ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމަވާލައްވަން އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ޖަލްސާ ނިންމާލުމުން އެ ޖަލްސާ ކުރުކޮށްލީ ސަލާމަތީ ސަަބަބުތަކަކަށްޓަކައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަވެއެވެ.

Ad
rt

އެކަމާއިގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯ ވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

''ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަން ފާހަގަކުރަން'' ފުލުހުންގެ މެސެޖުގައި ވިދާޅުވެފަވެއެވެ.