެނެސްދެވިދާނެތަ ކޮޓަރިއަށް؟ "
އާދައިގެ ގޮތަކަށް ޒައިން އެހެން ބުނުމާއެކު ބަދިގެ ތެރޭގައި ހުރި އުޝާ އޯކޭ އޭ ބުނެލިއެވެ.
" ބިސްކަޓް ވެސް އިނގޭ! "
ބަދިގެބައިން ބޭރަށް ނިކުމެފައިވެސް އެނބުރި އައިސް ޒައިން ބުންޏެވެ.
" ހޫމް.. އަހަންނަށް އެނގެޔޭ ޒައިންއަށް ބިސްކަޓާ ނުލާ ކޮފީ ނުބޮވޭނެކަން... މިދަނީއޭ ހިފައިގެން.."
އުޝާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު ޒައިން ސިޑިއާ ދިމާއަށް މިސްރާބް ޖެހިއެވެ.
ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތަބަކަށް ދެތަށި ކޮފީ ލައިގެން އެކޮޓަރިއަށް ދިޔައެވެ.
" ހުޅުވަބަ ޒައިން! " ދޮރުމަތީގައި ހުރެ އުޝާ ގޮވާލުމާއެކު ދޮރު ހުޅުވީ މާނިޙްއެވެ. މާނިޙްއަށް އުޝާ ފެނުމާއެކު އޭނާގެ ފަސް ހިއްސުވެސް ހީވަނީ ނިދީ ހެންނެވެ. އަޖައިބުވެފައި އުޝާއަށް ބަލަން އޭނާއަށް ހުރެވުނީއެވެ.
" އެތެރެއަށް ވަންނަން.. ތަންކޮޅެއް ދީބަލަ! "
އުޝާގެ އަޑަށް މާނިހް އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. އުޝާވަދެ ފުރަތަމަވެސް ބަލާލީ ޒައިން އުޅޭތޯއެވެ.
" އަހަރެންގާތު ކޮފީ ހަދަން ބުނެފަ އޭނަ އެދިޔައީ ކޮންތާކަށްތަ؟ "
" ފާޚާނާގައި.." އަވަސް އަވަހަށް މާނިހް ބުނެލިއެވެ. އުޝާ، މާނިޙްއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަދި ދަނީއޭ ބުނެ ކޮޓަރިން ބޭރަށް ނިކުތެވެ. ހަމައެއާއެކު ޒައިން ފާޚާނާއިން ނިކުތެވެ.
" އޭ! މީނަ ނުވެސް ބުނަމެއްނު މިގޭގަ ބިޓެއް ގެންގުޅޭކަމެއް! އަހަރެމެންނަށް ވަގަށް ދޯ އެމަންޖެ މިގޭގަ ތި ގެންގުޅެނީ؟ "
މާނިހް ހުރީ ޒައިންއާ ދިމާކޮށްލަން ލަސްވެފައެވެ.
" ބުނަންޖެހޭތަ ކޮންމެހެން؟ މިގެއަށް އަންނަ ނަމަ އެނގޭނެއެއްނު"
ކޮފީތަށީ ނަގަމުން ޒައިން ބުންޏެވެ. އެއާއެކު މާނިހް މޯޅިއަކަށް ދެމިލިއެވެ.
" މަށަށް ސެޓްކޮށްދޭންވީނު އެމަންޖެ! އޭނަ ހާދަ ކިޔުޓޭ!"
" ހޫމް ކަލޭ ކޮންމެވެސް އެހެން ކަމަކާއުޅޭ! މަށަކަށް ނުކެރޭނެ އޭނަ ގާތު އެކަހަލަ ވާހަކަ ދައްކާކަށް! "
ޒައިން އިންކާރު ކުރުމުންވެސް މާނިހް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
" ސީރިއަސް އެއްޗެކޭމީ! އޭނަ ވަރަށް ރީތި! ވަރަށް ލޯބި! ވާހަކަ ދައްކަނީވެސް ވަރަށް ލޯބިވާ ގޮތަކަށް.. އަހަންނަށް އޭނަ ވަރަށް ކަމުގޮއްސި! އަޅެ ޓްރައިއެއް ދޭން ވެގެންނޭ! "
މާނިހްގެ ވާހަކަތަކުން ޒައިންގެ ހިތް ނުތަނަވަސްވީ ކީއްވެގެން ކަމެއް ޒައިންއަކަށް ނޭނގެއެވެ. އޭނާއަށް އުނދަގޫ ވާން ފެށިއެވެ.
" އަހަރެން ވާހަކަ ދެއްކީމަވެސް ވަރަށް ސްވީޓްކޮށް ވާހަކަ ދައްކާލާފަ ހީލީވެސް.. ދެން ރައްޓެހި ނުވިޔަސް ފްރެންޑް ވެވިދާނެއެއްނު! "
މާނިހް އާދޭސްކުރަން ފެށުމުން ޒައިންގާތަށް ރުޅި އާދެވުނެވެ. އަދި ހިތާއި ދެކޮޅަށް ބުންޏެވެ.
" ކަލޭ އަމިއްލައަށް ވާހަކަ ތިދައްކާ! މަށަކީ މިއީ ކަނދުފަތި ކަނބާ މީހެއް ނޫން! "
( ނުނިމޭ )
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (3)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!