ހޮނިހިރު ދުވަހު އޮންނަ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެެ ރިޔާސީ ޕްރައިމަރީގައި ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް އެ ޕްރައިމަރީގައި ވާދަކުރަށްވާ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެވަނީ ބަދަލުވެފައި ކަމަށާއި، އެއީ މާކުރިން ފަށައިގެން އުނދަގޫ ގޮންޖެހުންތައް ކުރިމަތިވި ދަތުރެއް ކަމަށެވެ.
''މިދަނީ ކާމިޔާބަށް، ހޮނިހިރު ދުވަހު ނަގާވޯޓު ކާމިޔާބުވާނެ ކަމީ އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކު ހިނގާނެ ކަމެއްނޫން،'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވަމުން ދާއިރު ރައްޔިތުންނަށް މަންފާއާއި ފައިދާ ލިބެމުންދާނެ ކަމަށާއި، ނަމަވެސް މިއަދު ކަންބޮޑުވަނީ އިއްތިހާދުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދާތީކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވިސްނުމާއި ފިކުރާ ދުރުވެ މުޅިން ބީރަށްޓެހި ކަންތައްތަކެއް ސަރުކާރުން ކުރަމުންދާކަމީ އެމްޑީޕީގެ އެންމެހާ މެންބަރުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ނަޝީދު ވަނީ ވެރިކަން ލިބިއްޖެނަމަ ކޮށްދެއްވާނެ ކަންކަން ވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިންގެފަހު ހަރަކާތް އޮންނާނީ މިއަދު ހަވީރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!