މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީ ސިޓީގައި ހިންގަންނިންމާފައިވާ ޕްރޮގްރާމްގެ ތައްޔާރީތަކާގުޅޭ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މިގޮތުން ޕްރޮގްރާމާބެހޭ މައުލޫމާތު ހާމަކުރަށްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ ކޮމިއުނިޓީ ބޭސްޑް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފެށުމަށްޓަކައި ނެޝެނަލް ޑްރަގް އެޖެންސީގެ ފަރާތުން ހޮނިހިރު ދުވަހު ވަނީ ކުޅުދުއްފުށި ކޭއާރުއެޗުގެ ގުޅުންހުރި މުވައްޒަފުންނާއި، ކުޅުދުއްފުށި އެލަޔަންސްގެ މެމްބަރުން ކްލައިންޓުން ދެނެގަތުމަށް ބޭނުންކުރާ ސްކްރީން ޓޫލްއަށް އަހުލުވެރިކުރުމަށް އޮރިއެންޓޭޝަން ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގައި އޮރިއެންޓް ކުރެވުނު ފަރާތްތައް މެދުވެރިކޮށް ޕްރޮގްރާމް ފެށުމަށްޓަކައި ޕްރޮގްރާމްގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް ސްކްރީން ކުރުން ވެސް އިއްޔެ ކުރިއަށް ގެންދެވުނު ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފެށުމަށްޓަކައި ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށާއި، ސެންސިޓައިޒްކުރުމަށް ރޭ ވަނީ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ކުޅުދުއްފުށީގެ ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭގޮތަށް ދިގު މުއްދަތަށް ދެމިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.