ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރޭގެ ވާހަކަފުޅުގައި ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް ހުންނަ ކަމަށެވެ. އެއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށްދިނުން ކަމަށާއި، އެ އުންމީދު ޙަޤީޤަތަކަށް ހަދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފުލުހުންނަށް ދެވޭ ތަމްރީނުތައް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށްވާތީ، ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުން ކަމަށެވެ. އަދި ފުލުހުންގެ ކޮންމެ އޮފިސަރަކީ ވެސް، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
''ޒަމާނީ ތަމްރީނުތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނައިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް. ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ. އަދި އެއްގަމާއި ކަނޑު އުޅަނދުފަހަރު ހޯދައިދިނުމަށް ވެސް މި އަންނަނީ މަސައްކަތްތަކެއް ކުރަމުން.'' ރައީސް ވިދާޅުވިއެވެ.
މުޖުތަމަޢުގައި އުފެދޭ ނުރަނގަޅު އޮއިވަރުތަކުގެ ސަބަބުން، ފުލުހުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައްވެސް ވަރަށް ގިނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ގޮންޖެހުންތައް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމަށާއި، އެ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.
''ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެކަން ފުރިހަމަކުރެއްވުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އިސް ވެރިން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް ކަމަށެވެ. މިގޮތުން އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!