ބާޒާރުގައި ތަކެތީގެ އަގު އުފުލި ބަނބުކޭލެއްގެ އަގު ވެސް 125 ރުފިޔާ އަށް މިހާރު އަރާފައިވާ ކަމަށާއި، ދެ ރައީސުން ކެމްޕެއިން ހުއްޓާލާ އިސްތިއުފާ ދޭންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ސުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ޝުޖާއު ދެ ރައީސުން ކަމަށް އިޝާރާތް ކުރައްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށެވެ.
ރައީސް ޞާލިޙާއި، ނަޝީދަކީ މިމަހު 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުންނެވެ. އެ ޕްރައިމަރީގެ ކެމްޕެއިންގައި ކުރި ހޯއްދެވުމަށް ދެ ރައީސުން ވެސް ދަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.
ތަކެތީގެ އަގު އުފުލޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝުޖާއު ވިދާޅުވީ، ބާޒާރުގައި ބަނބުކޭލެއްގެ އަގު މިހާރު ހުރީ 125 ރުފިޔާއަށް ކަމަށެވެ.
‘’ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަ ދެ ރައީސުން ކެންޕެއިން ހުއްޓާލާ ދެ ރައީސުންގެ މަޤާމުން އިސްތިއުފާ ދޭންޖެހޭ. ރައްޔިތުން ހަނާއަރުވާލާފި’’ ސުޖާއު ވިދާޅުވެފަވެއެވެ.
1 ޖެނުއަރީ 2023 އިން ގެށިގެން ރާއްޖޭގައި ޖީއެސްޓީ ނަގާ މިންވަރު 8 އިންސައްތަ އަށް އިތުރު ކުރުމާގުޅިގެން ބާޒާރުގައި ތަކެތީގެ އަގަށް ވަނީ އެ ބަދަލު އައިސްފައެވެ.
ޖީއެސްޓީ އިސްތިސްނާ ބާވަތްތަކެއް ވެސް ހުންނައިރު، އެ ބާވަތްތަކުގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ހުރިހާ ބާވަތްތަކުގެ މޭވާއާއި، ލޮނު، ކިރު، ކާތެޔޮ، މަހާއި، މަހުގެ ބާވަތްތަކާއި، ސައިފަތް، ފިޔާ، އަލުވި، ހަވާދުގެ ބާވަތްތަކާއި، ދިޔާހަކުރު، ކުރުނބާ، ކުރޮޅި، ކާށި، ކެރެޓް، ކެބެޖް، ބީންސް، ޓޮމާޓޯ، ޕާން، ބަނަސް، ކުޑަކުދިން އަދި ބޮޑެތި މީހުންގެ ނެޕީ، ކުޑަކުދިންގެ ކާނާގެ ބާވަތްތައް، ކައްކާ ގޭސް، ޑީސަލް، ޕެޓްރޯލް އަދި ޓިޝޫ، ޕެޑް ފަދަ ބާވަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!