ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް، އެއިރެއްގެ ޙާލަތަށް ބަލާއިރު، ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް ކަމަށެވެ.
މީގެ އެތައް އަހަރެއް ކުރިން ފެށިގެން، މިއަދާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި، ގޮންޖެހުންތައް ކިތަންމެ ގިނަކަމުގައިވީނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި އާއި، އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް، އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށް ވިދާޅުވިއެވެ.
''އެކަމުގެ ސަބަބުން، އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގު ފަހިވެގެންދޭ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވިގޮތުގައި މިއަދު ދިވެހި މުޖުތަމަޢުގައިވެސް އޮތް އެންމެ ނުރައްކާތެރި އަނެއް ކަމަކީ، ހަރުކަށި ފިކުރުގެ މައްސަލަ ކަމަށެވެ. ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ ''އަނގޮޅިއަށް'' އަށް ކަމަށާއި، އެ ވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް، ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ، ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަޤީންކަންކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ދެންނެވި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުން.'' ރައީސް ވިދާޅުވެފަވެއެވެ.
ކަން އެހެން އޮތްނަމަވެސް އަދިވެސް ދިވެހި ފުލުހުންނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހެއްގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ކަމަށް ވެސް ވިދާޅުވިއެވެ.
''ތިޔައިން ކޮންމެ ފުލުހެއްގެ ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ފުލުހުންގެ އިދާރާއަކީ ވެސް ބޮޑު އެއް ޢާއިލާކަން. މި ޢާއިލާގެ ބަދަހިކަމާއި، ރީތި ނަން ދެމެހެއްޓުމަކީ، ތިޔައިން ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!