ކުރީގެ އަދަދާއިގުޅޭ،

" ޝާމިން އޭނާއާއި ރައްޓެހިވެގެން އުޅޭކަމެއް ނޫނީ ނޫޅޭ ކަމެއްވެސް އަހަންނަކަަށް ނޭނގެ! އަހަރެން ދެރަވީ އަހަންނަށް އޮޅުވާލީމަ! ހިލޭ އަންހެނެއްގެ ހިތުގައި ޝާމިންއާއިމެދު އެހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިގެން އެދަރަޖައަށް ދާންޖެހުނީމަ! އަދި ޝެރީން އަހަންނާ ބައްދަލް ވުމުންވެސް އޭނާގެ އެއްވެސް ވާހަކައެއް އަހަރެންގާތު ނުބުނެ! އެންމެ ފަހުން އެ ރަތްމާބޮނޑީގެ އަސްލުވެސް މި އެނގުނީތާ! އެދުވަހު ކަންތައްވީގޮތެއްވެސް އަސްލު ނޭނގެ! "

Ad
rt

ތުރުތުރުއަޅާ އަޑަކުން މުނާ ވާހަަކަ ދައްކަމުންދިޔައެވެ. އޭރުވެސް ޝާމިންގެ ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.

" މުނާ ޕްލީޒް.. އަހަންނާމެދު ޝައްކު ނުކުރޭ! އަހަރެން މުނާއަށް އޮޅުވާލާކަށް ބޭނުމެއްނޫނޭ! "

ޝާމިން އެހެން ބުނުމާއެކު ޝާމިންގެ އަތުތެރެއިން އަތް ދަމައިގަންނަމުން މުނާ ތެދުވިއެވެ.

" އެކަމަކު އަހަންނަށް ކަންތައްތަކެއް ސިއްރުކޮށްފީމެއްނު! ޝެރީންއާ ޝާމިންގެ ދެމެދު ކޮންމެވެސް ކަހަލަ ގުޅުމެއް އޮތީމައެއްނު ޝާމިން އެގޮތަށް ވާހަކަ ދައްކާނީ! ޝާމިން.. އަހަރެން އެނގެން ބޭނުން.. އަހަރެން އެނގެން ބޭނުން ހުރިހާކަމެއްވެސް! "

މުނާ ޝާމިންއަށް ބަލާލުމާއެކު ޝާމިންއަށް އިސްޖަހާލެވުނެވެ. އެހުރިހާ ވާހަކަތަކެއް މުނާއަށް ކިޔައިދޭން ބޭނުންވި ނަމަވެސް އޭނާއަށް ފަސްޖެހެވެނީއެވެ. އެހެނަސް ކޮންމެ ކަމެއް، ކޮންމެ ގޮތަކަށް ދިޔަޔަސް ޝާމިން ބޭނުންވީ މުނާއަށް ޙަޤީޤަތް ކިޔައިދޭށެވެ.

އެހެން ކަމުން ޝެރީންއާ ދިމާވި ދުވަހުގެ ވާހަކަތަކުން ފެށިގެން ރަތްމާބޮނޑި ޑަސްބިނަށްލީ ދުވަހާއި ހަމައަށް މުނާއަށް ތެދަށް ކިޔައިދިނެވެ. އެއްވެސް ސުވާލެއް ނުކޮށް ކެތްތެރިކަމާއެކު މުނާ އިނީ އަޑުއަހާށެވެ. އިސްޖަހާލައިގެންނެވެ. ލަސްލަހުން ހުރިހާ ވާހަކަތަކެއް ކިޔައިދިނުމަށްފަހު ޝާމިން އިންތިޒާރުކުރީ މުނާ ބުނާނެ އެއްޗަކަށެވެ. އެހެނަސް އުނގުމަތީގައި އޮތް ބާލީހުގައި ފިރުމާލަ ފިރުމާލަ މުނާ އިނީއެވެ. މުނާ އެއްވެސް އެއްޗެއް ނުބުމުން ޝާމިން މުނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އިށީނދެލިއެވެ. އަދި މުނާގެ އުނގުމަތިން ބާލީސް ނަގާ އޭނާގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލިއެވެ. އެހިނދު މުނާ ދެލޯ މަރާލުމާއެކު އެސްފިޔަތަކުގެ ދަށުގައި ހައްޔަރުކޮށްފައިހުރި ކަރުނަތައް އޭނާގެ މޫނުމައްޗަށް ބަންޑުންވެގެން ދިޔަކަހަލައެވެ.

" އަހަންނަށް އެނގޭ މުނާއަށް ވަރަށް އަސަރުކުރާނެކަން! އަހަންނަށް މަޢާފްކުރޭ މުނާ! ޕްލީޒް.. "

ޝާމިންގެ އަޑުވެސް ހުރީ ބެދިފައެވެ. އޭނާގެ އަޑުގައިވަނީ ވަރުބަލިކަމެވެ.

" އަހަރެން އެންމެ ދެރަވީ ކުޑަހިނދުކޮޅަކަށް ނަމަވެސް މި ލޯބިމަތިން ޝާމިން ހަނދާންނެތުނީމަ! ބޭއިޙްތިޔާރުގައި ނަމަވެސް، ތިހަށިގަނޑާ ޝެރީން ގާތްކުރީމަ.. އަޑުއަހަން އިނަސް އެއީ އަހަރެން އަހަން ބޭނުންވާ ވާހަކަތަކެއްނޫން!"

މުނާ ވާހަކަ ދެއްކީ ގިސްލަމުންނެވެ. އޭރުވެސް އެހެން ވާހަކަ ނުދެއްކުމަށް އެދި ޝާމިން ދެފަރާތަށް ބޯހޫރަމުން ދެއެވެ.

" އަހަންނަށް އެއްވެސް ގޯހެއް ނުހެދެޔޭ! އަހަންނަށް މުނާއާއި ނުލާ ނޫޅެވޭނެ! ތިލޯތްބަށްޓަކައި އަހަރެން ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަން.."

ޝާމިން އެހެން ބުނުމުން މުނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ނުވިސްނޭފަދަ ގޮތަކަށް އޭނާ ޝާމިންއަށް ބަލާލިއެވެ.

" ޝާމިންގެ މުސްތަޤްބަލްގެ ހުރަހަކީ އަހަންނޭތަ ތިބުނީ ؟"

މުނާގެ ސުވާލުން ޝާމިންވެސް ހައިރާންވިއެވެ. މުނާ އެގޮތަށް ވިސްނަންވީ ސަބަބެއް އޭނާއަކަށްވެސް ނުވިސްނުނެވެ.

" ކީއްވެ ތިހެން ތިބުނީ ؟ އަހަރެން މިބުނީ އަހަރެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދުމަށް ލިބުނު ހުރިހާ ފުރުޞަތު ތަކެއް ދޫކޮށް އަހަރެން މިއައީ ނޫންހޭ؟ މުނާ ގެއްލޭފަދަ ގޮތަކަށް އަހަރެން ދެކޭނެ އެއްވެސް ހުވަފެނެއް ނޯންނާނެ! ޝެރީން ބޭނުންވާ ގޮތްވެސް އަހަރެން މުނާއަށް ކިޔައިދީފީމެއްނު! މާނަ އޮޅުވާނުލައްޗޭ މުނާ! ޝެރީން އަހަރެންދެކެ ލޯބިވާކަމަށް ބުނި! އަހަރެން ބޭނުންވާފަދަ މަޝްހޫރު ވިޔަފާރިވެރިޔަކަށް ހަދައިދޭނެކަމަށްވެސް ބުނި! އެކަމަކު އަހަރެންގެ ލޯބިވާ އަންހެނުން ދޫކޮށްފަ، ދެން އިތުރު އެއްވެސް ކަމެއް ބޭނުމެއް ނޫން! "

ޝާމިންގެ ދެއަތުން މުނާގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި އޭނާގެ މޫނު ޖައްސާލިއެވެ. އެހެނަސް އަވަސް އަވަހަށް މުނާ، ދުރަށް ޖެހިލިއެވެ.

" އަހަރެން ތިކަން ޤަބޫލުކުރަން! އެހާ ރީތި އަންހެން ކުއްޖެއް ލޯތްބަށް އެދި އާދޭސްކޮށްކޮށް ހުއްޓާ ، މިހިސާބަށް ތިއައީ އަހަންނަށްޓަކާކަން އަހަންނަށް އެނގޭ! އަހަރެން އެކަން ދޮގެއް ނުކުރަމޭ ޝާމިން! "

މުނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެންގެ ފިރިމީހާދެކެ އިތުރު މީހަކު ލޯބިވެދާނެ ކަމަށް އަހަރެން ހިތަށްވެސް ނާރާ! އަދި އެވެސް އަހަންނަށްވުރެ އެތައް ގުނައެއް ރީތި ކުއްޖެއް! އަދި އޭނަ ޝާމިން ދެކެ އެވަނީ އަހަންނަށްވުރެ މާ ވަރުގަދަ ލޯތްބެއް! "

ޝާމިންގެ ދެއަތުގައި ހިފާ ދުރުކޮށްލަމުން މުނާ ބުނެލިއެވެ. އެއާއިއެކު ޝާމިންގެ މޫނުމަތި ފުސްވެގެން ދިޔައެވެ. މުނާގެ ދެކޮނޑުގައި ހިފާ ގާތްކޮށްލަމުން ޝާމިން ސުވާލުކުރިއެވެ.

" ކީއްވެ ތިހެން ތި ވިސްނަނީ! މި ދުނިޔެމަތީގައި ހުރި އެންމެ ރީތި އަންހެނަކީތީ! އަހަރެންގެ ލޮލަށް ފެންނަނީ އެގޮތަށް! "

ޝާމިން ބޭނުންވަނީ މުނާ ހިތްހަމަ ޖައްސައިދޭށެވެ. އެހެނަސް މުނާގެ ވާހަކަ ކުރެއްނުވިއެވެ.

" ޝާާމިން ތިހެން ބުންޏަސް އަހަންނަށް އެނގޭ ތީ ދޮގެއްކަން! އެހެން ނޫނަސް ދިރިއުޅުމުގައި ޝާމިންއަށްޓަކައި އަހަންނަށް ކޮށްދެވުނީ ކޮންކަމެއް؟ އެކަމަކު އޭނަ... އޭނަ ޝާމިންއަށްޓަކައި ނުކުރަނީ ކޮންކަމެއް؟ "

" މުނާ މޮޔަވީތަ؟ ކީކޭ ކިޔަން ތިއުޅެނީ ؟ " ޝާމިންގެ އަޑު ބާރުވިއެވެ. އެވަގުތު ތުއްތު ޝާއިނާ ކުކުރާލި އަޑަށް ޝާމިން އަވަސް އަވަހަށް ގޮސް ދަރިފުޅު ނަގާ އުރާލިއެވެ.

" އޭނަގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާތީއެއްނު އަަހަރެން މިއައީ! އަހަރެން ޖޮބް ދޫކޮށްލީ! އަދި މާލެ ދޫކޮށް ރަށަށް ބަދަލުވީވެސް އަހަންނަށް އޭނަ ކަމުނުދާތީއެއްނު! "

ޝާއިނާ އުރާލައިގެން އައިސް މުނާގެ ކުރިމަތީގައި ހުއްޓުމާއެކު މުނާ ބަލައިލީ ޝާމިންގެ މޫނަށެވެ.

" އަހަންނަށް މި ދަރިފުޅުގެ ލޯބިވެސް ފުދޭ! "

އެހެން ބުނެ ޝާއިނާ އުރާލުމަށްފަހު އެނދުގައި އިށީނެވެ. އިތުރަށް އެވާހަކަތައް ދައްކަން ބޭނުން ނުވާތީ ޝާމިން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ.

ޝާމިން ގޮސް ސިޓިންގރޫމްގައި ހުރި ސޯފާގައި އިށީނުމާއެކު ރީހާން ގުޅަންފެށިއެވެ.

" ފައިހާ ގެއަށް ގޮސް ބުނި އެއްޗަކުން މަ މިގުޅީ... ކިހިނެއްތަ ވީ ؟ ބަސްޓް ވީތަ؟ "

ހިތަށް ލުޔެއް ލިބޭތޯ، ކަންތައް ވީ ހުރިހާ ގޮތެއް ޝާމިން ރީހާންއަށް ކިޔައިދިނެވެ.

" މަށަށް ހީވަނީ މުނާ މިހާރު އެ ވިސްނަނީ ގޯސްކޮށްހެން. ކަލޭ ކީއްކުރަންދެން އެހާ ތަފްސީލްކޮށް ކިޔައިދޭންވީ.. އޭނަ ދެރަވާނެ އެއްނު! "

ރީހާން އެހެން ބުނުމުން ޝާމިންވެސް އެކަމާ އެއްބަސްވިއެވެ.

" އެކަމަކު އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާތީ ކިޔައިދެވުނީ އަސްލު! ދެން އޯކޭތާ! މުނާ ވިސްނާނެ ގޮތަކަށް ވިސްނަން ދޫކޮށްލީމި! އަހަންނަށް އެނގޭހާވެސް އެއްޗަކީ ވަރިވާކަށް ބޭނުމެއް ނުވާނެކަން! ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ!"

ޝާމިން އުއްމީދުކޮށްގެން ހުރީ ރަނގަޅުގޮތެއް ވާނެކަމަށެވެ. ޝާމިންގެ ވާހަކަ ތަކުން މުނާގެ ހިތަށް ކޮށްފައިވާ އަސަރުތަކާއި ނަގަމުންދާ ދިލަ އޭނާއަށް އިޙްސާސްވެސް ނުވާ ކަހަލައެވެ. ރީހާންއާ ވާހަކަ ދެއްކުމަށްފަހު އެނބުރި އައިސް ކޮޓަރިއަށް ވަތްއިރުވެސް މުނާ އިނީ އެނދުމަތީގައެވެ. ކުޑައެނދުގައި ޝާއިނާ ނިދާފައި އޮތެވެ.

"ދެން ކުޑަކޮށް ރެސްޓްކޮށްލަން ޖައްސާާލަންވީނު! އަހަރެން ބުނެފީމެއްނު އެކަމާ ދެން ނުވިސްނާށޭ! އަހަރެން ލޯބިވަނީ ހަމައެކަނި މުނާދެކެއޭ! މަ އޭނަ ބޭނުން ވެގެންނެއް ނޫޅެމޭ! "

" ޝާމިން! އަހަންނަށް އެނގެޔޭ ހުރިހާ އެއްޗެއްވެސް! އެކަމަކުވެސް އަހަރެން... ދޫކޮށްލާ! "

މުނާގެ ޖުމްލަ އާއި އެކު ޝާމިންއަށް ސިހުން ލިބުނެވެ. އޭނާއަށް އެނދުންވެސް ތެދުވެވުނެވެ.

" މުނާ! ކިހިނެއް ވެގެން ތިއުޅެނީ ؟ މޮޔަވީތަ؟ މަ ކިހިނެއް މުނާއާ މި ދަރިފުޅާ ނުލާ އުޅޭނީ؟ މިދުނިޔޭންވެސް ތި ނޫންބައެއް މަ ބޭނުމެއްނޫން!"

މުނާ މަޑުމަޑުން ޝާމިންގެ އަތުގައި ހިފާލިއެވެ. އަދި ރޮވިފައި އިނދެ ބުންޏެވެ.

" އަހަރެންވެސް ޝާމިންދެކެ ވަރަށް ލޯބިވޭ! ލޯބިވާތީ މިބުނީ އަހަރެމެންނާ ދުރަށް ދާށޭ! އަހަންނާ އިނދެގެން އުޅޭހާ ހިނދަކު ޝާމިން ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ނުހެދޭނެ! ޝާމިންގެ ކެރިއަރ ދޫކޮށް ރަށަށް ދިޔައީމަ ޝާމިންގެ ކެރިއަރ ވަޅުޖެހޭނެ! ޝާާމިން އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ! "

މުނާގެ ވާހަކަތަކުން ޝާމިންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް މުނާގައިގައި ބައްދާލިއެވެ. އަދި އޭނާގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

" ނޫން ލޯބި! އަހަރެން ތި ދެމީހުން ނޫން އެއްވެސް ކަމެއް ބޭނުމެއްނޫން.. އަހަރެން އެހުވަފެން ބެލުން ހުއްޓާލިތާ ކޮން ދުވަހެއް؟ މިހާރު އަހަރެން ދެކެމުން އަންނަ ހުވަފެނަކީ އަހަރެމެންގެ ކުޑަކުޑަ އާއިލާ ލޯބިން ރަށުގައި އުޅޭތަން ބެލުން. މޫދަށްގޮސް ދަތުރުގޮސް އުޅޭތަން ބެލުން. އަދި އަހަރެމެންނަށް އިތުރު ދަރިންތަކެއް ލިބި އުފާވެރި ދިރިއުޅުމެއް އުޅޭތަން ބެލުން.. އެއީ އަހަރެންގެ ހުވަފެންތައް! "

ޝާމިންގެ ކޮންމެ ޖުމްލައަކުން މުނާއަށް ރޮވެއެވެ. ކުއްލިއަކަށް ޝާމިންގެ ފޯން ރިންގްވާންފެށިއެވެ. ގުޅަނީ ޝެރީންގެ ނަންބަރުންނެވެ. ފޯންގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ ޝާމިން މުނާއަށް ބަލާލިއެވެ. އެއާއިއެކު ދެލޮލުން ކަރުނަތައް ފޮހެލަމުން މުނާ ޝާމިންއަށް ފުރަގަސްދިނެވެ.

" ނަގާބަލަ! އަހަންނަށް އިވޭވަރަށް ވާހަކަ ދައްކަބަލަ! " މަޑުމަޑުން މުނާ ބުނެލިއެވެ. އެއާއެކު ޝާމިންގެ ލޭ ހޫނުވެގެން ދިޔައެވެ. މުނާ ދެރަވެފައިހުރިވަރު އިޙްސާސްވުމުން ޝެރީން ދެކެ އިންތިހާއަށް ރުޅިވެސް އާދެވުނެވެ. އޭނާ ބޭނުންވީ ޝެރީން ދުވަހަކުވެސް ނުގުޅާވަރަށް ޝެރީންއަށް އެއްޗެހި ކިޔާލާށެވެ.

" ކިތައް ފަހަރު ބުނާނީ ދެން އަހަންނަށް ނުގުޅާށޭ! އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނާށޭ! "

ޝާމިން ބާރު ބާރަށް އެހެން ބުނުމާއެކު އެކޮޅުން ވާހަކަދެއްކީ ޝެރީންގެ ބައްޕައެވެ. އެއީ ޝާމިންގެ ބޮސްއެވެ.

" އަހަރެންގެ ދަރިފުޅު މިރޭ އެދަނީ މަރާ ހަނގުރާމަކުރަމުން! އެއް ފަހަރު ނަމަވެސް އޭނާގެ މޫނު ދެކިލަން އައިސްދިނުމަށްއެދި މި ބައްޕަ ޝާމިންގެ ކިބައިން މި ސަލާން ޖަހަނީ! ދުވަހަކުވެސް މީހެއްގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްފައެއް ނޯންނާނެ! އެކަމަކު ޝާމިން ގާތު އަހަރެން ކުޑަކަކޫ ޖަހާ އާދޭސްކުރަން! ޓްރީޓޮޕް ހޮސްޕިޓަލަށް އައިސްދީ! "

ޝެރީންގެ ބައްޕައަކީ ޝާމިން ނުހަނު ޤަދަރު އިޙްތިރާމްކުރާ މީހެއްކަމުން އޭނާގެ ކުރިމަތީގައި އިންކާރު ކުރާކަށްވެސް ނުކެރުނެވެ.

" މުނާ އަހަންނާއެކު ހިނގާ! " ޝާމިން ބޭނުންވީ މުނާ ގޮވައިގެން ދާށެވެ. އެއީ މުނާވެސް ބޭނުންވާނެގޮތްކަން އޭނާއަށް އެނގެއެވެ. ޝާއިނާގެ ބުއްފުޅި ތައްޔާރުކޮށްލުމަށްފަހު ސޮފާއާއި ޙަވާލުކޮށް އެމީހުން ހުޅުމާލެދިޔުމަށް ނިކުތެވެ. އޭރުވެސް ޝާމިންގެ ހިތް އެފުށް މިފުށަށް ޖެހެއެވެ. ދިރިއުޅުމަށް އަންނަން އުޅެނީ ކިހާބޮޑު އިންޤިލާބެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ކާރުތެރޭގައިވެސް އެކަކު އަނެކަކު ވާހަކައެއް ނުދައްކައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް ދެވުމާއެކު ޝާމިންއާއި މުނާއަށް ދާންވީ މިސްރާބުދައްކައިދިނުމަށް މީހަކު އައެވެ. އަދި ޝެރީން އޮތް ރޫމް އޭނާ ދައްކާލުމަށްފަހު ދިޔައެވެ. އެ ރޫމްގައި ހުރީ ޝެރީންގެ މައިންބަފައިންގެ އިތުރުން އޭނާގެ އަންކަލް ލަތީފްއެވެ. އޭރުވެސް ޝެރީންގެ މަންމަ ގިސްލާ ރޮމުންދެއެވެ. އެމީހުން ތިބީ ޝެރީން އޮތް އެނދު ކައިރީގައެވެ. ޝާމިން އާއި މުނާ ގޮސް ހުއްޓުނީ އެ އެނދުގެ ކޮޅުގައެވެ.

" މިހާރު އެއޮތީ ނިދާ އިންޖެކްޝަނެއް ޖަހާފަ ނިންދަވާފަ! "

ލަތީފް އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ސުވާލުގެ ނަޒަރަކުން ޝާމިންއަށް ބަލާލެވުނީ ލަތީފްގެ މޫނަށެވެ.

" ޝެރީންއަކީ ހިތުގެ މައްސަލަ ހުންނަ ކުއްޖެއް! އެހެންވެ އަހަރެމެން އޭނަ ބޭނުންވާ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ކޮށްދެން! މާބޮޑަށް ހާސްވެ ދެރަވީމަ ޝެރީން ވަރަށް ބޮޑަށް ބަލިވާނެ! ޑިޕްރެޝަންއަށް ބޭސްކަމުން މިހާރުވެސްދަނީ..! މިއަދު ޝާމިންގެ ވާހަކަތައް އަބަދު ދައްކަނީ! ދުވަހަކުވެސް ތިމަންމައަކަށް ނުލިބޭނެޔޭ ކިޔާފަ ރޮއިރޮއިފަ އުޅުނީ.. އަހަރެމެން ވަރަށް ވިސްނައިދިނިން.. އެކަމަކުވެސް ދެން ގޮސް ޑިޕްރެޝަނަށް ކަމުންދިޔަ ހުރިހާ ބޭހެއް ކާލީ އެއްފަހަރާ! "

ލަތީފް އެހެން ބުނުމާއެކު މުނާއަށްވެސް ލިބުނީ ހައިރާންކަމެވެ. އަމިއްލަ ނަފްސު ގެއްލުމުގެ ތެރެއަށް ވައްޓާލުމަކީ އޭނާއަށް ފަހަރެއްގައިވެސް ކުރެވިދާނެކަމެއް ނޫނޭ ހިތަށްއެރިއެވެ.

" އަޅުގަނޑު ކީއްތޯ ކޮށްދެންވީ ؟ އެނގިލައްވައެއްނޫންތޯ މިހާރު އަޅުގަނޑުގެ އާއިލާއެއް އޮތްކަން؟ "

ޝާމިން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" އެނގޭ ހުރިހާ ކަމެއްވެސް އެނގޭ! އަހަރެމެން އެއްގޮތަކަށްވެސް ބޭނުމެއް ނޫން ޝާމިންގެ އާއިލާ ރޫޅިދާކަށް! އެކަަމަކު އަހަރެން ބޭނުންވީ ޝާމިންއަށްޓަކައި އަހަރެންގެ ދަރިފުޅު ތަޙައްމަލްކުރަމުންދާ ވޭން ، ޝާމިންގެ ލޮލުން ދެކިލަން! ޝެރީންއަށް ކުޑަނަމަވެސް ޖާގައެއް ދިނުމަކުން ޝާމިންގެ އާއިލާ ހަލާކެއް ނުވާނެ! "

ދެރަވެލާފައި ޝެރީންގެ މަންމަ ބުނެލިއެވެ. އޭނާ ބަލާލީ މުނާގެ މޫނަށެވެ. ސިހިފައި މުނާ އިސްޖަހާލިއެވެ

" އަހަރެން ބޭނުންވަނީ މިދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން! ދެން މީނަ ކުރާނީ ކީއްކަމެއްވެސް ނޭނގެ! ޝެރީންއަކީ ޝާމިންގެ ޙަޔާތް އަލިކޮށްދޭ އަލިގަދަ ނޫރެއްކަމުގައިވާނެ! "

ޝެރީންގެ ބައްޕަ އިތުރުކޮށްލިއެވެ. އެއާއިއެކު ޝާމިންއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

" ކަލޭމެން ތި ވިސްނަނީ ކަލޭމެންގެ ދަރިފުޅާމެދު! އެއްފަހަރުވެސް އަހަރެންގެ އަނބިމީހާއާއިމެދު ވިސްނާލަބަލަ! އޭނާ ބޭނުންވާނެތަ އޭނަގެ ފިރިމީހާ އެއްވެސް އަންހެނަކަށް ޝެއަރކުރަން؟ ޝެރީންގެ މަންމަ ބޭނުންތަ ޝެރީންގެ ބައްޕަ އެހެން މީހަކާ އިންނަން؟ މުނާ ދެރަވާނެވަރު ވިސްނޭތަ؟ ނޫނީ މަށާމެދު ވިސްނާލީންތަ؟ އަހަންނަށް ފަސޭހަކަމެއް ނޫންތި! އަހަންނަށް ޝެރީންދެކެ ލޯތްބެއް ނުވެވޭނެ! "

ޝާމިން މުނާގެ އަތުގައި ހިފައިގެން ބާރުބާރަށް ހިނގައިގަތެވެ. ހޮސްޕިޓަލުން ނިކުމެ ނިކުމެ ހުއްޓާ، ލުތްކެއް ޖަހާފައި މުނާ، ޝާމިންގެ އަތް ފޮޅުވާލިއެވެ. އަދި ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. އަވަސް އަަވަހަށް ޝާމިން ފަސްއެނބުރި ބަލާލިއެވެ.

" ޝާމިން! ތިހާ އަނިޔާވެރިނުވޭ! ޝާމިންގެ ދެފައިގައި ނުހިފިޔަސް ، އެ އާދޭސްކުރީ ދަރިއެއްގެ ފުރާނައިގެ ޙައްޤުގައި ނިކަމެތި މަންމައެކޭ! އަހަރެންވެސް މިއީ މަންމައެއް! މައިންގެ އިޙްސާސްތައް މިހާރު އަހަންނަށްވެސް އެނގެޔޭ! ދަރިޔަކު ގެއްލިދާނެ ކަމުގެ ބިރަކީ ވަރަށްވެސް ވޭނީ ބިރެއް! ޝާމިން! ދޭ! ގޮސް އެމީހުން ކައިރިން މަޢާފަށް އެދޭ! ކިތަންމެ މުއްސަނދި ބަޔަކަށްވިޔަސް މިއަދު އެމީހުން އެތިބީ އަހަރެމެންނަށްވުރެ ނިކަމެތި ޙާލުގައި! ކީއްވެ؟ ހަމަ އެންމެ ސަބަބަކަށްޓަކައި.. އެމީހުންގެ ދަރިފުޅުގެ ލޯތްބަަށްޓަކައި! ދުވަހަކުވެސް ސަލާން ނުޖަހާ ބައްޕަ، މިއަދު ކުޑަކަކޫ އެޖެހީ އޭނާގެ މުވައްޒަފެއްގާތު! ކީއްވެ؟ އޭނަގެ ދަރިފުޅުގެ އުފަލަށްޓަކައި! ދަރިފުޅުގެ ޙައްޤުގައި..! ޝާމިން! އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްނޫން! އަހަންނަކަށް އެމީހުންގެ ހިތަކު ނުޖެއްސޭނެ! ޝާމިން! އަހަންނަށް މަޢާފްކުރޭ!... "

މުނާ ރޮމުން ރޮމުން ބޭރަށް ދުއްވައިގަތެވެ. އެއާއިއެކު ފަހަތުން ޝާމިންވެސް ބާރު ބާރަށް ނިކުތެވެ.

" މުނާ އަހަންނަކަށް ނުވާނެ ތިކަމެއް! އަހަރެން ލައްވާ ގަދަކަމުން ކަންތައްތައް ނުކުރުވަބަލަ! ހެޔޮނުވާނެ! "

ޝާމިން ގޮސް ހިފީ މުނާގެ އަތުގެ މުލައްދަނޑީގައެވެ. އެއާއިއެކު މުނާ ޝާމިންގެ އަތް ނައްޓުވާލިއެވެ.

" ޝެރީން މިއަދު ލޯމަރާލިޔަސް.... ޝާމިންއަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ! އަމިއްލަ ނަފްސު ކުށްވެރި ކުރެވޭނެ! "

އެހެން ބުނުމަށްފަހު ދޮރުމަތީގައި އޮތް ކާރަށް މުނާ އަރައިފިއެވެ. އޭރުވެސް ޝާމިންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މުނާ އެބުނި ޖުމްލައިން އޭނާއަށް އުނދަގޫކުރުވިއެވެ. ހަދާނެގޮތް ހުސްވެ ޝާމިންއަށް ހުރެވުނެވެ.

ޝާމިން އަންނާނެ އިރެއްގެ އިންތިޒާރުގައި މުނާ އިނެވެ. ގަޑިން ބާރަ ޖަހާ ބޮޑުވުމުން ޝާމިންއަށް ގުޅާލަން ފޯނު ހޯދަން ފެށިއެވެ. ހަމަ އެވަގުތެވެ. ގައިން ހަކަތަ ހުސްވެފައިވާ މީހެއް ފަދައިން ޝާމިން އައިސް ވަނެވެ. އައި ގޮތަށް ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އެނދުގައި އިށީނދެލިއެވެ.

" މުނާ! ވަރަށް ބޮޑަށް ޝުކުރިއްޔާ! "

އާދައިގެ ރާގަަކަށް ޝާމިން އެހެން ބުނުމާއެކު މުނާ ހައިރާންވެފައި ބަލާލިއެވެ.

" މުނާގެ މޮޅު ޑައިލޮގްތައް އަޑުއަހާފަ ބޯ ހާސްވެގެން އަހަރެން އަނބުރާ އަނެއްކާ ޝެރީން އޮތް ރޫމަށް ދިޔައިން! އަހަަރެން އެންމެން ކައިރިން މަޢާފަށްވެސް އެދުނިން... ދެން އެނގޭތަ ވީގޮތް.. އަޑުއަހާނެ ހިތްވަރު ހުންނާނެތަ؟ "

ޝާމިން ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އޭރު ފައިން ފެށިގެން ބޮލާހަމައަށް މުނާގެ ހަށިގަނޑޫ ތުރުތުރުއަޅާހެން އޭނާއަށް ހީވެއެވެ.

" ޝެރީންއަށް އަހަރެން ފެނުމާއެކު ވަރަށް އުފަލުން އުޅުނީ! އޭރު އޭނަ ހުރީ ވަރަށް ބޮޑަށް ހަމައަކަށް އެޅިފަ! އެކަމަކު ޝެރީންގެ މަންމައާއި ބައްޕަ... ވަގުތުން ބުނެފި ޝާމިން އެއައީ މުޅި އުމުރަށް ޝެރީން ބަލަޔޯ! އަސްލު އެމީހުން ބިރުގަތީ ޝެރީން ބަލިވެދާނެތީ! އެމީހުން ބޭނުންވީ ޝެރީން އުފާކޮށްދޭން.. އެންމެ ފަހުން.. އެންމެ ފަހުން.. އަހަންނާ އިންނަން ޝެރީން މިރޭ ރަންވެސް ކިޔައިފި! "

މުނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް އެވާހަކަތައް ޤަބޫލުކުރަން ނުހަނު ދައްޗެވެ. އެހެނަސް ޝާމިންގެ މޫނުމަތިން އެއީ ތެދެއްކަން ހާމަވެއެވެ.

" ކީކޭ؟ ނޫން... ތީ ދޮގެކޭ ބުނޭ! "

މުނާއަށް ފުރަތަމަވެސް ހިފުނީ ޝާމިންގެ ގަމީހުގެ ގިރުވާނުގައެވެ. ޝާމިން ބާރުބާރަށް މުނާގެ ދެއަތުގައި ހިފާ އޭނާ ދުރުކޮށްލިއެވެ.

" އަހަރެން އެކަމަށް އެއްބަސް ނުވާހާ ހިނދަކު އެހެން ކިޔާލަ ކިޔާލަ ހުރީ! މުނާ ބޭނުންވީ އަހަރެން މުނާދެކެ ލޯބިވާވަރު އިމްތިޙާންކުރަންތަ؟ ތިކަމުން މުނާއަށްވެސް އަހަންނަށްވެސް ކިހާބޮޑު ދެރައެއް މިލިބުނީ.. އަދި ބުނަންތަ؟ ލޯބި ނުވާ މީހަކާ އިނދެގެން އުޅުމަކީ އަހަންނަށް ކުރެވޭނެ ކަމެއްނޫން.. މުނާ ނޫން މީހަކު މަ ބޭނުމެއްނޫން! އެކަމަކު... ހަފްތާއެއް ފަހުން މަށާ ޝެރީންގެ ކައިވެނި ކުރެވޭނެ! ދެން... ކެތްކުރޭ! "

ޝާމިން ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ގޮތްހުސްވެފައިހުރި މުނާ އަނެއްކާވެސް ގޮސް ޝާމިންގެ މެދުހަށީގައި ބެއްދިއެވެ.

" ނޫން... ކެތެއް ނުވާނެ! އަހަރެން ބޭނުމެއް ނޫން ޝާމިން އެހެން މީހަކާ އިނދެގެން އުޅޭތަން ދެކޭކަށް! ތީ ހަމައެކަނި މަގޭ މީހެއް! ޕްލީޒް ޝާމިން! ދޭ! ގޮސް ފޯމް ކެންސަލްކޮށްލާ! އަހަންނާމެދު އެއްފަހަރުވެސް ވިސްނާލަބަލަ! "

" މުނާ! އަހަރެން މުނާއާއިމެދު ވިސްނާފައެއް ނޫންތަ ޝެރީންގެ މަންމައާ ދިމާލަށް އެއްޗެހިކީ! އެކަަމު މުނާއެއްނު ހަމްދަރުދީވެގެން އަހަރެން އެތަނަށް ފޮނުވީ! މުނާ ގަސްތުގަ އަަހަރެން އެތަނަށް ފޮނުވީ! މުނާ ބޭނުންވިގޮތް މީ! "

ޝާމިން ބާރުބާރަށް ބުންޏެވެ.އެއާއިއެކު މުނާ މައިތިރިވިއެވެ. އަދި އެނދުގައި ނިދާފައި އޮތް ޝާއިނާއަށް ބަލައިލިއެވެ.

" އަހަރެން ޝެރީންއާ އިނުމަކުން ޝާއިނާއާ މުނާއަށް އެއްވެސް ނިކަމެތިކަމެއް ނުލިބޭނެ! ހުރިހާވެސް ނިކަމެތިކަމެއް ލިބޭނީ ހަމަ ޝެރީންއަށް! "

އެހެން ބުނުމަށްފަހު ޝާމިން ނިކުމެގެން ދިޔައެވެ. ހިނގާދިޔަ ކަންތައްތައް ޤަބޫލު ކުރަން ދަތިވެފައި މުނާއަށް ހުރެވުނެވެ.

" އޯ އެމް ޖީ! ހަމަ އަސްލުވެސް އަހަންނަށް ޝާމިން ލިބުނީތަ؟ ޝާމިން އަހަރެންދެކެ ލޯބިވާކަން އޭރުވެސް އަހަންނަށް އެނގެޔޭ! "

ޝެރީން އުފަލުން ހެމުން ވާހަކަ ދެއްކިއެވެ. އެއާއެކު އޭނާގެ މަންމަ ޝެރީންގެ ބޮލުގައި ފިރުމާލިއެވެ.

" ދަރިފުޅު އުޅެންވާނީ މިގޭގަ! ޝާމިންވެސް އަންނާނީ މިގެއަށް! "

ޝެރީންގެ މަންމަގެ ޖުމްލައިން ޝެރީން އިތުރަށް ހީލިއެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (16)

ސިލްސިލާ ވާހަކަ: ޙައްޤުގައި (16)

(ނިމުނީ)