ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 ހެކްޓަރުގެ ބިން ހިލޭ ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 22 ވަނަ އަހަރުގެ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައެވެ.

Ad
rt

މިގޮތަށް ފާސްކުރީ އެޖަލްސާގައި ބައިވެރިވި ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.

އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 ހެކްޓަރުގެ ބިން ހިލޭ ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމީ އެކަމަށް އެދި ދަނޑުވެރިކަމާއި، މަސްވެރިކަމާއިބެހޭ ވުޒާރާއިން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެންނެވެ. އަދި މި ބިންދޫކުރުމުގެ ކުރިން ޑިސެމްބަރު 24 ވަނަ ދުވަހު އެ ކައުންސިލުން ވަނީ ދަނޑުވެރިކަމާއި، މަސްވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރާއި މަޝްވަރާ ކުރައްވާފައެވެ.

އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އެޅުމަށް ބިންދޫ ކުރުމަށް ކައުންސިލުން ނިންމި ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް

މަސްވެރިން ބާނައިގެން ގެންނަ މަސް ފަސޭހަކަމާއެކު ދޯނިން ބާލައިގެން މަސް ގަންނަ ސެންޓަރަށް ކިރުވުމަށް އަދި މަސް ގަންނަ ސެންޓަރުގައި ފްރީޒްކުރާ މަސް ފަސޭހަކަމާއެކު މަސް އުފުލާ އުޅަނދުތަކަށް އެރުވުމަށް ފަސޭހަވާނޭހެން، މަސް ގަންނަ ސެންޓަރު އަޅަން ހަމަޖައްސާ ބިން އެރަށުގެ ބަނދަރާއި ކައިރިން ނުވަތަ ބަނދަރާއި އިންވެގެން ހަމަޖައްސައި ދިނުމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން އިހަވަންދޫ ކައުންސިލްގައި އެދިފައިވާތީ އެކައުންސިލުން މި ބިން ދޫކުރަން ނިންމާފައި ވަނީ އެރަށުގެ ބޯޑު ޔާޑުގެ އިރުންނެވެ.

އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް ގާއިމު ކުރަން ސަރުކާރުން ނިންމާފައި ވަނީ، އުތުރުގެ ސަރަހައްދުގެ މަސްވެރިން ބާނާ މަސް ގަތުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ދަނޑުވެރިކަމާއި، މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެފަވެއެވެ. މި މަޝްރޫޢުގެ ދަށުން އިހަވަންދޫގައި ގާއިމުކުރަން ނިންމާފައި ވަނީ 500 މެޓްރިކް ޓަނުގެ މަސް ފިނިކޮށް ފްރޯޒަން މަހުގެ ގޮތުގައި ބެހެއްޓޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 120 ޓަނުގެ މަސް ފްރީޒް ކްރެވޭނެ ބްރައިން ފްރީޒިން ކެޕޭސިޓީ ޤާއިމުކުރަން ވަނީ ނިންމާފައެވެ.

އިހަވަންދޫ ކައުންސިލް އެކުލެވިގެންވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ 6 ކައުންސިލަރުންނާއި، ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީގެ ކައުންސިލަރެއް ހިމެނޭހެންނެވެ. އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި އެދުވަހު ކައުންސިލަށް ހާޟިރުވެވަޑައިގަތް ނަމަވެސް، މި ނިންމުން ނިންމި ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު ބައިވެރިވެވަޑައި ނުގަންނަވައެވެ.