ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ "ތިލަދެކުނު ސިނަމާ" ވީރާނާވެ، ހަލާކުވަމުން ދާތީ އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.
"ތިލަދުން" އަށް މައުލޫމާތު ދެމުން އެ ސިޓީގެ ޒުވާނަކު ބުނީ އެތަނަކީ ވަަރަށް ގިނަ ބޭނުންތައް ކުރަމުން އައި ތަނެއް ކަމަށާއި އެގޮތުން ފިލްމު އެޅުވުމާއި ތަފާތު އެކި ހަރަކާތްތައް ބޭއްވުމަށް ބޭނުން ކުރަމުން އައި ތަނެއް ކަމަށެވެ. ނަމަވެސް އެތަން ހަލާކުވާން ދޫކޮށްލާފައި ހުންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އެކަން ހައްލުކުރުމަށް ކުރީގެ ކައުންސިލާއި މިހާރުގެ ސިޓީ ކައުންސިލާ ވެސް ވާހަކަ ދައްކާފައިވާނެ ކަމަށާއި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
"އަޅުގަނޑުމެން ރަށަކީ ވެސް ސިޓީއަކަށްވާއިރު، އަދި ފިލްމު ބަލަން ސިނަމާއަކަށް ހުރީ ހަމައެކަނި މިތަން. އެކަމަކު ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް ސާލިހުގެ ވެރިކަން ވެސް މިހާރު މިވަނީ ފަހު އަހަރަށް އަޅާފަ. ސިނަމާގައި ފިލްމެއް ބަލައިލާނެ ފުރުސަތެއް ނުލިބުނު. މިއީ ވަރަށް ގިނަ މީހުން ހާއްސަކޮށް ޒުވާނުންގެ ވަަރަށް ބޮޑު ކަންބޮޑުވުމެއް." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސިނަމާއަކީ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) ގެ ތަނެއް ކަމަށް، ކައުންސިލުން ބުނެފައިވާ ކަމަށާއި އެންސީއޭ އަށް އެތައް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެންސީއޭ އިން އެންމެފަހުން ލިބުނު ޖަވާބަކީ، އެތަން މަރާމާތުކޮށްގެން ހިންގުމަށް ކައުންސިލަށް ތިން އަހަރަށް ދިނުން ކަމަށެވެ.
އެހެންނަމަވެސް އެފަދަ ބޮޑު އިންވެސްޓެއްކޮށް، އެންމެ ތިން އަހަރަށް ކައުންސިލަށް ލިބުމަކީ އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ނުލިބޭނެ ކަމަކަށްވާތީ، ކައުންސިލުން އެކަން އެގޮތަށް ކުރަން ނުނިންމީ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގެ ގޮތުގައާއި ތަފާތު އެކި މުނާސަބާ ފާހަގަކުރުމަށް ކުއްޔަށް ހިފާ އެ ސިނަމާގެ ސްކްރީނާއި ގޮނޑިތައް ވެސް ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މާލޭގެ 'އޮލިމްޕަސް' ސިނަމާ ފަދައިން އަތޮޅުތަކުގައި ހުންނަ ސިނަމާތައް ވެސް ތަރައްގީކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
މިކަމާއި ގުޅިގެން އެންސީއޭ ގެ އޮފިޝަލަކު 'ތިލަދުން' އަށް ވިދާޅުވީ ތިލަދެކުނު ސިނަމާއަކީ ޕަބްލިކްސް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށާއި އެތަނަށް އެންސީއޭ ގެ ބާރެއް ނުފޯރާ ކަމަށެވެ.
"އެ ސިނަމާ ހުންނަނީ ޕީއެސްއެމްގެ މީޑިއާ ސެންޓަރު ހުންނަ ބިމުގަ. އެ ބިމަކީ މަރްހޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ދުވަސްވަރު އަތޮޅުތަކުގައި މީޑިއާ ސެންޓަރުތައް ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ހެދި ތަނެއް. ދެން އަޅުގަނޑުމެން ވެސް ވާހަކަ ދެއްކިން އެތަން މަރާމާތު ކޮށްގެން އަލުން ބޭނުން ކުރުމަށް. އެކަމަކު އެކަން ވާގޮތް ނުވެ އޮތީ ބެލެނިވެރި ފަރާތާއިމެދު ހުރި ފުށު އެރުމެއްގެ ސަަބަބުން. އެއީ އަޅުގަނޑުމެންގެ ބާރުގަ އޮތް ތަނެއް ނޫން." އޮފިޝަލް ވިދާޅުވި އެވެ.
މިކަމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އެ ސިނަމާއަކީ ލިޔެކިޔުމުން އެންސީއޭ އާ ހަވާލުކޮށްފައިވާ ތަނެއް ކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެއީ ޕީއެސްއެމްގެ ތަނެއް ކަމަށާއި އެތަން މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެސްދިނުމަށް އެތައްފަހަރަކު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ޕީއެސްއެމް އިން އެކަން ކުރަން ބޭނުން ނުވާނަމަ، ސިޓީ ކައުންސިލަށް އެސެޓް ގެ އޯނަރޝިޕް ބަދަލުކޮށް، ސިޓީ ކައުންސިލަށް އެތަން ހަވާލުކުރުމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަދުންމަތީ ސަރަހައްދުގައި ފިލްމް އެޅުވުމަށް ބޭނުންކުރާ ހަމައެކަނި ބައިސްކޯފު ނުވަތަ ސިނަމާ ކަމުގައިވާ ތިލަދެކުނު ސިނަމާ މަރާމާތަށް ބަންދުކޮށްފައިވަނީ 4 ސެޕްޓެމްބަރ 2019 ގަ އެވެ.
ކުޅުދުއްފުށީގައި ހުންނަ މި ސިނަމާ ވަގުތީގޮތުން ބަންދު ކުރުމާއި ގުޅިގެން ތިލަދުންއަށް މައުލޫމާތުދެމުން ކުޅުދުއްފުށީގައި ފިލްމް އެޅުވުމުގައި އާންމުކޮށް ހަރަކާތްތެރިވާ އާދަމް މުހައްމަދު އޭރު ވިދާޅުވީ އެތަން ހުރީ ބޭނުންކުރަން ރައްކާތެރި ނޫން ހާލަތެއްގައި ކަމަށްވާތީ، އެތަން މަރާމާތުކުރުމަށް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމީ ކަމަށެވެ.
މި ސިނަމާ ބަންދުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ފިލްމު އަޅުވާނެ އެހެން ތަނެއް ނެތްކަން ފާހަގަކުރައްވާ އޭނާ ބުނެފައިވަނީ މި ތަން ބަންދުކުރުމުގެ ކުރިން ވެސް މި ސިނަމާގެ ހާލަތު ވަރަށް ދަށްކަމަށެވެ.
އެގޮތުން ޕްރޮޖެކްޓަރާއި ސައުންްޑް ސިސްޓަމް ގެންދަން ޖެހެނީ އަމިއްލައަށްކަން އާދަމް ވަނީ ބުނެފަ އެވެ.
ފޮޓޯ: "ތިލަދެކުނު ސިނަމާ" ވީރާނާވާން ދޫކޮށްލެވިފައި
މި ސިނަމާގެ ކުއްޔަކަށް ޝޯވް އަޅުވާ ކޮންމެ ރެޔަކަށް 1500 ރުފިޔާ ދައްކަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!