ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ.

ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ވެސް ސަޕޯޓަރުންނަށް ދެއްވީ މޮޅުވާނެކަމުގެ އުންމީދެވެ. ބޮޑުތަނުން ކާމިޔާބު ވާނެކަމުގެ ޔަގީންކަމެވެ. މި އިންތިޚާބު ކާމިޔާބުކޮށް ރިޔާސީ އިންތިޚާބު ވެސް ކާމިޔާބުކުރާނެ ކަމުގެ އުއްމީދެވެ.

Ad
rt

އެމްޑީޕީއަކީ އެ ޕާޓީގެ ޒާތުގައި އަބަދުވެސް ތަފާތު ޕާޓީއެކެވެ. ސިޔާސީ ރޭވުންތެރިކަމާއި، އެތުރުމާއި މަސައްކަތްތައް ވެސް އެހެންޕާޓީތަކަށްވުރެ ކުރީގައިއުޅޭ ޕާޓީއެކެވެ. ކެމްޕެއިންތަކުގައި އާދަޔާ ޚިލާފް ޖޯޝާ ފޯރި ދައްކާ ޕާޓީއެކެވެ. ވާދަވެރި އެތެރޭގެ އިންތިޚާބުތަކުން ކެންޑިޑޭޓުން ހޮވައިގެން މައި އިންތިޚާބުތަކަށް ނުކުންނަ ޕާޓީއެކެވެ. މިގޮތުން މިފަހަރުގެ ރިޔާސީ ޕްރައިމަރީ ވެގެން ދިޔައީ އެ ޕާޓީން މިހާތަނަށް ހިންގި އެންމެ ވާދަވެރި އެތެރޭގެ ކެމްޕޭނަށެވެ.

ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމަވާލައްވަން ބޭއްވެވި ހަރަކާތުގެ ތެރެއިން

މި ކެމްޕެއިންގައި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން އެންމެ ގަދައަށް ދެއްކި އެއްވާހަކީ ބޮޑު މަންޒަރުގެވާހަކައެވެ. ކެމްޕެއިން ރެލީތަކަށް ދާ މީހުންގެ ނިސްބަތުން ތާއީދު އޮތީ ތިމާމެން ކޮޅުގައި ކަމުގެވާހަކައެވެ. މި ކެމްޕެއިންގައި ވެރިރަށް މާލޭގެ އިތުރުން އައްޑޫ ސިޓީއާއި އަދި މިނޫން ވެސް ބައެއް ތަންތަނުގައި ކެންޑިޑޭޓުންގެ ކެމްޕެއިން ބޮޑެތި އިވެންޓްތައް ހިންގިއެވެ. ކެމްޕެއިން ނިންމައިލަން މިއަދު ބޭއްވި ރެލީތައް ވެސް ފޯރިގަދައެވެ. އެ ރެލީތަކުން ލިބުނު ފޮޓޯތަކުން މޮޅުވާނީ ކޮންކޮޅެއް ކަމެއް ނިންމަން ދައްޗެވެ. ސަބަބަކީ ދެކޮޅުން ބާއްވާ ރެލީތަކުން ވެސް ބޮޑު މަންޒަރު ދައްކާލާފައިވާތީއެވެ.

އެތެރޭގެ އިންތިޚާބެއްގައި ވާދަވެރިކަން ކެކިއުތުރި އެރިނަމަވެސް، ދެކޮޅަށް ވާންކޮށް ''ހޫނު ގަދަވިނަމަވެސް'''އެފަދަ ހާލަތެއްގައި ވެސް ނިންމާލީ އޮމާން ކެމްޕޭނެއްކަމަށް ދެންނެވިދާނެއެވެ. މި ކެމްޕެއިންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެންމެ ގިނައިން ފާހަގަކުރެއްވި އެއް ކަމަކީ ރައީސް ޞާލިޙް މިހާރު ހިންގަވާ ސަރުކާރުގައި އިއްތިހާދުގެ މެނިފެސްޓޯ ތަންފީޒުކުރާންޖެހުމުން އެމްޑީޕީގެ ވައުދުތައް ނުފުއްދޭ ވާހަކައެވެ. އެމްޑީޕީގެ މެންބަރުން ހިތްއެދޭ ގޮތަށް ކަންކަންނުދާ ވާހަކައެވެ. އެހެންކަމުން އެމަނިކުފާނު ނުކުމެހުންނެވީ އެމްޑީޕީގެ ވައުދުތައް ފުއްދައިދޭން ކަމަށް ވަނީ ވިދާޅުވެފަވެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލައްވަން ބޭއްވެވި ހަރަކާތުގެ ތެރެއިން

އަނެއްކޮޅުން ރައީސް ޞާލިޙް ވިދާޅުވާ މައިގަނޑު އެއްވާހަކަފުޅަކީ، އަދިވެސް އެއްޕާޓީއެއް ގިނަކަންޏާ ވެރިކަމަށް އައުމަކީ ނާދިރުކަމެއްގެ ވާހަކައެވެ. ވެރިކަމަށް އާދެވެން އޮތީ އިއްތިހާދެއްގެ ތެރެއިންކަމަށާއި، 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަންގެއްލި މަގުމަތިވީ ރައީސް ނަޝީދާއެކު ދެވަނަ ބުރުގައި ބައިއަތުހިފާނެ ޕާޓީއެއް ނުވުމުންކަމަށެވެ. އެމަނިކުފާނު ގެންދަވަނީ އިއްތިހާދެއްގެ ވެރިކަން ދަމަހައްޓަވަމުން ކަމަށާއި، ދެންވެސް ވެރިކަމަށް އާދެވޭނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ތަކުރާރުކޮށް ވިދާޅުވެފަވެއެވެ. އަދި ތަޖުރިބާއިން އިބުރަށް ހާސިލްކޮށް އެމަނިކުފާނާއެކު ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައިވެއެވެ.

ވަރުގަދަ، ފޯރިގަދަ އެމްޑީޕީގެ ޕްރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތައްތައް މިއަދު ހަވީރު ނިންމާލާފައިވާއިރު، މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމާލުން މުޅި ރާއްޖޭގައި ވެސް މިއަދު ހަވީރު ކުރިއަށް ދިޔައެވެ.

މި ހަރަކާތްތަކުގެ ތެރެއިން ރައީސް ޞާލިޙްގެ އެންމެފަހުގެ ކެމްޕެއިން ހަރަކާތް ބޭއްވެވީ މިއަދު ހަވީރު ހުޅުމާލޭގައި ރުއްގަނޑު އެކެއް ސަރަހައްދުގައިއެވެ. ރައީސް ނަޝީދުގެ ކެމްޕެއިންގެ ފަހު ހަރަކާތަކަށް މިއަދު ބޭއްވީ މާލޭގައި ހިނގާލުމަކުންނެވެ. ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ވެސް ނިންމާލެއްވީ އިންތިހާބުގައި ކާމިޔާބީ ދެއްވުމަށް އެދި ކުރި ދުއާއަކަށް ފަހު އެވެ.

ހަމަޔަގީނުން ވެސް ދެ ކެންޑިޑޭޓުން ވެސް ވަނީ ބޮޑު މަންޒަރު ދައްކާލައިފައެވެ. ދެން އޮތީ ނަތީޖާއަށް އިންތިޒާރުކުރުމެވެ.