ދިވެހި ސަރުކާރުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގައި އަލަށް ތަރައްޤީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ބަނދަރަށް އުތުރު ގަޑުބަޑުގެ ލީޑަރު ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ނަމުން ނަން ދީފިއެވެ.
އެ ބަނދަރަށް "ބޮޑު މުހައްމަދު ކަލޭފާނު ބަނދަރު" ގެ ނަމުން ނަން ދިނުމަށް ފާސްކޮށްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.
އެ ޖަލްސާގައި މި ނަން ހުށަހަޅުއްވާފައި ވަނީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މި ނަމުގެ އިތުރުން އެ ޖަލްސާގައި ސިޓީ ކައުންސިލުގެ މެމްބަރު މުހައްމަދު ދާއޫދު ވަނީ ނަމެއް ހުށަހަޅުއްވާފައެވެ. މުހައްމަދު ހުށަހެޅުއްވީ އެ ބަނދަރަށް މާލިމީ ބަނދަރުގެ ނަމުން ނަން ދިނުމަށެވެ.
ނަމަވެސް ބަހުސްގެ މަރުހަލާނިމި ޖަލްސާގައި ބައިވެރިވި އެންމެހާ މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއިއެކު އެ ބަނދަރަށް "ބޮޑު މުހައްމަދު ކަލޭފާނު ބަނދަރު" ކިޔުމަށް ވަނީ ފާސް ކޮށްފައެވެ.
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނަކީ 1943 ވަނަ އަހަރު އުތުރުގެ އަތޮޅުތަކުގެ މީހުން ކާނެ ބޯނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި މަރަށް ތެޅެން ޖެހުމުން އުފެދުނު ޖަޒުބާތުތައް ވެރިންނަށް ބަންޑުންކޮށްލަން އުތުރުގެ އެތައް ހާސް ރައްޔިތުންނެއް ގޮވައިގެން އެތައް ބައިވަރު އުޅަނދެއްގައި މާލެ ދިޔަ އުތުރުގެ ބޮޑުދަތުރުގެ މުގުލުގައި ހުންނެވި ސަހުސިއްޔަތެވެ.
އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ "އުތުރު ގަޑުބަޑު" ގެ ގޮތުގައި ނުވަތަ "ތިލަދުންމަތީގެ ބަޣާވާތު" ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!