ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ސަލާމަތީކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އެމްއެންޑީއެފުންނެވެ. އެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދަށް އެއްވެސް ނުރައްކަލެއް އަތުވެދާނެކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިނުވާ ކަމަށެވެ.
''ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ (26 ޖެނުވަރީ 2023) ގައި ބޭއްވެވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ތްރެޓެއް އަތުވެދާނެ ކަމުގެ މައުލޫމާތެއް އެމްއެންޑީއެފް އަށް ލިބިފައެއް ނުވޭ'' އެމްއެންޑީއެފްގެ މެސެޖުގައިވެއެވެ.
އެމްއެންޑީއެފުން މިހެން ވިދާޅުވެފައިވާއިރު ރޭ ފުލުހުންގެ ޚިދުމަތުން ވެސް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން އެހެން ވިދާޅުވީ، ސަލާމަތީ ސަަބަބުތަކަކަށްޓަކައި ނަޝީދުގެ ޖަލްސާ ކުރުކޮށްލީކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ގަޑިއެއްހާ އިރަށް ދެމިގެންދިޔަ ރޭގެ އެ ޖަލްސާގައި ވާހަކަ ދެއްކެވީ ނަޝީދު އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!