" މަންމާ! އަޅުގަނޑު ވަރަށް ފޮޓޯ ނަގާހިތްވޭ! ފޮޓޯނަގާ މީހަކަށް ވާންބޭނުމީ!"

ގްރޭޑް 5 ގައި ކިޔަވަމުންދިޔަ ދަރިފުޅުގެ އެ ޖުމްލަތައް މަންމަގެ ހިތުގައި ބިންވަޅުނެގުނެވެ. އެހެންކަމުން މާލެ ދެވުނުހާ އަވަހަކަށް ދަރިފުޅަށް ކުޑަކުޑަ ކެމެރާއެއް ގަނެދީ، އެދުވަހު ދަރިފުޅު އުފަލުން ހެއްވާލިއެވެ.

Ad
rt

ސަޕްރައިޒަކަށް މަންމަ ދިން އެ ކުޑަކެމެރާ ވެގެންދިޔައީ ހދ. ކުޅުދުއްފުށީ އަޙްމަދު އިފާއު އިބްރާހީމް ( އިފޫ ) 20އ، ފޮޓޯގެ ދުނިޔެއަށް ވަންނަން ހުޅުވުނު މައިދޮރަށެވެ.

" އިފޫ ވަރަށް ކުޑައިރުވެސް ފޮޓޯ ނަގަން ޝައުޤުވެރިވާކަން އަޅުގަނޑަށް އެނގުނު! އެހެންވެ އަޅުގަނޑު ދަރިފުޅަށް ސަޕްރައިޒަކަށް ކުޑަކުޑަ ކެމެރާއެއް ގަނެދިނިން! އެންމެ ފުރަތަމަ އޭނަ ފޮޓޯ ނަގަން ފެށީވެސް އެ ކެމެރާއިން! އޭގެ ފަހުން ޓެބެއްވެސް އަދި ފޯނެއްވެސް ގަނެދިނިން! ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ނެރެން ވެގެން އެކަންތައްތަކަށް މަގުފަހިކޮށްދި. ނީ.އިރާދަކުރެއްވީތީ އެކަމުގެ ނަތީޖާވެސް ވަރަށް ފޮނި! މިހާރު ގެންގުޅޭ ކެނޮން ބްރޭންޑްގެ ކެމެރާއަކީ އިފާއު އަމިއްލަ މަސައްކަތުން ގަނެފައިވާ ކެމެރާއެއް" ފަޚްރުވެރިކަމާއެކު އިފާއުގެ މަންމަ އާއިޝަތު ފަޒްނާ ބުންޏެވެ.

މަންމަ ދިން ކެމެރާއިން އެންމެ ފުރަތަމަ ނަގަންފެށީ އެކުވެރިންގެ ފޮޓޯއެވެ. އެކުވެރިންނާއެކު ރަށުގެ އެކި ތަންތަނަށް ގޮސް އޭނާ ފޮޓޯނަގާ ހެދިއެވެ. އެފޮޓޯތައް ފެނުމުންވެސް އޭނާ އުފާވެއެވެ. އަދި އަމިއްލައަށް ނަގާ ރީތި މަންޒަރުތައް ކެމެރާގައި ރައްކާކުރުމަކީ އުފަލެއްކަމުގައިވިއެވެ.

ކެމެރާއަށްފަހު އޭނާއަށް ލިބުނީ ޓެބްލެޓެކެވެ. ޓެބްލެޓްވެސް ބޭނުންކުރީ ފޮޓޯނެގުމަށްޓަކައެވެ. ކޮންމެ އެއްޗަކުން ފޮޓޯނެގިކަމުގައި ވީނަމަވެސް އޭނާދަނީ އާ ކަންތައްތައް ދަސްކުރަމުންނެވެ. އެންމެ ފަހުން ފޯން ލިބުމާއެކު ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓްތައް ހުޅުވީ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށްޓަކައެވެ. ސޯޝަލް މީޑިއާއަށް ވަދެވުމުން ރަށުގައި އުޅޭ އެހެން ފޮޓޯގްރާފަރުންގެ ފޮޓޯތައް އިފޫއަށް ފެންނަން ފެށިއެވެ. އެމީހުން ނަގާފައިހުރި މޮޅެތި ފޮޓޯތައް ފެނި އެގޮތްގޮތަށް ފޮޓޯނަގާ، އެޑިޓްކުރަން ދަސްކުރަން އިފޫ ބޭނުންވިއެވެ. ނުވާނޭ ކިޔާ ދޫކޮށްލާކަށް އޭނާ ބޭނުމެއްނޫނެވެ. ކިޔަވާ ނިންމާލުމަށްފަހު އިފޫ އެންމެ ފުރަތަމަ މަސައްކަތްކުރީވެސް ރަށުގެ ފޮޓޯސްޓޫޑިއޯއެއްގައެވެ. އެތަނުގައި މަސައްކަތްކުރި ހައެއްކަ މަސް ދުވަހަކީ އޭނާއަށް އެ ދާއިރާއިން ތަފާތު ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެކެވެ.

އިފޫ ނަގާފައިވާ ބައެއް ފޮޓޯތައް

ފޮޓޯގެ ދުނިޔޭގައި އިފޫ ޝައުޤުވެރިވާ އެހެންކަމެއްވެސް އެބައޮތެވެ. އެއީ ރާއްޖޭގެ ރަށްރަށުގެ ފޮޓޯ ނެގުމެވެ. ރަށްފުށުގެ މީހުން ދިރިއުޅޭ ސާދާ، އުފާވެރި ދިރިއުޅުން ދައްކުވައިދޭ ފޮޓޯތަކަކީ ކޮންމެ މީހަކު ބަލާލި ނަމަވެސް ހިތަށް އުފާވެރިކަން ގެނެސްދޭ މަންޒަރުތަކަކަށްވާނެއެވެ.

" މިހެން އުޅޭ އިރު ބައެއްފަހަރު ދޭތެރެ ދޭތެރެއިން ރަށްރަށަށް ދަތުރުކޮށްހެދޭ! އެހެން ގޮސް އުޅޭއިރު ރަށްރަށުން ފެންނަ މަންޒަރުތައް ފޮޓޯ ނަގަމުން ގޮސް ޓްރެވެލް ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނީ! އެއީ ވަރަށް ހިތްގައިމު ކަމެއް! "

ޒުވާން ހުނަރުވެރިޔާ ބުންޏެވެ.

އިފޫ ނަގާފައިވާ ބައެއް ފޮޓޯތައް

ހދ. ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލްގެ އެސިސްޓެންޓް ކަސްޓަމަރ ރިލޭޝަން އޮފިސަރެއްގެ މަޤާމް ފުރަމުންދާ އިފާއު ބުނާގޮތުގައި ވަޒީފާ އަދާކުރިކަމުގައި ވީނަމަވެސް، މިއީ ކުރެވޭނެ ކަމެކެވެ.

" ޝޫޓެއް އޮތިއްޔާ އެއްދުވަސް ކުރިން ބުކިން ހެދީމަ ޑިޔުޓީ މެނޭޖް ކުރެވޭ! ޑިޔުޓީ ކުރިޔަސް ޓައިމް ލިބޭ މި މަސައްކަތްކުރަން. ރަށްރަށަށް ދާން ޖެހިއްޖެނަމަ އަޅުގަނޑުގެ ސުޕަވައިޒަރގެ ފަރާތުން އެހީތެރިކަން ލިބޭ ޑިޔުޓީ މެނޭޖް ކުރަން! "

ވަޒީފާއެކޭ އެއްފަދައިން އޭނާގެ ދިރިއުޅުމުގެ އަނެއްބަޔަކީ ފޮޓޯ ނެގުމެވެ. ލިބޭ ހުސްވަގުތުތަކުގައިވެސް އޭނާގެ މަސައްކަތަކީ ފޮޓޯނެގުމާއި އެފަންނު އިތުރަށް ދަސްކުރުމެވެ. އެގޮތުން ޕްރޮފެޝަނަލް ފޮޓޯގްރާފަރުންގެ މަސައްކަތްތައް ޔޫޓިޔުބުން ބަލާހަދައެވެ. އަދި ރަށުގެ އެހެން ފޮޓޯގްރާފަރުން ގާތުވެސް ނޭނގޭ އެއްޗެހި އަހާ އޮޅުންފިލުވަނީ ކުރިއަށްދާން ބޭނުންވާތީއެވެ. ކޮންމެ ދުވަހަކުވެސް އޭނާ އަންނަނީ އެދާއިރާގެ އާ ކަމެއް ދަސްކުރަމުންނެވެ. އެއީ ވެސް އެރޮނގުން ލިބޭ ކުރިއެރުމެއްކަމުގައި އޭނާ ދެކެއެވެ.

ތަފާތު އެކިކަހަލަ ފޮޓޯތައް ނަގަމުންދާ އިފޫ ބުނާގޮތުގައި އޭނާ އެންމެ ޝައުޤުވެރިވަނީ ކަޕްލްސް ފޮޓޯ ޝޫޓްތަކާއި ވެޑިންގ ޝޫޓްތައް ނެގުމަށެވެ. އަތޮޅު ތެރެއިންވެސް އޭނާއަށް ވެޑިންގ ޝޫޓްތައް ނެގުމަށް އޭނާއަށް ފުރުޞަތު ލިބެމުންދެއެވެ. ނަމަވެސް އޭގެ އިތުރުން މެޓަރނިޓީ ޝޫޓްތަކާއި އެކިކަހަލަ މުނާސަބާތަކާ ގުޅިގެން އައުޓްޑޯރ އަދި އިންޑޯރ ޝޫޓްތައްވެސް އޭނާ އަންނަނީ ކަވަރ ކުރަމުންނެވެ.

އިފޫ ނަގާފައިވާ ބައެއް ފޮޓޯތައް

އިފޫ ބުނާގޮތުގައި ފޯކަސްކުރެވޭ ކޮންމެ ޝޮޓެއްވެސް ނަގަނީ އިތުބާރާއި އެކުގައި ކަމަށެވެ. ނަމަވެސް އެކަން ޔަޤީންވަނީ ކަސްޓަމަރއަށް އިފޫގެ މަސައްކަތް ކަމުދާހިސާބުންނެވެ. ލިބޭ އާމްދަނީއަށްވުރެ ބޮޑަށް މަސައްކަތުގައި ލިބޭ އެންމެ ބޮޑު އެއް އުފަލަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމެވެ. ފޮޓޯގަނޑެއް ނެގުމަކުން އަދި އެ ނިމުނީކީނޫނެވެ. ރީތި ފޮޓޯތައް ސެލެކްޓްކޮށް، އެޑިޓްކުރުމަކީ އޭގެ އެންމެ ބުރަ މަސައްކަތެކެވެ.

އިފޫ ބުނިގޮތުގައި ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރުމަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާގެ ފަރާތުންނެވެ. އޭގެ އިތުރުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ރަށުގައި އުޅޭ އެހެން ފޮޓޯގްރާފަރުންގެ އެހީތެރިކަންވެސް އޭނާއަށް ލިބެއެވެ. އަދި ޑިޔުޓީ މެނޭޖްކުރުމުގައި ސުޕަވައިޒަރ ދެއްވާ އެހީތެރިކަންވެސް ޚާއްސަގޮތެއްގައި އޭނާ ފާހަގަކުރިއެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާކަމުގައި އޭނާ ބުންޏެވެ.

އިފޫ ނަގާފައިވާ ބައެއް ފޮޓޯތައް

މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ ކުރިއަށްދެވޭނީ އެކުއްޖަކު ޝައުޤުވެރިކަން ހުންނަ ރޮނގަކުންކަމާއި ބޭނުންވާ ލަނޑުދަނޑި ޙާޞިލްކުރުމަށް ކެރިގެން ކުރިމަތިލުމަށެވެ. އަދި ނޭނގޭ އެއްޗެހި އޮޅުން ފިލުވައިގެންވެސް ކުރިއަށްދާން މަސައްކަތްކުރުމަށެވެ. އެފަދަ ކުދިންނަށް އެހީތެރިވެދިނުމަށް އިފޫ އަބަދުވެސް ތައްޔާރަށް ހުންނާނެކަމަށް އޭނާ ބުންޏެވެ.

ފޮޓޯގްރަފީގެ ދަތުރު އެއްގޮތަކަށްވެސް ނިންމާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ބާރު ސްޕީޑުގައިވެސް ކާމިޔާބުގެ ބަނދަރުގައި މަޑުކޮށްލާށެވެ. ލިބިފައިވާ ހުނަރު ތަރައްޤީކުރަމުންދާ އިފޫ މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދުނިޔޭގެ އެންމެ މޮޅު ދިހަ ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނުމެވެ. ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނަކީ މޮޅު ފޮޓޯގްރާފަރަކަށް ވުމެވެ. އެހުވަފެނުގައި ކުލަޖެހެމުން އަންނަކަން އިފޫއަށް ޤަބޫލުކުރެވުނީ އޭނާއަށް ލިބެމުންދާ ފުރުޞަތުތަކެވެ. އަތޮޅުތެރެއިންނާއި އަމިއްލަ ރަށުންނެވެ. ގާތް އެކުވެރިންނާއި ނުދަންނަ މީހުންގެ ފަރާތުންނެވެ. އެއްވެސް ފުރުޞަތެއް ދޫކޮށްލާކަށް އިފޫ ބޭނުމެއްނޫނެވެ. އިފޫގެ އިންސްޓަގްރާމް ޕޭޖުން ފެންނަ ފޮޓޯތަކުން މަސައްކަތަށް އޭނާ ދޭ އަހައްމިއްޔަތުކަން ހާމަވެއެވެ. ވަގުތު ހޯދައިގެންވެސް، ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފަނީ އުފަލާއިއެކުގައިކަން އިފާއު ނަގާފައިވާ ރީތި ފޮޓޯތަކުން ހެކިދެއެވެ.