ހާލު ދެރަވެގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުން ދިޔަ ގައިދީޔަކު މިއަދު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ވިދާޅުވިގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު މާލޭ ޖަލަށް ހުކުމް ތަންފީޛުކުރުމަށް ގެންދިޔަ ގައިދީއެއް ކަމަށެވެ.
ނިޔާވެފައި ވަނީ، ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ.
''މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10 ޖަހާކަށް ހާއިރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭންފަށާފައި، މުޙައްމަދު ރަޝީދުގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ކަނޑައަޅާފައި'' ކަރެކްޝަނަލް ސާވިސަސްއިން ވިދާޅުވިއެވެ.
މުޙައްމަދު ރަޝީދު މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެންދިޔުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައިނުވާއިރު، އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫންކަމަށް ކަރެކްޝަނަލް ސާވިސަސްއިން ވިދާޅުވެއެވެ.
މުޙައްމަދު ރަޝީދު ނިޔާވުމާ ގުޅިގެންް ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ވިދާޅުވެއެވެ.
މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!