ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހު ކޮށްފިއެވެ.
ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ، ވެބްސައިޓް އަދި ކޮމިއުނިޓީ ވައިބާ ގުރޫޕް އިފްތިތާހް ކޮށްފައި ވަނީ، ރޭ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން "ޚިދުމަތްތެރިންނާއި އެހީތެރިންގެ ހަނދާނީ ގުލްޒާރު 2022" ގެ ނަމުގައި އެ ރަށުގައި ބޭއްވި ޖަލްސާގައެވެ. އިފްތިތާހް ކޮށްދެއްވާފައި ވަނީ ރޭގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖެވެ.
ކައުންސިލުގެ ރަސްމީ ކުލައެއްގެ ގޮތުގައި ޓީލް ބުލޫ ކަނޑައަޅާފައިވާއިރު، ރޭގެ ހަފްލާގައި ވަނީ އެ ކައުންސިލުގެ މަސައްކަތު ޔުނީފޯމް ވެސް ތަޢާރަފްކޮށް ދައްކާލާފައެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ތަޢާރަފް ކުރެވިގެންދިޔަ ކޮމިއުނިޓީ ވައިބާ ގްރޫޕްގެ ސަބަބުން ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ވަރަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ކައުންސިލުން ނިންމާ އެންމެހާ ނިންމުންތަކާއި ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދިވެސް ކައުންސިލާއި ގުޅުންހުރި ކަންކަމުގެ ތަފްސީލީ މަޢުލޫމާތު ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަން އަބްދުﷲ ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ވަނީ ދިއްދޫ ކައުންސިލަށް 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށާއި، އެސްއެސްސީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނިފައިވާ ދިއްދޫގެ ދަރިވަރުންނަށާއި، އެ ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށާއި ކައުންސިލުގެ ރައީސްކަމާއި ކަތީބުކަން ކޮށްފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!