2008 ވަނަ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް ކުރިމަތިވުމުން އެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުގައި ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން މިއަދު އައްޑޫ ސިޓީގައި ވާހަކަފުޅުދައްކަވުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ބޭނުންވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ކަންކަން ކޮށްދިނުމުގައި މި ސަރުކާރަށް ދަތި އުނދަގޫތަކެއް ކުރިމަތިވިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
''ސަރުކާރަށް ދަތި އުނދަގޫތަކެއް ކުރިމަތިވި، ކޯވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ހުއްޓުމާއެކު ރާއްޖޭގެ އިގްތިސޯދަށް ހުރަސްތަކެއް ކުރިމަތިވި، ވަރަށް ގިނަ ބުރަ މަސައްކަތްތަކާއެކު އެންމެ އަވަހަށް އިގްތިސޯދު ރުޖޫއަވި ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިޔައީ މިތިއްބެވި ހުރިހާ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެދުވަހު މި ސަރުކާރުން އެ މަސައްކަތްތައް އެގޮތަށް ނުކުރިނަމަ މި ރާއްޖެ އޮންނާނީ ބަނޑަށް ޖެހި، ބަނގުރޫޓްވެފައި ކަމަށެވެ. އަދި މިއަދު ''އަޅުގަނޑުމެންނަށް މިތަނަށް ނުކުމެ މިތިބެވެނީ'' އެދުވަހު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ކޯވިޑްގެ ތަދުމަޑުކަމާއެކު އެހާލަތުގެ އަސަރު ވީހާވެސް ކުޑަކޮށް، އެހާލަތުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން ރައްޔިތުންނަށްޓަކައި ސްޓިމިއުލަސް ލޯނުގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ދޫކުރި ކަމަށެވެ.
''ހަމައެކަނި ކަރަންޓް ބިލުން 209 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނިން، ފެން ބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދިނިން، 1400 ވިޔަފާރިއަކަށް 347 މިލިއަން ރުފިޔާގެ ލުއި ލޯނު ދިނިން، އިންކަމް ސަޕޯޓް އެލަވަންގެ ގޮތުގައި 22 ހާސް މީހުންނަށް 421 މިލިއަން ރުފިޔާ ހިލޭ ދިނިން، އަމިއްލަ މަސައްކަތް ކުރާ ކުދި މަސައްކަތްކުރާ 660 މީހަކަށް 20 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނިން'' ރައީސް ވިދާޅުވިއެވެ.
މިއަދު ބައެއް ބޭފުޅުން ވާހަކަ ދައްކާއިރު އެއީ ވެފައި އޮތް ކަމެއްކަމުގައި ޤަބޫލެއް ނުކުރައްވާ ކަމަށާއި، ވާހަކަ ދައްކަވަނީ މުޅިން އެބައި ދޫކޮށްލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
''ތިބޭފުޅުން ފުންކޮށް ވިސްނަވަންވާނެ، އެދުވަހު އެކަންވީ ގޮތާއި މިއަދު މިހިސާބަށް އާދެވިފައި މިތިބަ ގޮތާއި ކުރިއަށް އޮތްތަނުގައި މިފަދަކަމެއް ކުރިމަތިވެއްޖެނަމަ ވެދާނެގޮތް މީ މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމެއް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކަށް އަންނަ އިގްތިސޯދީ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ. 2008 ވަނަ އަހަރު ވެސް ދުނިޔެއަށް އައި ފައިނޭންސިއަލް ކްރައިސިސްގައި ރާއްޖޭގެ އިގްތިސޯދު މިފަދަ ބޮޑު ގޮންޖެހުމެއް ކުރިމަތިވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.
''އޭރު ކަންކުރިގޮތާއި މިފަހަރު ކޯވިޑްގައި މި ސަރުކާރުން ކަންކުރިގޮތާއި ތިބޭފުޅުން ވިސްނަންޖެހޭނެ، އޭރުކަންކުރި ގޮތަކީ ސިވިލްސާވިސްގެ މުސާރަކުޑަކުރީ، މުވައްޒަފުން މަދު ކުރީ، ރައްޔިތުންނަށް ލިބުނު އާމްދަނީ ދައްވުމުގެ ސަބަބުން އެތައް ރައްޔިތުންނެއް އެތައް ހާލެއްގައި އުޅެންޖެހުނު،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާގޮތުގައި ސަރުކާރެއްގެ ޒިންމާއަކީ އެކަހަލަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން މި ސަރުކާރުން ކުރި މަސައްކަތަކީ އެއީ ކަމަށް ވިދާޅުވިއެވެ.
''އަދިވެސް ދުނިޔޭގެ އިގްތިސޯދު އަރައެއް ނުގަނޭ، ގޮންޖެހުންތައް އެބަހުރި، ނަމަވެސް މިދަފަދަ ގޮންޖެހުންތަކުން އަރައި ގަނެވޭނީ މިފަދަ ވިސްނުމެއްގައި، މިހާރު މިކަންކުރާ ގޮތައް ކުރާ ބަޔަކު ސަރުކާރުގައި ތިބެގެން، އޭރު އެ ކަންކުރާ ގޮތައް ކުރާބަޔަކު ތިބެގެން އަޅުގަނޑެެއް ގަބޫލެއް ނުކުރަން ދިވެހިރާއްޖެ ސަލާމަތް ކުރެވޭނެކަމަކަށް'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!