މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިރޭ 18:12 ގައެވެ.
މި ހާދިސާގައި އިލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހާދިސާއާއި ގުޅިގެން ކެފޭގެ ވަށައިގެންވާ ގެތައް ވެސް ހުސްކުރިއެވެ.

އެ ކެފޭގައި ރޯވުމުން ބޯ ދުން ބޮޑު ސަރަހައްދަކަށް ފެތުރުނެވެ. އަދި އެ ސަރަހައްދުގައި ތިބި ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނުމަށް ހަސްފަތާލަށް ވެސް ގެންގޮސްފަވެއެވެ.
''އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
އިންޑިއާގެ ކެއުންތަކަށް ޚާއްޞަ އިވްނިންގް ކެފޭއަކީ އިންޑިއާ އަށް ނިސްބަތްވާ ބަޔަކު ހިންގާ ތަނެކެވެ.
އިވްނިންގް ކެފޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި މި ވަނީ މި ދުވަސްވަރު އަލިފާނުގެ ހާދިސާތައް ގިނަވެ، އެ މައްސަލައިގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައި ވަނިކޮށެވެ. މި ގޮތުން މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 17:00 ހާއިރު ގދ. ފިޔޯރީ ސްކޫލުގެ ބާ ހޯލް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަލިފާންގަނޑު މުޅި އިމާރާތަށް ފެތުރި އެ އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ހާދިސާއަށްފަހު ޖެނުއަރީ 9 ވަނަ ދުވަހު ފަތިހު 5:43 މާލޭ ނީލަން ފިހާރާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!