މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނެކަމަށް މިހާތަނަށް އާންމުކުރި ނަތީޖާތަކުން ދައްކައިފިއެވެ.

މިއަދުގެ ވޯޓުގެ ނަތީޖާ އެމްޑީޕީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުން އަންނައިރު، މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުން ރައީސް ޞާލީހަށް ވަނީ 63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16462 ވޯޓެވެ. މިހާތަނަށް ނަސީދަށް ލިބިވަޑައިގަތީ 37 އިންސައްތަ ވޯޓެވެ. އެއީ 9881 ވޯޓެވެ.

Ad
rt

އެމްޑީޕީން ޢާންމުކޮށްފައިވާ މި ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ވޯޓާސް ލިސްޓުގައި ވާގޮތުން 57،257 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ސާފުވި ނަތީޖާއިން ރައީސް ނަޝީދަށް މެޖޯރިޓީ ލިބިވަޑައިގަންނަނީ މާލެ ސިޓީން އެކަންޏެވެ. މާލެ ސިޓީގެ 53 އިންސައްތަ ވޯޓު ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންފައިވާއިރު، މާލޭގެ 15 ދާއިރާއިން 8 ދާއިރާއެއްގެ ވޯޓު ފޮށީގެ ނަތީޖާ އަދި ނުލިބެއެވެ. އެމްޑީޕީގެ ތާއީދު އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީގެ މެޖޯރިޓީ 54 އިންސައްތަ ވޯޓުން ރައީސް ޞާލިޙް ހޯއްދަވާފައިވާއިރު، އެ ސިޓީގެ މެންބަރުން ވޯޓުލީ 11 ފޮށީގެ ތެރެއިން 5 ފޮއްޓެއްގެ ނަތީޖާ އަދި ނުލިބެއެވެ.

މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެންނަނީ ށ. އަތޮޅުންނެވެ. އެ އަތޮޅުގެ 80 އިންސައްތަ ވޯޓު ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާފަވެއެވެ.

މިހާތަނަށް ނަތީޖާއިން ރައީސް ޞާލީހް ކުރީގައި އުޅުއްވާއިރު، ޕްރައިމަރީގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ގްރޫޕްތަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. ނަތީޖާއިން ބޮޑު ފަރަގެއް ދައްކަނީ މަދު ބައެއް ތަންތަނުން ''އާދަޔާ ޚިލާފަށް ގިނަ ވޯޓު'' ފޮށީގައި ހުރުމުން ކަމަށް ނަޝީދު ވިދާޅުވެފަވެއެވެ.