މަގުތައް ސާފު، އަމާން ރަށެކެވެ. ރަށުތެރޭގައި ހިނގަމުންދާއިރުވެސް މީހަކު ފެންނަނީ މަދު މަގަކުންނެވެ. ގިނައިން ފެންނަނީ ބައިސްކަލްތަކުގައި އުޅޭ ކުޑަކުދިންނެވެ. ތެޅިގަލުން ރާނާ، ސިމެންތި ނުޖަހާ ހުންނަ ގޭގެ ވަރަށް ގިނައެވެ. އާއްމުކޮށް ރާއްޖެތެރޭގެ ރަށްރަށުގައި ވަށާފާރު ނަގާފައި ހުންނަކަން އެނގެއެވެ. ނަމަވެސް މިރަށުގެ ގެތައް އެއްގެއާއި އަނެއްގެ ވަކިކޮށްފައި ހުންނަނީ ކޮންމެވެސް ކަހަލަ ބަގީޗާ ގަސްތަކުންނެވެ. އެމަންޒަރު ފެނި، ހިތަށް އުފާވެރިކަން ލިބޭކަހަލައެވެ.

" ތީ ކޮންރަށެއްގެ ކުއްޖެއްތަ؟"

Ad
rt

ފަހަތުން އިވުނު މުސްކުޅިފުރާ އަންހެނެއްގެ އަޑުން ޒައިން ސިހިގެން ދިޔައެވެ. ރަށުތެރެ ބަލާލަން ހިނގަ ހިނގާފައި އައިސް އޭނާ އިނީ ބަނދަރުމަތީގައި ހުރި ފިނިއައްޓެއްމަތީގައެވެ.

" މާލެ! "

ޒައިން އަވަސް އަވަހަށް ތެދުވިއެވެ. ނޭނގޭ މީހުންނާ ވާހަކަ ދެއްކުމަކީ ޒައިން އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ ތެދުވެ، އެދައްތައަށް ހިނިތުންވުން ރައްދުކުރިއެވެ.

" މިރަށުތެރެއިން އެކޮއި ފެންނާތީ އަހާލީ! މަންމައާ ބައްޕަވެސް އެބައުޅޭދޯ! ފެނޭ ވަރަށް ގިނައިން."

އަތުގައި އޮތް ފަންބޮނޑި ފައިދަށަށް ވައްޓާލަމުން ދައްތަ އިށީނީ ފިނިއަށީގައެވެ. ޖަވާބު ނުދީ ހުންނާކަށް ޒައިންއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

" ލައްބަ! މަންމަމެންނާއެކު މިއުޅެނީ.."

އިތުރަށް ވާހަކަ ދައްކަންޖެހިދާނެތީ ޒައިންގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ހިނގުން މަޑުކޮށްލުމެއްނެތި އޭނާގޮސް ވަނީ އެމީހުން ކުއްޔަށް ހިފާފައިވާ ގެއަށެވެ. އޭރު ސިޓިންގރޫމުގައި އޭނާގެ މަންމައާ ބައްޕަ ޓީވީ ބަލަން ތިއްބެވެ.

" ދަރިފުޅު ހާދަ ހިތްހަމަ ނުޖެހިފަ؟"

ޒައިން އައިސް ސޯފާއަށް ޖެހިގަތްލެއް ބާރުކަމުން އަމީރާ ސުވާލުކުރިއެވެ. ފަހުމީއަށްވެސް ބަލާލެވުނީ ޒައިންގެ މޫނަށެވެ. ކުރިމަތީގައި ހުރި މޭޒުމަތީ އޮތް ރިމޯޓް ނަގާ ޓީވީގެ އަޑު މަޑުކޮށްލަމުން ފަހުމީ ބުންޏެވެ.

" ތެދެއް ޒައިން ހާދަ މޫޑު ގޯސްހެން ހީވެޔޭ! "

" ކޮން ދުވަހަކުންތަ ދެން މާލެ ދެވޭނީ! ފޫހިވެއްޖޭ މިހާރު.."

ފަރުވާކުޑަ ގޮތަކަށް ޒައިން ބުނެލިއެވެ. އެއާއެކު އަމީރާ ބަލާލީ ފަހުމީގެ މޫނަށެވެ. އަމީރާގެ ބަލާލުމުން ފަހުމީ ޒައިންއަށް ވިސްނައިދޭން ޖެހުނީކަން ފަހުމީއަށް އެނގުނެވެ.

" ދެދުވަހެއްގެ ތެރޭގައި ފުރަންވީ! މާދަމާ ބައްޕަގެ ފައިގަ މިއޮތް ބޭސްގަނޑު ނެގީމަ މިކަން ނިމޭނީ! "

އެމީހުންގެ އެ ދަތުރަކީ ބޭސްވެރިކަމުގެ ދަތުރެކެވެ. މައިންބަފައިންނާއެކީ ރާއްޖެތެރެއަށް ޒައިން އައީ އަންނަހިތަކުންނޫނެވެ. ނަމަވެސް ބައްޕައަށް އެހީތެރިވެދޭން ޖެހޭތީ ނައިސް ހުންނަން އޭނާއަށް ނުކެރުނީއެވެ.

" އެހެންވީމަ އޭގެ އަނެއްދުވަހު ފުރަން ދަތުރު ހަމަޖައްސަންތަ؟ އަހަރެން ސްކޫލްވެސް ހުޅުވެން ކައިރިވަނީނު! މާލެ ދެވުނީމަ ދެން ހަމަޖެހޭނީ.."

" އެކަމާ ޒައިން އުޅޭނެކަމެއްނެތް! ބައްޕަ އެކަންތައް ހަމަޖައްސާލާނަން.."

ފަހުމީ އެހެން ބުނުމާއެކު ޒައިން ތެދުވެގެން ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ޒައިން ދިޔުމުން އަމީރާ އަނެއްކާވެސް ފަހުމީއާ ވާހަކަ ދައްކަންފެށިއެވެ.

" އަސްލު އަހަރެންވެސް މިހާރު ފޫހިވެއްޖެ! ތަރައްޤީވެސް ނުވާ ރަށެއް! ހިތަށް އަރާ މިރަށު މީހުންނަށް ހާދަ އުނދަގުވާނޭދޯ! "

" ތީހަމަ ހީވާ އެއްޗެއް! ކޮންމެ ބަޔަކުވެސް ހުންނާނީ އެބައެއްގެ އާދަކާދައަށް އުޅެން ދަސްވެފަ! ތަރައްޤީ ނުވިޔަސް ހާދަ ހިތްފަސޭހައޭ މި މާޙައުލު. ރަށްފުށުގެ ކުދިންވެސް ވަރަށް ހިތްހެޔޮވެފަ ރަނގަޅުވާނެ! "

ފަހުމީގެ ވާހަކައަށް ބޯޖަހާލަ ޖަހާލައިން އަމީރާ ކުއްލިއަށް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ވާހަކަ ފެށިއެވެ.

" އޭ އަދި އަހަރެން ވާހަކައެއް ބުނަން ހަނދާންނެތިފައޭ މިހުރީ! އުޅެބަލަ ގޭގަ ގެންގުޅޭނެ ކުއްޖެއް ހޯދަން މިރަށުން. އަޚްލާޤްވެސް މާ ރަނގަޅުވާނެ ރަށްރަށު ކުދިން.."

" ގެންގުޅޭނެ ކުދިން ލިބޭތަ މިޒަމާނުގަ؟ އެއީ މާ ކުރީގެ ކަމެއްނު! އޭރު މާލޭގެ ކޮންމެ ގެއެއްގަ ކިޔަވަން އުޅޭނެ ކޮންމެވެސް ރަށެއްގެ ކުއްޖެއް! އެކަމަކު އަސްލު އެކުދިން ލައްވާ މަސައްކަތްކުރުވަނީހަމަ."

ފަހުމީގެ ވިސްނުން ހުރިގޮތް އަމީރާއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ ފަހުމީއާ ގާތަށް ޖެހިލުމަށްފަހު އުޅަނބޮށިކޮޅުގައި ކޮއްޓާލަމުން ބުނެލިއެވެ.

" އޭ! ގެންގުޅޭ ކުއްޖެކޭ ބުނެވުނީ.. އަސްލު ބޭނުންވަނީ ދަރިޔަކު ފަދައިން އަންހެން ކުއްޖެއް ގެންގުޅެން.. ފަހުމީއަށް އެނގެއެއްނު އަހަންނަށް ދެން އިތުރު ކުއްޖަކު ނުހޯދޭނެކަން. މާތްﷲގެ ރަޙްމަތްފުޅުން ފިރެހެންދަރިޔަކު އެހުރީ! ދެން އުޅޭ އަހަރެމެން އަންހެން ކުއްޖެއް ގެންނަން.."

އަސަރާއެކު އަމީރާ ދެއްކި ވާހަކަތަކުން ފަހުމީގެ ހިތަށް ތަދުވިއެވެ. އޭނާގެ ހަނދާނަށްއައީ އަމީރާ ޒައިންއަށް ބަލިވެ އިނދެގެން އުޅުނު ޙާލާއި ވިހެއުމުގެ ތެރޭގައި އޭނާ އުފުލަން ޖެހުނު ވޭނެވެ. އަދި އޭނާއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން އިތުރަށް ދަރިޔަކު ނުހޯދަން ޑޮކްޓަރ އެދުވަހު ލަފާދެއްވި ހަނދާންވެސް ވިއެވެ.

" އަހަރެން ތިކަމާ އެއްބަސްވަން. އެކަމަކު މިހާރު އަމީރާވެސް ތިހުރީ ސާޅީހުން މަތީގަ. ދެން އިތުރު ކުއްޖެއް ގެނެސްގެން ބެލޭނެތަ؟ މިހާރު ސްކޫލްތަކުގައި ކިޔަވައިދޭގޮތުން އަހަރެމެންނަށް ނޭނގޭނެ އެކުދިންނަށް ފޮޅުވަތެއް އަޅާލަންވެސް."

" ސާބަހޭ ފަހުމީ. އަހަރެން މިދައްކަނީ ތުއްތު ކުއްޖެއް ގެންނަ ވާހަކައެއް ނޫނޭ. މިކަހަލަ ރަށްރަށުގައި ތިބޭނެ ނިކަމެތި އާއިލާތަކުގެ ކުދިން. އެކަހަލަ ކުއްޖެއް ހޯދަން ހިނގާށޭ މިކިޔަނީ. ބޮޑެތި ކުދިން."

އަމީރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

" އަމީރާ ދައްކާ ވާހަކައިން އަހަރެން ހަމަ ހައިރާންވަން. ކާކުތަ އެމީހަކު ބަލާބޮޑުކޮށްފަ ހުންނަ ދަރިޔަކު އެހެން މީހަކަށް ހިބައިން ދޭނީ؟ އަމީރާއަށް ކެތްވާނެތަ ޒައިން އެހެން މީހަކަށް ދޭން؟ "

ދެފަރާތަށް ބޯ ހޫރާލަމުން ފަހުމީ ޕިސް ތަޅަން ފެށިއެވެ.

" ތި ދިވެހިބޭސް ކުރާ ކަތީބު ގާތު އަހާލީމަވެސް އެނގިދާނެއެއްނު. އެހީމަތާ އެނގޭނީ.."

އަމީރާ ހިތްހަމަ ނުޖެހުނުކަން އެނގުމުން ފަހުމީ ބޭނުންވީ އަނބިމީހާ ހިތްހަމަ ޖައްސައިދޭން އެކަންތައް ކުރުމަށެވެ. އެކަމަކު އޭގެ ކުރިން އެދެމަފިރިން ބޭނުންވީ ޒައިން އެކަމާ ހިތްހަމަ ޖެހޭތޯ ބަލާށެވެ.

" މަންމައާ ބައްޕަގެ އުފަލަކަށް ތިކަން ވާނަމަ އަހަރެންގެ އެއްވެސް މައްސަލައެއްނެތް.."

ހަވީރުގެ ސަޔަށް އިންސާފުކުރަން އިނދެ ޒައިން ބުނެލިއެވެ. ޒައިންގެ ނިންމުން އަޑުއިވުމުން އެންމެ އުފާވީ އަމީރާއެވެ.

" އެހެންވީމަ މިއަދު އަހާލާނަން ކަތީބު ގާތު. ދެން މިރަށުގަ ދާނެ ކުއްޖެއް ނެތިއްޔާ އެހެން ރަށަކުންވެސް ބެލިދާނެތާދޯ! "

އަމީރާ ގާތު ފަހުމީ ބުންޏެވެ. އެއް އަތުން ފޯނާ ކުޅެމުން އަނެއް އަތުން ހެދިކާއެއް ހިފަހައްޓައިގެން އިން ޒަައިންއަށް ފަހުމީ ބަލާލިއެވެ.

" ބައްޕަމެން މިދަނީ ކަތީބު ގާތަށް ދާން. ދަރިފުޅު ދާނަންތަ؟"

" ނޫން. އަހަރެން މިދަނީ ޖައްސާލަން. ރޭގަ މާ ލަސްވަންދެން ގޭމް ކުޅެން އޮތީމަ ވަރަށް ނިދި އެބައާދެ! "

ޒައިން އަވަސް އަވަހަށް ބަޖިޔަލެއް ކާލަމުން ތެދުވިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނަށެވެ.

ފަހުމީއާ އަމީރާ ކަތީބުގެއަށް ދިޔައިރު ގޭގެ މެދުގޭގައި ހުރި އުނދޯއްޔެއްގައި ކަތީބު އޮތެވެ. އެމީހުން ފެނުމާއެކު އަވަސް އަވަހަށް އޭނާ ތެދުވެ ޖޯލިފައްޗާއި ދިމާއަށް ހިނގައިގަތެވެ.

" ސައިބައްލަވަން ވީ ނޫންތޯ ؟" ހިނިތުންވުމާއެކު ކަތީބު އެއްސެވެ. ޖޯއްޔެއްގައި އިށީންނަމުން ފަހުމީ އެގޯތިތެރެއަށް ނަޒަރު ހިންގާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ނޫނޭ. އެކަން ނިންމާލައިފިން.. އަޅުގަނޑު ރޭގަ ފޮނުވާލިން ޕޭމަންޓް."

" ލައްބަ! ލައްބަ! އަޅުގަނޑުގެ ދަރިފުޅު ބުނި ލިބުނު ވާހަކަ.. މިހާރު ކިހިނެއްވަނީ ؟ " ފަހުމީގެ ފަޔަށް ބަލާލަމުން ކަތީބު އެއްސެވެ. އެރަށުގެ ކަތީބަކީ ދިވެހިބޭސްވެރިކަމުގެ މާހިރެކެވެ. އެއީ މުޅި ރާއްޖެއަށްވެސް ބޭސްކަތީބުގެ ނަމުން މަޝްހޫރު ވެފައިވާ މީހެކެވެ.

" އަލްޙަމްދުﷲ! ހަމަ ޅަދުވަސްހެން ހީވަނީ.. އަދި ހަމަ ވަރަށް ރަނގަޅު. ދުވަސްކޮޅެއް ވެލީމަ ދެން އެނގޭނީ ދޯ! "

ކަކުލުގައި ހިފަހައްޓައިލައިގެން އިނދެ ފައި ތަޅުވާލަމުން ފަހުމީ ބުންޏެވެ. އެއާއެކު ކަތީބު ބޯ ޖަހާލަމުން ވާހަކަ ފެށިއެވެ.

" ދެން އިރާދަކުރެއްވިއްޔާ ގޯހެއްނުވާނެ! ކަތީބު ބޭސްކުރާ މީހަކު ނުހުންނާނެ ރަނގަޅު ނުވާ މީހެއް! އެންމެންވެސް ބުނޭ ވަރަށް ރަނގަޅޭ."

" އެހެންތޯ؟ އަޅުގަނޑަށްވެސް އެކަން އިޙްސާސްކުރެވޭހަމަ.."

ފަހުމީ ހިނިތުންވެލަމުން ބުންޏެވެ. އޭރުވެސް އޭނާގެ އަތުގައި އަމީރާ ކޮއްޓަމުންދެއެވެ. ދައްކަން އައި ވާހަކަ ނުދައްކައިގެން އަމީރާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން ފަހުމީ ބޭނުންވީ އަވަހަށް މައުޟޫ ބަދަލުކޮށްލާށެވެ.

" ކަތީބު އަޅުގަނޑުމެން ވަރަށް ބޮޑު ކަމަކު ކިޔަން ޖެހިގެން ..."

" އަވަހަށް ވިދާޅުވޭ! ކަތީބު ކައިރީ ނުބުނެވޭނެ ކޮށްނުދެވޭނެ އެއްވެސް ކަމެއްގެ ވާހަކައެއް! "

ކަތީބު އެހެން ބުނުމުން އަމީރާއަކަށް މަޑަކުން ނީންދެވުނެވެ. ފަހުމީއަށްވުރެ ކުރިން މިފަހަރު ވާހަކަ ފެށީ އަމީރާއެވެ.

" އަޅުގަނޑުމެން ބޭނުން އަމިއްލަ ދަރިޔަކު ފަދައިން ބަލަން، ކުއްޖަކު ގެންގުޅެން. އަންހެން ކުއްޖެއް ބޭނުންވަނީ.. މިރަށުގައި ނޫޅޭތޯ އެކަހަލަ ކުދިން؟ "

ބޯޖަހާލަ ޖަހާލާ އިން ކަތީބު ހިނިތުންވެލަމުން އަވަސް އަވަހަށް ވާހަކަ ފެށިއެވެ.

" މިރަށުގައި ކިތަންމެ ވަރަކަށްވެސް ނިިކަމެތިން އެބައުޅޭ. ދެން ބަލާލަން ޖެހޭނީ.. ޔަޤީންކުރައްވާ އަޅުގަނޑު ބަލާލާއިރަށް ހަމަ ލިބޭނެ. މިރޭ ޚަބަރެއް ވެލާނަން."

ފަހުމީގެ ދެމަފިރިން ކަތީބުގެއިން ނިކުތީ އުއްމީދާއެކުއެވެ. އިރުއޮއްސެން ކައިރިވެފައި ހުރުމުން އިތުރު ތާނަކަށް ނުގޮސް އަމީރާ ބޭނުންވީ ގެއަށްދާށެވެ. ގެއަށް މިސްރާބު ޖެހުމަށްޓަކައި އަޅާލި ގޯޅީގައި ކުނިކަހަން އޮތް އަންހެން ކުއްޖެއް ފެނުމާއެކު އަމީރާގެ ހިތް އެދިމާލަށް ދަތުރުކުރާކަށް މާގިނަ ވަގުތެއް ނުނެގިއެވެ.

" ދެން މަގުމަތިން ފެންނަހާ އަންހެން ކުއްޖެއްގާތު މާލެ ދާނަންތޯ އަހަން ކެރޭނެތަ؟ "

އެކުއްޖާގާތަށް ދާން އެދުމުން ފަހުމީ ދިނީ ރުންކުރު ޖަވާބެކެވެ.

" މިހާރު އިރުއޮއްސެނީ! މީ މަގުމަތި ކުނިކަހާ ގަޑިއެއްތަ؟ "

" އެއީ އަހަރެމެންނާ ބެހޭ ކަމެއް ނޫނެއްނު! އެމީހަކަށް ފަސޭހަ ވަގުތެއްގަ އެމީހަކު ކުރާނީ.. އަމީރާ ދެން ކޮންމެ ކަމެއް އަހަރެން ލައްވާ ގަދަކަމުން ކުރުވަން ނޫޅެބަލަ! "

މިފަހަރު ފަހުމީ ވާހަކަ ދެއްކީ ރުޅި އައިސްގެންނެވެ. އެހެންކަމުން ފުސްމޫނު ހަދާފައި ހުރި އަމީރާ އިތުރަށް އެއްޗެއް ނުބުނެއެވެ. ފަހުމީގެ ފަހަތުން މަޑުމަޑުން ހިނގަމުން އޭނާ ދެއެވެ.

" ރޭގަނޑުވެ އަނދިރި ވިޔަސް މުޅި ގޭދޮަށް ކުނިކަހަންޖެހޭނެ! އެހެން ނޫނީ މިރޭ ގެއަކަށް ނުވައްދާނަން. މަށަށް މިހުރީ ބޮޑު މުޞީބާތެއްތަ ޖައްސަވާފަ! "

މަގުމަތި ކުނިކަހަން އޮތް އަންހެން ކުއްޖާއާއި އަރާހަމަވުމާއެކު ގޭތެރެއިން އިވުނީ ރުޅިގަދަވެފައިވާ އަންހެނެއްގެ ހަރު އަޑެވެ. އެއާއެކު ފަހުމީއާ އަމީރާގެ ދެފައިގައި ކަސްތޮޅު އެޅުނެވެ. އިވޭއަޑަކަށް ނުބަލާ އެކުއްޖާ އަވަސް އަވަހަށް ބިންމަތީގައި އިލޮށިފަތި ހާކަމުންދެއެވެ. އިވުނު އަޑާއެކު އޭނާގެ ޚަރަކާތް އަވަސްވީހެންވެސް ހީވިއެވެ. މޫނުމަތީގެ ހަރަކާތުން އަމީރާއަށް ފަހުމީ އިޝާރާތްކުރީ އެކުއްޖާގާތަށް ދިޔުމަށެވެ.

" އެއީ އެއްވެސް މަޔަކު ވާހަކަ ދައްކާނެ ގޮތެއް ނޫން. މުޞީބާތެކޯ ވެސް ބުނެފި! " އަސަރާއެކު ފަހުމީ ބުނެލިއެވެ. އެއާއެކު އަމީރާ މަޑުމަޑުން އެކުއްޖާ އާއި ދިމާއަށް ހިނގައިގަތެވެ. އަމީރާގޮސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު އިލޮށިފަތީގެ ބަޔަކަށްވެސް އެރުނެވެ. އިށީނދެއިން އިން އެ އަންހެން ކުއްޖާ އިސްއުފުލާ ބަލާލީ ހައިރާންވެފައެވެ. އޭރު އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް އަމީރާއަށް ފެނުނެވެ.

" ތީ ކާކު؟ "

ނުދަންނަ މޫނެއްގެ ވެރިޔަކު އެފަދަ ގޮތަކަށް އޭނާގާތަށް އައިސް ހުއްޓުމުން ، ސުވާލުކުރިއެވެ.

" ދައްތައެއްކަމުގައި ދެކިގެން އަހަންނާ ވާހަކަ ދައްކާލެވިދާނެތަ؟ " އަމީރާ ވާހަކަ ދައްކަންފެށީ އޯގާތެރިކަމާއެކުއެވެ. އެއާއެކު އިލޮށިފަތި ދޫކޮށްލާފައި އޭނާ ތެދުވިއެވެ.

" އަހަރެން ކީކޭ ކިޔަންވީ ؟ އަހަންނަށް ވަރަށް ލަސްވޭ! "

" ދެންމެ އެ ހަޅޭއްލެވީ ކޮއްކޮ މަންމަތަ؟ " އަމީރާގެ ހިތުގައު އުފެދިފައިވާ އުނދަގޫ ސުވާލު ބޭރުކޮށްލުމާއެކު އޭނާ ބޯ ހޫރާލިއެވެ.

" ނޫން! އެއީ ދޮންމަންމަ! އޭނަ އަބަދުވެސް އުޅޭނީ އެހެން! ތީ ބީރައްޓެއްސެއްވީމަ އޭނަގެ ގޮތް ނޭނގުނީ! އެއީ މިރަށު މީހުންނަށް އާކަމެއް ނޫން."

އެތެރެއަށް ނޭފަތް ދަމާލަމުން އެކުއްޖާ ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ.

" ބައްޕަ ކޮބާ ދެން؟ ބައްޕައަކަށް ނޭނގޭތަ ދޮންމަންމަ އެއްޗެހިކިޔާކަމެއްވެސް؟ "

" ބައްޕަވެސް މަންމަވެސް ވީ ނިޔާވެފަ.." އަމީރާގެ ކޮންމެ ޖުމްލައަކަށް އޭނާ ޖަވާބު ދެނީ ވަރަށް އަވަހަށެވެ.

" އަހަރެން ކުނިކަހަން ވެއްޖެ! ވަރަށް ލަސްވެއްޖެ މިހާރުވެސް. އެހެން ނޫނީ މިރޭވެސް ޖެހޭނީ ބޭރުގަ ހުންނަން.." އެހެން ބުނުމަށްފަހު ގުދުވެލާފައި އޭނާ އިލޮށިފަތި ނެގިއެވެ. އެޖުމްލަތައް އަޑުއިވިފައި އަމީރާގެ ހިތް ކުލުނާއި ރަޙުމުން ފުރުނެވެ. އޭނާ އަވަސް އަވަހަށް އެކުއްޖާގެ އަތުގައި ހިފިއެވެ. އަނެއްކާވެސް އެކުއްޖާ ހައިރާންވެފައި އަމީރާއަށް ބަލަން ފެށިއެވެ.

" އަހަންނާއެކު މާލެދާން ކެރޭނެތަ؟ އަހަރެން މިއުޅެނީ އަންހެން ދަރިޔަކު ބޭނުންވެގެން.. އަމިއްލަ ދަރިއެއް ފަދައިން ބަލާނަން. ހިނގާ އަހަންނާއެކު މާލެދާން! "

އަމީރާގެ ވާހަކަތައް އަޑުއަހަން ހުރެ އޭނާ އަތް ފޮޅުވާލިއެވެ. އަދި ނުދަންނަ ފަދަ ގޮތަކަށް ބަލަންފެށިއެވެ.

" އަހަރެން ކިހިނެއް ދައްތައަށް އިތުބާރުކުރާނީ؟ އަހަންނަށް ކިހިނެއް އެނގެނީ ތިގެއިން ކުރިމަތިލާންޖެހޭނީ ކިހާ ވަރެއްގެ ހިތްދަތިކަމެއްކަން؟"

" އަހަރެމެންގެ ގެއިން ކަމަނައަށް ލިބޭނީ ލޯތްބާ އުފާ، އަޅާލުމާއި އޯގާތެރިކަން..."

ފަހަތުން އިވުނު ފަހުމީގެ އަޑަށް އޭނާ ސިހިފައި ބަލާލިއެވެ. ދެން އަނެއްކާވެސް އަމީރާގެ މޫނަށް ބަލާލުމުން އަމީރާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

" ހިނގާ އަހަރެމެންނާއެކު ދާން! ދުވަހަކުވެސް ތިދެލޮލުން ކަރުނަ އޮހޮރާކަށް ނުޖެހޭނެ! އިންޝާﷲ އަހަރެމެންގެ އަމިއްލަ ދަރިޔަކު ފަދައިން ބަލާނަން. "

އަމީރާ އޭނާގެ ބޮލުގައި ފިރުމާލިއެވެ.

" ބަލާބެލުމަށް ހީވޭ ތިއީ ވަރަށް ރަނގަޅު ބައެއްހެން.. އަހަރެންވެސް ބޭނުން މިތަނުން ސަލާމަތްވެގެން ދާން.. އެކަމަކު ދޮންމަންމަ... ނުފޮނުވާނެ! "

" ކީއްވެ ނުފޮނުވަންވީ؟ ރައްކާވެގެން ދާންވީނު! އަހަރެން ކީއްކުރަން ކަލޭ މިގޭގަ ބަހައްޓަންވީ؟ ކަލޭ ބަފާގެ އެތިބަ ތިން ކުދިންނަށް ބަހާފަ މިގެއިން ކަލެއަށް ލިބޭނެ ތަންކޮޅެއްވެސް ނޯންނާނެ! ދޭ! ދޭ! ކަލޭމެން މީނަ ގޮވައިގެންދޭ! "

ދުރުގައި އަޑުއަހަން ހުރި ދޮންމަންމަ އައިސް ބާރުބާރަށް އަޑުގަދަކޮށްލިއެވެ. އޭނާގެ ވާހަކައިން އެއީ ގެދޮރަށް ދަހިވެތިވެގެން އުޅޭ މީހެއްކަން ފަހުމީއަށްވެސް އެނގުނެވެ.

" އެކަމަކު ބުނަންތަ އުޝާ! އުޝާއަށް މިގެއިން ދެވޭނީ އަލުން އަނބުރާ ނާންނަ ގޮތަށް. އަދި އަހަރެން މިގެއިން އެއްވެސް ތަންކޮޅެއް ބޭނުން ނުވާގޮތަށް. ކަލޭގެ ބައްޕަގެ ތިން ދަރިން މަ މިބަލަނީ މުސްކުޅިވީ އިރުގައިވެސް ދަރިންތައް ބޮޑެތިވިއްޔެއްނޫން! މަށަށްވެސް މޮޅެއް އޮންނަން ޖެހޭނެ!"

ޖެހިލުމެއްނެތި އުޝާއާ ދިމާއަށް ދޮންމަންމަ އެއްޗެހި ގޮވަމުންދިޔައެވެ. ލަދުން ހުރެ އުޝާއަށް ބެލެނީ އަމީރާގެ މޫނަށެވެ. އުޝާއަކީ ގެދޮރާއިހެދި އުޅޭ ވަރަށް ވުރެ ކުޑަކުއްޖެއްކަން ފަހުމީއަށް އެނގެއެވެ. އެހެންކަމުން އުޝާގެ ބަދަލުގައި ވާހަކަ ދެއްކީ ފަހުމީއެވެ.

" އުޝާ ބޭނުންތަ އަހަރެމެންނާއެކު ދާން؟ " ފަހުމީގެ ސުވާލަށް އިސްޖަހާލަމުން އުޝާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

" އުޝާ ބޭނުންތަ އުޝާގެ ބައްޕަގެ ގެއިން އުޝާއަށް ޙައްޤުވާބައި؟ "

ފަހުމީ އެހެން ބުނުމާއެކު އޭނާ ބަލާލީ، ބައްޕަގެ ހަނދާނެއްގެ ގޮތުގައި ފެންނަން ހުރި ގެއަށެވެ. އެއީ އޭނާގެ މަންމަ ދުނިޔޭގައި އުޝާ ވަރަށް ކުޑައިރު ބައްޕަގެ ދެއަތުން ރޭނި ގެއެކެވެ. އުޝާގެ ކުރިމަތިން އޭރުގެ ހަނދާންތައް ސިފަވަމުންދިޔަ ކަހަލައެވެ. ބައްޕަ ރާނަން ހުންނައިރު، މަންމަ އާއި ދެމީހުން ބައްޕައަށް ލުނބޯހުތުފަނި ގެންގޮސްދޭހަނދާނެވެ. ރާނާ ނިމުމުން ބައްޕައާއެެކު އެތަން ސާފުކުރަން މަންމަ އުޅޭ ހަނދާނެވެ. އުޝާގެ ތުއްތު އިރުގެ އެންމެ ދުރު ހަނދާނަކަށް އޭނާވަނީ އެކަންތައްތަކެވެ. އެހެންކަމުން އުޝާއަށް ރޮވެން ފެށިއެވެ.

" ބޭނުމެއްނޫން.! ބޭނުމެއްނޫން! "

ދޮންމަންމަގެ ރުޅިވެރި މޫނު ފެނި އުޝާ އަވަސް އަވަހަށް ބުނެލިއެވެ. އެހިނދު އަމީރާ އުޝާގެ ކޮނޑުގައި އަތްޖައްސާލަމުން އޭނާއާ ގާތްކޮށްލިއެވެ.

" އަޅުގަނޑުމެން މީނަ ގޮވައިގެން މިދަނީ! "

ފަހުމީ ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. ނަމަވެސް އެ އަންހެން މީހާ ހުރީ އަދިވެސް ރުޅިގަދަވެފައެވެ.

" ކޮއްކޮމެން ދެކިލަން ބޭނުން..."

އާދޭހުގެ ރާގަކަށް އުޝާ ބުނެލިއެވެ.

" އުޝާގެ ކޮއްކޮމެންނެއް ނުތިބޭނެ! އެމީހުން ބަލާށޭ ކިޔާފަ އެގެއަށް ވަންނަން އުޅޭނެކަމެއްނެތް. އަހަރެން މިއަންނަނީ ކަލޭގެ އަންނައުނު އަޅާ ފޮށި ހިފައިގެން! "

ބުނާނެ އެއްޗެއް ނޭނގި އަމީރާއާ ފަހުމީ ތިއްބެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާ އައިސް އުޝާގެ ކައިރީގައި ފޮށި ބެހެއްޓިއެވެ. އަދި އަމީރާއަށް ބަލާލުމަށްފަހު އުޝާއާ ދިމާލަށް ބުންޏެވެ.

" ދެން އޮޅިގެންވެސް މިގެއަށް ނާންނާތި! ތި ދެމަފިރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! މިކަމުން އަހަރެން ސަލާމަތްކޮށްދިނީތީ!"

އުޝާއަށް އަތްދިއްކޮށްލަމުން އޭނާ ބުންޏެވެ. އެއަށްފަހު އޭނާ ގޮސް ގެއަށްވަދެ ދޮރު ލެއްޕިއެވެ. ދެރަވެފައި ހުރި އުޝާގެ އަތުގައި ހިފައިގެން އަމީރާ ހިނގައިގަތެވެ.

" 8 އަހަރުން ފެށިގެން ދޮންމަންމަ ގާތު އުޅެނީ! މިވީ އަށެއްކަ އަހަރުގެ ތެރޭގައި މިއަނިޔާއަށް ކެތްކޮށްކޮށް މި ހުންނަނީ. ރައްޓެހިންނާ އެކުދިންގެ މަންމަމެން ދިން ހިތްވަރުން އަހަންނަށް ގްރޭޑް 10ވެސް ނިންމާލެވުނީ. އެއީ މިދިޔަ އަހަރު. ބައްޕަ ނިޔާވިތާ އަދި މިވީ އެންމެ އަހަރެއް! ވަރަށް ކުޑަ ތިން ކުދިންވެސް ތިބޭނެ.. އަހަރެން ވަރަށް ދެރަވޭ ދާންވެސް."

އުޝާ ވާހަކަ ދެއްކީ ސޯފާގައި އިނދެގެންނެވެ. ދެފަރާތުގައި ފަހުމީއާއި އަމީރާ ތިއްބެވެ.

" އަހަރެމެން އުޝާ ގެންދަން ބޭނުންވަނީ އަމިއްލަ ދަރިއެއްފަދައިން ދެކިގެން ގެންގުޅެންވެގެން. އަހަންނަކީ އުޝާގެ މަންމަ! އެއީ ބައްޕަ! އަހަރެމެންގެ ހުންނާނީ އެންމެ ފިރެހެން ދަރިއެެއް. އެއީ ޒައިން.. ޒައިންއަށްވެސް މިވީ ސަތާރަ އަހަރު. ތި ދެކުދިންވެސް އެއްބަނޑު އެއްބަފާ ދެކުދިންގެ ގޮތުގައި ދެކިގެން އުޅުނީމަ މި އާއިލާ ފުރިހަމަވާނެ.."

ފޮނިހުވަފެންތަކަން ދެކެމުން އަމީރާ ވާހަކަ ދެއްކިއެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެ އުޝާ ހީލިއެވެ.

" މާދަމާ އަހަރެމެން ފުރާނީ.. ދެން އުޝާދޭ އެކޮޓަރިއަށް އަރާމުކޮށްލަން.. މާލެގޮސް އުޝާއަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ދައްތަމެން ހޯދައިދޭނަން. ދެން ނުރޯތި އިނގޭ! "

ލޯތްބާއެކު އަމީރާ އެހެން ބުނުމުން މަޑުމަޑުން އުޝާ ތެދުވެގެން ދިޔައެވެ.

" ވަރަށް ކިޔަމަންތެރި ކުއްޖެއްހެން ހީވަނީ.."

އަމީރާއަށް ބަލާލަމުން ފަހުމީ ބުންޏެވެ.

" އަހަރެމެންގެ ނަސީބުދޯ ހަމަ! ހިނގާބަލަ ޒައިންގެ ކޮޓަރިއަށް. ޒައިން ގާތު މިވާހަކަތައް ދައްކަން ވާނެއެއްނު. އަނެއްކާ ޒައިން ހިތްހަމަ ނުޖެހިދާނެ! "

ތެދުވަމުން އަމީރާ ބުންޏެވެ. ފަހުމީވެސް ތެދުވެއްޖެއެވެ.

" ހިތްހަމަ ނުޖެހުނަސް ހެވެއްނު! އަމީރާ ބޭނުންވާ ކަމެއް ބޭނުން ވަގުތެއްގަ ކުރަން ޖެހޭ ވިއްޔަ!"

" ހޫމް.. އެކިޔަނީ އެކަހަލަ ފާޑުގެ އެއްޗެހި! ފަހުމީވެސް ބޭނުން ވެގެން ކުރިކަމެއްމީ! " ދެމީހުން ކުދި ކިޔަމުން ގޮސް ޒައިންގެ ކޮޓަރިއާއި ހަމައަށް އަތުވެއްޖެއެވެ. ޓަކި ޖަހާލުމަށްފަހު އަމީރާ ދޮރު ހުޅުވާލި އިރު ޒައިން އޮތީ ގޭމްކުޅޭށެވެ.

" ނޫނޭ ދަރިފުޅާ ތިކަން ނުހުއްޓާތި ކޮންމެސް!"

މަންމައާއި ބައްޕަ ފެނުމުން ޒައިން ފޯން ބޭއްވުމަށްފަހު އެނދުގައި އިށީނދެލިއެވެ.

" ފޫހިވާވަރުން ގޭމް މިކުޅެނީ.. ދެން މާލެގޮސް އޮންނާނީ ކިޔެވުމެއްނު!"

" ބައްޕަމެން މިއައީ ވަރަށް ބޮޑު ކަމެއް ހިއްސާކޮށްލަންވެގެން.." ފަހުމީ އަމީރާއަށް ބަލާލުމަށްފަހު ބުނެލިއެވެ. އެއާއެކު ޒައިންއަށްވެސް ބަލާލެވުނީ މަންމައަށެވެ.

" ދަރިފުޅަށްވެސް އެނގޭނެ މަންމަ އަންހެން ދަރިއެއްވެސް ހުންނަ ނަމައޭ އަބަދުވެސް ކިޔައެއްނުދޯ! އެންމެ ފަހުން މިރަށުން އަންހެން ދަރިއެއް ހޯދައިފިއެއްނު!"

ބައްޕަގެ އެ ޖުމްލަ އަޑުއަހަން ޒައިންއަށް އެހާ ފަސޭހައެއްނުވިއެވެ.

" ވަޓް؟ މިރަށުންނޭ؟"

މަންމައާދިމާލަށް އޭނާއަށް ބަލާލެވުނީ ޤަބޫލުކުރަންދަތިވެފައި ހުރި ގޮތަކަށެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (2)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (2)

(ނިމުނީ)