ޝުއޫރު ފާޅުކުރަން ކުރަންވާނީ އެހެން މީހުންނަށް ވެސް ދުއްތުރާއަކަށް ނުވަގޮތަށް، އެހެން މީހުންނަށް ވެސް ފުރުސަތު ދީގެން ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޚިޔާލުފާޅު ކުރުމާއި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ މި ސަރުކާރު ވެރިކަމަށް އައިއިރުގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ.
އެހެންނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެއްވެސް ހުރަހެއްނެތި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި އެއްވެ އުޅުނުމުގެ މިނިވަންކަން ހޯދައިދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
''އެންނަމަވެސް މިކަންކަމުގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ ތިމާ ފާޅުކުރާ ޚިޔާލެއްގެ ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށް، އެ ހިސާބަށް ގޮސްފިއްޔާ ދެން ޖެހޭނީ އެކަމާ ވެރިކަމުގައި ތިބިބަޔަކު ވިސްނަން، މިއަދު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެމަންޒަރު އެބަފެނޭ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެއްވެސް ހާލެއްގައި އެއްވުއުޅުން މަނާކުރުމަށް ނޫޅުއްވާ ކަމަށާއި އަދި ޚިޔާލުފާޅުކުރުން ހުއްޓުވަން ވެސް ނޫޅުއްވާ ކަމަށެވެ.
''ޝުއޫރު ފާޅުކުރަން އެހެންނަމަވެސް އެއީ ދެން ތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެ، ކުރިއަށް ގެންދަވަންވީ، އަޑުއަހަން ކެރޭނެ، ހުއްޓުވާކަށް ވެސް ނެތިން، އެކަމަކު އެހެން މީހުން ހަރަކާތް ހިންގުމަށް ވެސް ފުރުސަތުދޭންވާނެ'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!