ސްވިޑެންގެ ސިޔާސީ ހަރުކަށި މީހެއް ކަމަށްވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލައި، މާތްވެގެންވާ ކީރިތިޤުރްއާނަށް އިހާނެތިކޮށް ހިތި ހައްދުފަހަނައަޅާފައިވާ ޢަަމަލު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވައިފިއެވެ.
ތުރުކީ އެމްބަސީ ކުރިމަތީގައި އޭނާ މުސްހަފު އަންދާފައި ވަނީ ސްވިޑެންގެ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމާ އެކު، އެކަން ކުރުމުގެ ފުރުސަތު ސްވިޑެންގެ ސަރުކާރުން ދީގެންނެވެ.
މި މައްސަލައާއި ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ މުސްހަފް އަންދައި އިސްލާމް ދީނަށް އިހާނާތް ކުރުމަށް ސްވިޑެންގެ ސަރުކާރުން ފުރުސަތު ދިނުމުންނާއި، އެ ޢަމަލު ހިންގި ރަސްމޮސް ޕަލުޑެންގެ ޢަމަލަކީ އެންމެ ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފައެވެ.
ނާޒިމް އިތުރަށް ވިދާޅުވެފައި ވަނީ އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގި ނަފުރަތު ފެތުރުމާއި ހަރުކަށިފިކުރުގެ ޢަމަލެއް ކަމަށް ވެސް ވިދާޅުވެފައެެވެ.
ސްވިޑްންގެ ހައްދުފަހަނާ އަޅާފައިވާ ރަސްމޮސް ޕަލުޑެން މުސްހަފެއްގައި އަލިފާންރޯކޮށް އަންދާލާފައިވަނީ އެގައުމު ނޭޓޯއަށް ވެއްދުމަށް އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ހުރަސްއަޅާކަމަށް ބުނެ އެވެ. އޭނާގެ މި އަނިޔާވެރި ނަފުރަތުގެ އިންތިހާއިން ފުރިގެންވާ ޢަމަލު ހިންގާފައި ވަނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ތުރުކީވިލާތާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ.
މިކަން ދިވެހި ސަރުކާރުން ވެސް ކުށްވެރިކޮށްފައިވާއިރު، އިސްލާމީ ގިނަ ޤައުމުތަކާއި ޖަމިއްޔާތަކުން ވެސް އަންނަނީ މިކަން ކުށްވެރިކުރަމުންނެވެ. އަދި ރާއްޖޭގެ އިދިކޮޅު ކޯލިޝަނުންނާއި އެހެން ބައެއް ސިޔާސީ ލީޑަރުން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!