ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ.
މިކަމަށްޓަކައި މިރޭ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގައި ބާއްވާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.
މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.
އެ މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހަގީގީ ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!