މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކަމަށާއި، މި ސަރުކާރުން ކުރި އެފަދަ ކަންކަން ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު ސަމާލުވާންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ވުޖޫދުވެގެން އައީ މަގްސަދުތަކެއް ހާސިލް ކުރަން ކަމަށެވެ.

Ad
rt

އޭގެތެރެއިން އެންމެ މުހިންމު މަގްސަދަކީ ރާއްޖެއަކީ އަމާންތަނެއްގޮތުގައި ހެދުން ކަމަށާއި، ހާއްސަކޮށް މާލޭގެ މަގުތަކަކީ އަމާންކަމާއެކީގައި ދިރިއުޅެވޭނެ ތަނެއްގޮތުގައި ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެންމެ ފުރަތަމަ ދުވަހުވެސް އެމްޑީޕީން ކުރަމުން އައި މަސައްކަތް ކަމަށް ވިދާޅުވިއެވެ.

''އަނިޔާވެރިކަން ނައްތާލުން، ގައުމަށް ހަމަޖެހުން ގެނައުން، އަމިއްލަ މަސައްކަތައިގެން މީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދުން، މާލޭގެ މަގުމަތީގައި ބިރުވެރިކަމެއްނެތި ދިރިއުޅެވޭނެ ގޮތްވުން، 2008 ވަނަ އަހަރު ވެސް ކުރި މަސައްކަތަކީ އެއީ، ވެރިކަމަށް ގެނައިން، މަސައްކަތްތަކެއް ހަވާލުކުރިން، މެނިފެސްޓޯއެއް އޮތް، އެހެންނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ މަގްސަދުތައް ހާސިލްނުވެ އެ ވީގޮތެއްވެ ސަރުކާރު ބަދަލުވެގެން ދިޔައީ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އަނެއްކާވެސް މަގުމައްޗަށް ނުކުމެ ދައްކަމުން އައި ވާހަކައަކީ ވެސް ކުރިން ދެއްކި ވާހަކަތައް ކަމަށެވެ. އަދި ބިރުވެރިކަމާއި ނާންމާކަމާއެކުމަގުމަތީ މަސައްކަތްކޮށް، އެއަށް ފަހު 2018 ވަނަ އަހަރު އަނބުރާ ވެރިކަމަށް އާދެވުނުކަމަށް ވިދާޅުވިއެވެ.

''އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމުން އަރައިގަނެވިއްޖެ، މިއަދު އަޅުގަނޑުމެން ނުކުމެ މިތިބީ އެ ލިބުނު ކާމިޔާބާއި، އެ ލިބުނު ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، މިކަން ކުރިއަށް އޮތްތަނުގައި ކުރެވޭނީ ކިހިނެތްތޯ ބަލަން އެބަޖެހޭ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2008 ގައި ވެރިކަން ލިބުމުން އެ ވެރިކަން ''ނުހިފެއްޓުނު'' ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ލިބުމުން އެމަނިކުފާނު ވަނީ އެ ވެރިކަމުގައި 4 އަހަރު ހޭދަކޮށްފައި ކަމަށް ވިދާޅުވިއެވެ.

''މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، ބޭނުންވަނީ މިކަންކަން ދަމަހައްޓަން، ވޯޓުދޭއިރު އެކަންކަމަށް ސަމާލުވުމަށް އެދެން'' ރައީސް ވިދާޅުވިއެވެ.

މިރޭގެ ވާހަކަފުޅުގައި ރައީސް ވަނީ މި ސަރުކާރުން ތަންފީޒު ކުރަމުން ދަނީ އެމްޑީޕީއާއި، ކޯލިޝަންގެ މެނިފެސްޓޯ ކަމަށް ވިދާޅުވެފައެވެ. އަދި އެ މެނިފެސްޓޯގައި ހުރީ އެމްޑީޕީގެ ވައުދުތައް ކަމަށް ވެސް ވިދާޅުވިއެވެ.