ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއެކު ފެށިގެން އެ ދިޔައީ ބޮޑު އުތުރަށް އަދި ބޮޑު ތިލަދުންމައްޗަށް ވެސް ތާރީޚްގައި އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރެވެ.
އެ މަޝްރޫޢު އިފްތިތާޙްކޮށް ދެއްވުމަށްފަހު ރައީސް ޞާލިޙް ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ، ''މިފެށުނީ ބޮޑު އުތުރަށް، ބޮޑު ތިލަދުންމައްޗަށް ތާރީޚްގައި ވެސް އަންނާނެ އެންމެ ބޮޑު ބަދަލު'' ކަމަށެވެ. އަދި މިއަދަކީ ތިލަދުންމައްޗާއި މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިޔަކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢު ފެށިގެން ދިޔުމާއެކު ހަނިމާދޫއާއި ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުންއައި ހުވަފެނުގައި މިއަދު ކުލަ ޖެހިގެން ހިނގައްޖެ ކަމަށެވެ.
މި ރަސްމިއްޔާތު ބާއްވާއިރު ދަންނަވާލަންޖެހޭ ނުކުތާއެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، އެ ނުކުތާއަކީ، މި ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކެއް ވައްޓަފާޅިއެއް އޮންނަ ވާހަކަ ކަމަށެވެ. އަދި މި ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކާއި ހިންގާ ކޮންމެ މަޝްރޫޢުއެއް ހިންގަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
''މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްގީގެ ބަދަލު އަޅުގަނޑުމެން ފަށަނީ ގަލަމުން، ރަނގަޅަށް ދިރާސާކުރެވި ހިސާބު ކިތާބުން ނަތީޖާ ހޯދުން، އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން އެ ގޮތަށް އެކަން ނުކުރެވިއްޖެނަމަ މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއް، އެ ގޮތަށް އެކަން ނުކޮށްފިނަމަ އެއީ ހަމަ ކަނޑުގައި އެޅޭ ރޮނގެއް، އެއާ އިދިކޮޅަށް ކަންކުރީމަ ވަނީ ދެން ވަނީ މާ ދެރަގޮތެއް، ވިސްނުމާއި، ފިކުރާއި، ހިކުމަތާއި، ކެތްތެރިކަމާއިނުލައި ދެމެހެއްޓެނި ތަރައްގީ އެއް ނުލިބޭނެ'' ރައީސް ވިދާޅުވިއެވެ.
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި
ރައީސް ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނީ ސަރުކާރުގެ އެ އުސޫލާއި ވައްޓަފާޅީގެ ތެެރެއިން ކަމަށެވެ.
''އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި މަޝްރޫޢު ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލި ހުސްނުވާގޮތަށް، މިފެށިގޮތަށް ފެށީމައި މާތްﷲ އިރާދަފުޅާއެކު ދެން މިކަމެއް ނުހުއްޓޭނެ، ފަހަތަކަށް ވެސް ނުދާނެ،'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތެއް އަދި ގައުމެއްގެ ކަންކަން ހިންގޭނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ. އަދި އެކަންކަން ހާސިލް ކުރެވޭނީ ވަރަށް ގިނަ އަމިއްލަ އިހްސާސާއި ދޭދޭ ޖަޒުބާތު އެއްފަރާތްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
''ރައްޔިތުންނަށްޓަކައި ޤައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން، ވަރަށްގިނަ އަމިއްލަ އިޙްސާސާއި، ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުންނެތި، ކަނޑޫ ކަހައިފިނަމަ، އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލައި މަގުމަތިވާނެ.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!