ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްގީކުރި ޕްރީސްކޫލް މިއަދު ހުޅުވައިފިއެވެ.

މި ޕްރީސްކޫލް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު 16:30 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް އެވެ.

Ad
rt

ފޭދޫގެ ހުޅުނގުކޮޅުގައި، ކައުންސިލް އިދާރާ ކައިރީ ތަރައްގީކޮށްފައިވާ މި ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ކައުންސިލަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން އެ ޕްރީސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުދައްރިސުން ވެސް ބައިވެރިވިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި މި ތަން ތަރައްގީކުރުމަށް އެކައުންސިލުން ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އެއީ ރަށުގެ ފަށާ ތައުލީމުގެ ބިންގާ ރަނގަޅު ކުރުމަށް ކައުންސިލުން ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

''ކައުންސިލުން ދޮޅު އަހަރުގެ މަސައްކަތުން ޕްރީސްކޫލެއް ހުޅުވިގެން ދިޔުމަކީ ފޭދޫގެ ތައުލީމަށް އިތުރުވެގެން ދިޔަ ބޮޅެއް، އަދި ޕްރީސްކޫލް ތައުލީމް ފެށުމަކީ އަޅުގަނޑުމެން ކައުންސިލް އިންތިޚާބުގައިވެފައިވާ ވައުދެއް'' ރައިޝަމް ވިދާޅުވިއެވެ.

ރަސްމީ ތައުލީމްގެ ތެރެއަށް ޕްރީސްކޫލްގެ ތައުލީމް ވަދެގެން ދިޔަ ހިސާބުން އެރަށުގައި ބޭބީ ނާސަރީއާއި، ނާސަރީ އަށް ކިޔަވައިދިނުން މެދުކެނޑިގެން ދިޔަކަމަށް ރައިޝަމް ވިދާޅުވިއެވެ.

''އޭގެފަހުން މިރަށުގައި ވަނީ ޕްރީސްކޫލްގެ ޚިދުމަތް ހުއްޓުމަކަށް އައިސްފައި، ދެން އިރާދަކުރެއްވިއްޔާ މިރަށުގައި ޕްރީސްކޫލްގެ ތައުލީމް ފޯރުކޮށްދެވެމުންދާނެ'' ރައިޝަމް ވިދާޅުވިއެވެ.

ރައިޝަމް ވިދާޅުވީ އެ ޕްރީސްކޫލް ހުޅުވިގެން ދިޔައީ ރަށުގެ އެންމެހާ ރައްޔިތުންގެ އެއްބާރުލުމާއެކުގައިކަމަށެވެ. އަދި އޭނާ ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

ފޭދޫގައި އައު ޕްރީސްކޫލެއް ހުޅުވިގެން ދިޔައިރު މިވަގުތު އެ ސްކޫލްގައި 27 ދަރިވަރަކު ވަނީ ކިޔަވައިދިނުމަށް ރަޖިސްޓަރީ ކޮށްފައެވެ. އަދި އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދެ މުދައްރިސަކު މަސައްކަތްކުރާނެއެވެ.

މި ސްކޫލުން އުނގެނޭ ދަރިވަރެއްގެ އަތުން ނަގަން ނިންމާފައި ވަނީ މަހަކު 350 ރުފިޔާގެ ފީއެކެވެ.