ޔާމީން އެދިވަޑައިގަތީ ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިބުމަށް: އަދުރޭ

PPM-PNC

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް އެދިވަޑައިގަތީ ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިބުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިހާރުޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ޔާމީނާއި ބައްދަލު ކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މާފުށި ޖަލަށް ވަޑައިގެން ޔާމީނާއި ބައްދަލު ކުރެއްވުމަށްފަހު، މާފުށި ޖަލުގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯއާއެކު އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ މިއަދު ބައްދަލުވި ކަމަށާއި ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ.

"ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް. މައުސޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް." އަދުރޭ ވިދާޅުވިއެވެ.

މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓް ނުލިބި ލަސްވާތީ އިދިކޮޅު ޕީޕީއެމާއި ވަކީލުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދަނިކޮށް މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ވަނީ އެ ރިޕޯޓު ހަވާލުކޮށްފަ އެވެ.

އެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ފުލް ރިޕޯޓް ހަވާލު ކުރިއިރު، ދެ ރިޕޯޓުގައި ޖުމްލަ 8،000 އަށް ވުރެ ގިނަ ސޮފްހާ ހުއްޓެވެ. އެއީ ކޮންމެ ރިޕޯޓެއްގައި 4،000 އަށް ވުރެ ގިނަ ސޮފްހާ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަކީލުން ގެންދަނީ ކުރަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ މި ދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް ވަނީ އަންގާފައެވެ.

ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވުުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.

ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައި ދިނުމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދި އެވެ. އެއީ އެ މަރުހަލާ އެހެން ދުވަހަކަށް ފަސްކޮށް ނުދޭތީ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި