ޖަރުމަނު ލީގުގައި ބަޔާން މިޔުނިކް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިދާނެ ކަމުގެ ބިރާއި ކުރިމަތި ވެއްޖެއެވެ.
ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގުގައި ބަޔާން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ފުރަތަމަ މެޗުގައި ލެއިޕްޒިގް އަތުން އެއްވަރުވީއިރު، ދެވަނަ މެޗުގައި އެއްވަރުވެފައި ވަނީ ވުލްވްސްބާގް އަތުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ބަޔާންގެ ކިމިކް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ފްރޭންކްފާޓްގެ އޭރިއާ ބޭރުގައި ހުރެ ކިމިކް ފޮނުވާލި ބާރު ހަމަލާ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ބަޔާންގެ ފޯވާޑް މުލާ ފްރޭންކްފާޓްގެ އޭރިއާ ތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.
ފްރޭންކްފާޓުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 61 ވަނަ މިނެޓުގައެވެ. ކަމާޑާ ދިން ޕާހަކުން ތަނަވަސްވީ ފުރުޞަތުގެ މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ކޯލޯ މުއާނީއެވެ.
މި ނަތީޖާއާއިއެކު މިވަގުތު ބަޔާން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޔޫނިއަން ބާލިންއަށް ވަނީ 18 މެޗުން 36 ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި އޮތީ ލެއިޕްޒިގެވެ. ރޭ ބަޔާން އަތުން ޕޮއިންޓް ހޯދި ފްރޭންކްފާޓް އޮތީ ފަސްވަނާގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!