ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވީ ނުހައްގު އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެއީ ދިވެހިންނަށް ލިބުނު ނިކަމެތި ކަމެއްކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
އެ ކައުންސިލުން މިހެން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި އެކައުންސިލުން ވިދާޅުވެފައި ވަނީ، ޔާމީނަށް އިއްވީ ނުހައްގު ޖަލު ހުކުމެއްކަމަށެވެ. އަދި އެ ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ވާދަކުރައްވަން ގިނަ ރައްޔިތުންގެ ރުހުމާއެކު ނިކުންނެވުމުން އެ ފުރުސަތު ނިގުޅައިގަތުމަށް ކޮށްފައިވާ ހުކުމެއް ކަމަށް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ޔާމީނަކީ މުޅި ރާއްޖެއަށާއި ފުނަދޫގެ ތަރައްގީއަށް ވެސް ގުނާ އަދަދު ނުކުރެވޭ ފަދަ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ އިހްތިރާމާއި ލޯބި ހޯއްދަވާފައިވާ ރައީސެއް ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ޔާމީނަށް ކޮށްފައިވާ ހުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެންދިޔަ ނިކަމެތި ކަމެއް ކަމަށާއި ރާއްޖެއަށް ލިބެން އޮތް ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެންދާނެ ކަމެއްގެ ގޮތުގައި ވެސް ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެސް ވެއެވެ.
ހަމަމިއާއެކު މި ހުކުމް ކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއި އެކުގައިކަން އެނގިހާމަވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކަމާއިގުޅުންހުރި ހުރިހައި މުވައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވައިލާފަ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން ތިން މެންބަރަކު ނިސްބަތް ވަނީ އިދިކޮޅު ޕީޕީއެމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!