ރ. އަލިފުށީގައި ފައިބަރުތަކެއްގައި ރޯވެ، އަނދަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އެރަށު ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގަ އެވެ.

Ad
rt

އެރަށުގައި ބޯޓު ފަހަރު ބަނުމަށް ބޭނުންކުރުމަށްފަހު، އުކާލާ ފައިބަރުތަކާއި އެހެން ކުނިތައް ހުންނަނީ އެ ކުނިގޮނޑުގައި ކަމަށާއި ރޯވެފައިވަނީ ފައިބަރުތަކުގައި އެކަނި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިއަދު މެންދުރު 2 ޖަހާކަންހާއިރު، ރޯވި އަލިފާން އަދިވެސް ނިއްވާ ނުލެވޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.

އަލިފާން ނިއްވާނުލެވިގެން އުޅެނީ ފައިބަރަކީ ވަރަށް ބާރުގަދަ ކެމިކަލްތައް ހިމެނޭ އެއްޗެއްކަށްވާތީ އާއި މި ވަގުތު ވައިހުރި ގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންނަމަވެސް އަލިފާނުގެ އަސަރު ރަށު ތެރެއަށް ނުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި މި ހާދިސާގައި މިހައިތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މި އަލިފާން ނިއްވުމުގައި އެކަމުގެ ތަމްރީން ލިބިފައިވާ އެރަށުގެ ޒުވާނުންތަކަކާއި ކައުންސިލާއި ފުލުހުން އަދި ރަށުގެ އާންމު ރައްޔިތުން ދަނީ ހަރަކާތްތެރިވަމުން ނެވެ.